ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީނާއި ގާސިމް ސަލާމްކުރައްވަނީ: 2013ގައި ޕީޕީއެމުން ވެރިކަން ހޯދީ ޖޭޕީއާ އެކު ކޯލިޝަން ހަދައިގެން. (ފައިލް ފޮޓޯ/ރައީސް އޮފީސް)
ޕީޕީއެމް އާއި ޖޭޕީން މަޝްވަރާއަށް؛ ޖޭޕީގެ ނިންމުން މާދަމާ
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދައިގެން ދެ ވަނަ ބުރަށް ދިޔަ ޕީޕީއެމް-ޕީއެންސީން ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ފަށާފައިވާކަން 'ދައުރު'އަށް އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - ޕީޕީއެމް އިން ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައްް ނުކުރުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ލަފާދެއްވާފައިވެ އެވެ. އެ ލަފައާ އެއްގޮތަށް އިއްޔެ ހަވީރާ ޖެހެންދެން ވެސް ޕީޕީއެމް އިން ޖޭޕީއާ މަޝްވަރާކޮށްފައެއް ނުވެ އެވެ.
ނަމަވެސް، ޕީޕީއެމް އިން ޖޭޕީއާ މަޝްވަރާތައް ފެށީ، ޕީޕީއެމް-ޕީއެންސީ އަދި ޖޭޕީގެ ވެސް ބައެއް އިސް ބޭފުޅުން މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސްއާ އެކު ކުރި މަޝްވަރާތައް ފޭލުވުމުންނެވެ.
ތަފްސީލު - ޕީޕީއެމް އިން ޖޭޕީއާ އެކު މަޝްވަރާކުރަމުންދޭތޯ ސުވާލުކުރުމުން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނު މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ ހުރިހާ ޕާޓީތަކާ އެކު ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، މިއަދު މެންދުރު ފަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވަނީ އޭގެ ތެރެއިން އަދި މިހާތަނަށް އެއްބަސްވި ޕާޓީތަކުން ކަމަށެވެ.
އެނގުން މުހިންމު - މިއަދު މެންދުރު ފަހު 2ގައި ބާއްވާ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވަނީ، ޕީޕީއެމް-ޕީއެންސީއާ އެކު ދެ ވަނަ ބުރުގައި ކުރިއަށްދާން ރޭ ނިންމި އެމްއެންޕީންނެވެ. އެމްއެންޕީގެ ޓިކެޓުގައި ވާދަކުރެއްވި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް މިދިޔަ ހޮނިހިރު ދުވަހުގެ އިންތިހާބުގައި ލިބިވަޑައިގަތީ އެންމެ 1،905 ވޯޓެވެ.
ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާތައް ކުރިއަށް ގެންދޭތޯ ތަކުރާރުކޮށް ސުވާލުކުރުމުން އެކަން ތޮލާލް ދޮގެއް ނުކުރައްވަ އެވެ.
"ހުރިހާ ޕާޓީތަކާ އެކީ ވެސް މަޝްވަރާތައް ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.
ޖޭޕީގެ އިސް ތަރުޖަމާނު އަދި ޓްރާންސްޕޯޓްގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ ޕީޕީއެމްއާ އެކު މަޝްވަރާތަކެއް ކުރިއަށް ދާކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ. ކޮންމެ ޕާޓީއަކާ އެކު މަޝްވަރާ ކުރި ނަމަވެސް، މާދަމާ ބާއްވާ ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ގޮތެއް ނިންމާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ގުޅުން ހުރި ކަމެއް - ޕީޕީއެމް އާއި ޖޭޕީން މަޝްވަރާތައް ކުރިއަށް ގެންދާއިރު، ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވުމަށް ފަހު، ސިޔާސީ ޕާޓީތަކާ އެކު ކޯލިޝަން ހެއްދެވުމަށް މަޝްވަރާތައް ކުރައްވަމުން އަންނަ ކަމަށާއި ބައެއް ޕާޓީތަކުން އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ފެހި ސިގްނަލް ލިބިވަޑައިގެންފައިވާ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއްޔެ ވިދާޅުވެފަ އެވެ.
ރައީސް ސޯލިހުގެ ފަރާތުން ވެސް ކޯލިޝަން ހެދުމަށް ޖޭޕީއަށް ހުށަހެޅުންތަކެއް ލިބިފައިވާކަން ޖޭޕީގެ އޮފިޝަލަކު އިއްޔެ ވަނީ 'ދައުރު'އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ފަސްމަންޒަރު - 2018 ވަނަ އަހަރު ކޯލިޝަަން ސަރުކާރެއް ގެނައުމަށް ޖޭޕީން އެމްޑީޕީއާ އެކު މަސައްކަތް ކުރި ނަމަވެސް، މި ފަހަރުގެ އިންތިހާބުގައި އެ ޕާޓީން ވާދަކުރީ ވަކިންނެވެ.
މީގެ ކުރިން 2008 އަދި 2013ގައި ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވެސް ތިން ވަނަ ހޯއްދެވި ގާސިމްއަށް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 5،545 ވޯޓާ އެކު ލިބިޑައިގެންފައި ވަނީ ފަސް ވަނަ އެވެ. އެއީ، އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަަރު ނަސީރަށް ވުރެ ވެސް ދަށް ނަތީޖާ އެކެވެ.
ތިން ވަނަ ފަހަރަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ގާސިމްގެ ޖުމްހޫރީ ޕާޓީގައި 22،600އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެހެންކަމުން، 17،000 ޖޭޕީގެ މެންބަރުންގެ ވޯޓު ގާސިމްއަށް ނުލިބޭކަން ވަގުތީ ނަތީިޖާ އިން ދައްކަ އެވެ