އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ދައުރު ފޮޓޯ/ ހުސެއިން ސުނައިން)
ނަޝީދާއި އީވާގެ އިތުބާރުގެ މައްސަލަ ނަގަން ނިންމި ނަމަވެސް ޖަލްސާ ކުރިއަށް ގެންދަނީ
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)އިން މިރޭ ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު، ނަޝީދު މިއަދު މަޖިލިސް މެންބަރުންނަށް ފޮނުއްވި މެސެއްޖެއްގައި ވިދާޅުވީ، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާގައި ކުރިއަށް ގެންދަވާނެ ކަމަށެވެ. އެއާ އެކު މަޖިލީހުގެ އިދރާއިން އާންމުކުރި މާދަމާގެ ޖަލްސާގެ އެޖެންޑާގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން އެޖެންޑާ ކުރި އެވެ.
-
އިތުރަށް ކިޔާލަން: ނަޝީދުގެ އިތުބާރުގެ މައްސަލަ މާދަމާ؛ އެމްޑީޕީ މެންބަރުން ހިމޭނުން
މާދަމާގެ ޖަލްސާއާ ގުޅިގެން މިއަދު ބޭއްވި އެމްޑީޕީގެ ކުއްލި ޕީޖީ ބައްދަލުވުމުގައި ނިންމީ، ނަޝީދާއި އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ އަނބުރާ ގެނައުމަށެވެ. މިކަން ޕީޖީ ގްރޫޕުގެ ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް އަސްލަމް 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.
ބުނީ ކީކޭ؟- "އެއީ މިކަމުގެ ސަބަބުން މަޖިލިސްގެ މަސައްކަތްތައް ހުއްޓިފައި ވާތީ، މި ހަނގުރާމަ އިތުރަށް ކުރުމުގެ ބަދަލުގައި މަޖިލީހުގެ މަސައްކަތްތަކަށް ފުރުސަތު ދިނުމަށް ޕާޓީގެ މަޖިލީސް މެންބަރުންނަށް ފެންނާތީ،" ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންނަން ނިންމީ ކީއްވެގެންތޯ އެހުމުން އަސްލަމް ވިދާޅުވި އެވެ.
ގުޅުން ހުރި - ނަމަވެސް މަޖިލީހުގެ އިދާރާއިން މިރޭ ބުނި ގޮތުގައި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މައްސަލަ އަނބުރާ ގެންދާކަން އަދި މަޖިލީހަށް އަންގާފައެއް ނެތެވެ. އަދި މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވީ ނަމަވެސް މާދަމާގެ ޖަލްސާ އެޖެންޑާކޮށްފައިވާ ގޮތަށް ކުރިއަށް ގެންދާނޭ ކަމަށް ވެސް އިދާރާއިން ބުންޏެވެ.
ތަފްސީލު - މިދިޔަ ދުވަސްތަކުގައި މަޖިލީހުގެ މަސައްކަތްތައް ހުއްޓި، 'މަރުތަޅެއްގައި' އޮތުމުގެ އެއް ސަބަބަކީ، ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައި އޮތުމެވެ. އެ ދެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕީޖީން ނިންމި އިރު، އެ ޕާޓިގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އިންތިހާބުގައި ދެވަނަ ބުރަށް ގޮސްފައިވަނީ އެއް ވަނަ ހޯއްދެވި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ވުރެ 15،000 ވޯޓުގެ ތަފާތަކުންނެވެ. އެގޮތުން:
-
އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުުރުމަށް ނަޝީދު އެހީތެރިކަން ރައީސްއަށް ބޭނުންވާނެ؛ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ޕާޓީތަކާ އެކު މަޝްވަރާ ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުފައި
-
އެމްޑީޕީން ވަކިވެވަޑައިގެން ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓް، އިލްޔާސް ލަބީބު 15،000 ވޯޓު ހޯއްދެވި؛ އެއީ 3 ވަނަ
މި ދަނޑިވަޅުގައި އެ ދެ މައްސަލަ އަނބުރާ ގެންދަން ނިންމީ، އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދުގެ ތާއީދު ބޭނުންވާތީތޯ 'ދައުރު'ން އެހުމުން އޭނާ ވިދާޅުވީ، އެއީ ސަބަބެއް ނޫން ކަމަށެވެ.
"ނޫން، ނޫން. އެއްގޮތަށް ވެސް އެހެންނެއް ނޫން. ރައީސް ނަޝީދުގެ ތައީދު ވެސް މުހިންމު ވާނެ. އެކަމަކު މައްސަލަ އަނބުރާ ގެނައީ އެހެންވެގެން ނޫން. ހަމަ މަޖިލީހުގެ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވާތީ،" ދެވަނަ ދައުރެއް ކަށަވަރުކުރެއްވުމަށް ނުކުމެވަޑައިގެން ހުންނެވި ރައީސް ސޯލިހްގެ ރަނިންމޭޓް އަދި ހިތަދޫ އިތުރު ދާއިރާގެ އެމްޑިޕީ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަސްލަމް އެ ސުވާލުގެ ޖަވާބުގައި ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި ވަނީ، މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ ނިސްބަތަށް އައި ބަދަލާ އެކު ކޮމިޓީތައް އަލުން އެކުލަވާނުލެވި އޮތުމުންނެވެ. ކޮމިޓީތައް އެކުލަވާ ނުލެވުނީ، ޕާޓީތަކުން އެކަމުގައި އެއްބަސްވުމަކަށް ނާދެވިގެންނެވެ. ސަރުކާރަށް ތާއީދު ކުރާ މެންބަރުންނާއި ދެކޮޅު މެންބަރުން އެއް ބަޔަކު އަނެއް ބަޔަކު ގޯސްކޮށް، މިކަމުގައި ޒިންމާ އެބައެއްގެ ބޮލުގައި ދިޔައީ އަޅުވަމުންނެވެ.
-
އިތުރަށް ކިޔާލަން: މަޖިލިސް ހުއްޓުވުމުގައި ދެ ފަޅިން ވެސް ފެންނަނީ ގޯސްތައް