ނަޝީދުގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ. (ފޮޓޯ/ މަޖިލިސް)

ނަޝީދުގެ އިތުބާރުގެ މައްސަލަ މާދަމާގެ ޖަލްސާއަށް؛ އެމްޑީޕީ މެންބަރުން ހިމޭނުން

އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާކަން ނަޝީދު ހާމަކުރެއްވީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު

ރައްޔިތުންގެ މަޖިލީހަަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ ވޯޓު މާދަމާގެ ޖަލްސާގައި ނަގަން ގަސްދުކުރައްވާ ކަމަށް މަޖިލީހުގެ ރައީސް ނަޝީދު މިއަދު މެންބަރުންނަށް އަންގަވައިފި އެވެ. އެއާ އެކު، މާދަމާގެ މަޖިލިސް ޖަލްސާގައި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ.

ވީ ކިހިނެއް؟ - މި އޮތް ހުރިހާ ދުވަހު އިތުބާރު ނެތް ކަމުގެ މައްސަލަ "ޕާކުކޮށް ބާއްވާފައި"، އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާކަން ނަޝީދު ހާމަކުރެއްވީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު، މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް މިއަދު ފޮނުވި މެސެޖެއްގައިކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު އުންމީދު ކުރަނީ މާދަމާ އިތުބާރު ނެތް ކަމުގެ ވޯޓަށް އެހޭނެ ކަމަށް. އިތުބާރު ނެތް ކަމުގެ ވޯޓަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ގޮސް، ނިންމަން އަޅުގަނޑު ބަލާނަން. މާދަމާ ވޯޓަށް އަހަން އަޅުގަނޑު ގަސްދު ކުރަނީ،" ނަޝީދު ފޮނުއްވި މެސެޖްގައި ލިޔުއްވާފައިވެ އެވެ.

ތަފްސީލު - މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ނަޝީދު އެ މެސެޖް ފޮނުއްވީ މިއަދު ހެނދުނެވެ. ނަޝީދުގެ މެސެޖްތަކަށް މީގެ ކުރިން އަބަދުވެސް ރައްދު ދެއްވާ އެމްޑީޕީގެ އެއްވެސް މެންބަރަކު އެ މެސެޖަށް އެއްޗެއް ވިދާޅުވެފައި ނުވާކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ.

މަޖިލީހުގެ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، މާދަމާގެ ޖަލްސާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ނަޝިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެވެ. އެޖެންޑާގައި އޮތީ ވެސް ހަމައެކަނި އެކަމެވެ.

މަޖިލީހުގައި ސާފު އަގުލަބިއްޔަތެއް އޮތް، ވެރިކަން ކުރާ މައި ޕާޓީ ކަމަށްވާ އެމްޑީޕީން ފުރަތަމަ ހުށަހެޅީ، ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކި ކުރުމުގެ މައްސަލަ އެވެ. ނަޝީދު މަޖިލިސް ރައީސް ކަމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅީ އޭގެ ފަހުންނެވެ. އެ ދެ މައްސަލަ ވެސް ކުރިއަށް ނުގޮސް އޮތީ، މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ އަދަދަށް އައި ބަދަލުތަކާ އެކު، ދާއިމީ ކޮމިޓީތައް އެކުލަވާނުލައި އޮތުމުންނެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ބަހުސް ކުރާ ވަގުތު ކަނޑައަޅަނީ އާންމު ކޮމިޓީންނެވެ.

މަޖިލީހުގެ ތަޅުން (ފޮޓޯ/ މަޖިލިސް)

ފާހަގަކޮށްލެވޭ ކަމެއް - ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު، އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން ނަޝީދު ބޭނުންވެވަޑައިގެންނެވިއިރު، އެ މައްސަލަ މަޖިލީހަށް ވެއްދި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިބަޑައިގެންނެވީ ދެ ވަނަ އެވެ. އެއާ އެކު، މި މަހުގެ 30ގައި ބާއްވާ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވަނީ:

  • ވޯޓުގެ %39 ލިބިވަޑައިގެންނެވި ރައީސް ސޯލިހް 

  • އެ މަނިކުފާނަށް ވުރެ 15،000އެއްހާ ވޯޓު އިތުރަށް ހޯއްދެވި، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު

އެމްޑިޕީން ވަކިވެވަޑައިގެން ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓު، އިލްޔާސް ލަބީބު 15،000އެއްހާ ވޯޓު ހޯއްދެވި އެވެ. ދެ ވަނަ ބުރުގައި ރައީސް ސޯލިހަށް ނަޝީދާއި ޑިމޮކްރެޓްސްގެ ތާއީދު މުހިންމުވާނެ އެވެ.

މަޖިލީހުގައި ސިޔާސީ ޕާޓިތައް މިހާރު ތަމްސީލު ކުރާ ގޮތް:

  • އެމްޑިޕީ: 57 މެންބަރުން 

  • ޑިމޮކްރެޓްސް: 13 މެންބަރުން 

  • ޕީޕީއެމް-ޕީއެންސީ: 8 މެންބަރުން 

  • އެމްއެންޕީ: ތިން މެންބަރުން

  • ޖުމްހޫރީ ޕާޓީ: 2 މެންބަރުން 

  • އެމްޑީއޭ: 2 މެންބަރުން

  • އަމިއްލަ: 2 މެންބަރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް