ހިންނަވަރުގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/އެމްޑީޕީ)

ރައީސްގެ ޓީމުން ބުނަނީ ތާރީހަށް ބަލާއިރު ދެ ވަނަ ބުރުން ކާމިޔާބު ވާނެ ކަމަށް

2008 އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރީ ފުރަތަމަ ބުރުގައި ދެވަނައަށް ދިޔަ ކެންޑިޑޭޓުންކަން އެ ބޭފުޅުން ފާހަގަކުރައްވާ

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ނަތީޖާއާ އެކު، މީގެ ކުރިން ބޭއްވި ރިޔާސީ އިންތިހާބުތަކުގެ ނަތީޖާތަކުގެ ހަނދާން އާކުރަމުން، ދެވަނަ ބުރެއްގައި ކުރެވޭ އުއްމީދު ބޮޑު ކަމަށް ރައީސްގެ ސަޕޯޓަރުންނާއި އެ މަނިކުފާނުގެ ޓީމުން ބުނަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު:

  • ރައީސް ސޯލިހަށް ލިބިވަޑައިގަތީ 85،989 ވޯޓު؛ އެއީ %39.12 

  • އެންމެ ގިނަ ވޯޓާ އެކު ކުރި ހޯއްދެވި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު 101،128 ވޯޓު ހޯއްދެވި؛ އެއީ %46.01

ތަފްސީލް - ރައީސްގެ ޓީމުގެ ބައެއް ބޭފުޅުންނާއި ސަޕޯޓަރުން ފާހަގަ ކުރަމުން އަންނަނީ، މީގެ ކުރިން 2008 އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، އިންތިހާބުގެ ފުރަތަމަ ބުރުން ދެވަނަ ހޯދާ ކެންޑިޑޭޓުން، ދެވަނަ ބުރުގައި ކުރި ހޯދައި ރިޔާސަތު ކަށަވަރު ކުރާ ކަމެވެ.

އެ އިންތިހާބުތަކުގެ ނަތީޖާއަށް ބަލާއިރު:

  • 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ކުރި ހޯއްދެވި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 71،731 ވޯޓު ލިބިވަޑައިގެންނެވިއިރު، ދެވަނަ ހޯއްދެވި މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 44،293 ވޯޓު؛ އެ އަހަރުގެ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވީ، 97،222 ވޯޓާ އެކު ނަޝީދު

  • 2013 ވަނަ އަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުން ކުރި ހޯއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 96،764 ވޯޓު ލިބިވަޑައިގެންނެވިއިރު، ދެވަނަ ލިބިވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ލިބިވަޑައިގެންނެވީ 61،278 ވޯޓު؛ އެ ފަހަރު އިންތިހާބުގައި ދެވަނަ ބުރުން ކާމިޔާބު ހޯއްދެވި ޔާމީންއަށް 111،203 ވޯޓު ލިބިވަޑައިގެންނެވިއިރު، ނަޝީދަށް ލިބިވަޑައިގެންނެވީ 105،181 ވޯޓު

މި ނަތީޖާތަކަށް ބުރަވެ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ސޯޝަލް މީޑިއާގައި ވިދާޅުވީ މި އިންތިހާބުގެ ނަތީޖާ އަކީ އޭނާގެ ސިޔާސީ ހަޔާތުގައި އެންމެ ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެވި ނަތީޖާ ކަމަށެވެ.

ހަގީގަތް ގަބޫލުކޮށް، ދެވަނަ ބުރުގައި މިއަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދަން، ހެދިފައި ހުރި ގޯސްތައް ރަނގަޅުކޮށް، ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ. މަހުލޫފް ވަނީ 2008 އަދި 2018ގެ އިންތިހާބުތަކުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދެވަނަ ބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.

މަހުލޫފްގެ އިތުރުން، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވެސް ވަނީ ދެވަނަ ބުރަށް ނުކުންނާނީ ކުރިއަށް ވުރެ ވަރުގަދަކޮށް ކަމަށް ވިދާޅުވެފަ އެވެ. އިއްޔެގެ އިންތިހާބުގައި ބައި ލައްކައެއްހާ މީހުން ވޯޓު ނުލާއިރު، ދެވަނަ ބުރަށް ނުކުންނާނީ އެ މީހުންގެ ވޯޓާ ވެސް އެކު ކަމަށް، އެކްސްގައި އަލީ ޒާހިރު ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ތާއީދުކުރާ ސޯޝަލް މީޑިއާ އެކްޓިވިސްޓު މޫސާ އަންވަރު ވެސް ވަނީ ފާއިތުވި އިންތިހާބުތަކުގައި ކަން ހިނގާފައިވާ ގޮތް އަޅާބަލައި ދެވަނަ ބުރުން ރައީސަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ބުނެފަ އެވެ. މޫސަ ވެސް ފާހަގަކުރެއްވިގޮތުގައި 2008 އަދި 2013ގައި ވެސް އިންތިހާބު ކާމިޔާބު ކުރެއްވީ ފުރަތަމަ ބުރުގައި %25 އިން ދެވަނައަށް ދިޔަ ކެންޑިޑޭޓުންނެވެ.

ރައީސް ސޯލިހާ އެކު ކޯލިޝަން ހަދާފައިވާ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ވެސް ވަނީ، ތާރީހަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ބުނެފަ އެވެ.

  • ނަތީޖާއާ ގުޅޭ ގޮތުން ރައީސް ސޯލިހު ރޭ ވިދާޅުވީ "ވިސްނިފައި ނެތް ބައެއް ކަންތައްތައް" އެބަހުރި ކަމަށާއި ދެވަނަ ބުރަށް ނުކުންނަވާނީ އެ ކަންކަމަށް ތައްޔާރުވެގެން ކަމަށް. 

  • ދެވަނަ ބުރުގައި އިތުރު ޕާޓީތަކާ ގުޅެން ކުރެވެން ހުރި މަސައްކަތެއް ކުރައްވާނޭ ކަމަށް ރައީސް ވިދާޅުވި 

  • އިންތިހާބަށް އެމްޑީޕީ އިން ޖެހި ހިސާބުތައް ގޯސް ކަަމަށާއި ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބުކުރަން ކުރަން ޖެހޭ ކަންކަން ސާފުވެފައިވާ ކަމަށް، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފައި

އެނގުން މުހިންމު - އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.

ކޮމެންޓް (1)

ޞައްދާމު

11 ސެޕްޓެމްބަރު 2023
ތާރީޚަށް ބަލައިގެން ކާމިޔާބުވާނެ ނަމަ މިފަހަރު ކާމިޔާބުވީސް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް