ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފު ޝަރީއަތް: އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށާއި، ކްރިމިނަލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ވަނީ އެދިފައި،
ކަފާލާތުގެ ދަށުން ޔާމީން މިނިވަންކުރަން ސުޕްރީމް ކޯޓުގައި އެދިއްޖެ
މަނީ ލޯންޑްރިންގްގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށާއި، ކުރިމިނަލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ވެސް ހުށަހަޅައިފި އެވެ.
މައްސަލައިގެ ފެށުން - ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑްރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އިރު ކަފާލާތުގެ ދަށުން ދޫކުރުމުގެ އަމުރަކާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް އެދިފައިވެ އެވެ.
-
ހައިކޯޓުން ފެބުރުއަރީ 2020 ގައި ނިންމީ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށް
-
ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމުގެ އަމުރެއް ވެސް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން އޮތީ ނިންމާފައި
ތަފްސީލް - މިއަދު ހެނދުނު 9 ޖެހިއިރު ސުޕްރީމް ކޯޓުގައި ވަނީ އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ފަށައިފަ އެވެ. މިއީ އިސްތިއުނާފުގެ ފަހު މަރުހަލާ އެވެ. ޝަރީއަތް ފެށުމުގެ ގޮތުން ބެންޗުން އިއުލާން ކުރެއްވީ ރައީސް ޔާމީންގެ ފަރާތުން ވަނީ މައްސަލައިގެ އިސްތިއުނާފު ފޯމުގެ އިތުރުން، އިސްތިއުނާފީ ދެ ހުށަހެޅުމެއް ވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ދެ ހުށަހެޅުމަކީ:
-
ރައީސް ޔާމީން ކަފާލާތުގެ (ބެއިލް) އުސޫލުން ދޫކޮށްލުން
-
ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް
ވަކީލުންގެ ބަސް - ޔާމީންގެ ދިފާއީ ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ބެއިލް އާ ގުޅިގެން ދައުލަތުގެ ފަރާތުން ފޮނުވި ޖަވާބު ދިފާއީ ވަކީލުންނަށް ލިބުނީ އިއްޔެއްގެ ވަރަށް ފަސް ވަގުތެއްގައި ކަމަށާއި، އެހެންކަމުން އެއަށް ޖަވާބުދާރީވުމަށް ވަގުތުކޮޅެއް ބޭނުންވާ ކަމަށެވެ.
-
ބެއިލްއާ ގުޅިގެން ޖަވާބުދޭން ރައީސް ޔާމީނަށް ދެ ދުވަހުގެ މުއްދަތެއް ބެންޗުން ދިން
މައްސަލައިގައި މިހާރު ކުރިއަށް ދަނީ ރައީސް ޔާމީންގެ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމާއި އެ ނުކުތާތަކަށް ޖަވާބުދާރީ ވުމެވެ.
-
ޔާމީންގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ވަނީ ހުށަހަޅައިފަ
އެނގުން މުހިންމު - މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށް ދަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑްރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާ އެވެ.