ޖޭޕީގެ ގައުމީ ކޮންފަރެންސް ފެށުމަށް 24 ފެބްރުއަރީ 2023 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމް އާއި ނަޝީދު (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ނަޝީދު އެ ޖަހަނީ ޗައްކަރެއް، ދެވަނަ ބުރުގައި އަރުއްވާނީ އެމްޑީޕީ ކޮޅަށް: ގާސިމް
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސް އުފައްދަވައިގެން "އެ ޖަހަނީ ބޮޑު ޗައްކަރެއް" ކަމަށާއި ދެވަނަ ބުރަކަށް ޕީޕީއެމް އާއި އެމްޑީޕީ ހިނގައްޖެ ހާލަތެއްގައި ނަޝީދު އަރުއްވާނީ އެމްޑީޕީގެ ކޮޅަށް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ގާސިމް ކެމްޕެއިން ދަތުރެއްގައި ގއ. ވިިލިނގިއްޔަށް ވަޑައިގެން ބޭއްވެވި ޖަލްސާއެއްގައި ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ތަފްސީލް - ގާސިމް ވިދާޅުވީ އިންތިހާބުން އެއްވަނަ ހޯއްދަވާނީ އޭނާކަން ޔަގީންކުރައްވާ ކަމަށާއި ނަމަވެސް އެހެން ނުވެ، އެމްޑީޕީ އާއި ޕީޕީއެމް-ޕީއެންސީ ދެވަނަ ބުރަށް ދާ ހާލަތެއްގައި ނަޝީދާއި ދަ ޑިމޮކްރެޓްސް ތިބޭނީ އެމްޑީޕީއާ އެކު ކަމަށެވެ.
އެނގުން މުހިންމު - ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅުން ކަނޑާލައްވައި އެމްޑީޕީއާ ފެއަށް ޖެހިވަޑައިގަންނަވަން ފެއްޓެވި ހިސާބުން ފެށިގެން ގެންދަވަނީ ޕީޕީއެމްއަށް ތާއީދު ކުރައްވައި ވާހަކަދައްކަވަމުންނެވެ. މި އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ޖަލުގައި ހުންނެވި ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ނަޝީދު ފަހަކަށް އައިސް ގޮވާއްލަވަމުން ގެންދަވަ އެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެމްޕެއިންގެ ހަރަކާތެއްގައި އަލަށް ބައިވެރިވެވަޑައިގެންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްއާ އެ ހަރަކާތުގެ ތެރެއިން ސަލާމް ކުރައްވައި ޖަލުގައި ހުންނެވި އެ ދެ ޕާޓީގެ ލީޑަރު ޔާމީން ދޫކޮށްލުމަށް އިދިކޮޅު… pic.twitter.com/XL4KDdtu29
— Dhauru (@Dhaurunews) September 5, 2023
މާލޭގައި ހުންނަ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެމްޕެއިންގެ ރަސްމީ ޖަގަހަގައި ރޭ ބޭއްވި ހަރަކާތަކަށް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ވަޑައިގެންނެވުމުން، އެ ސަރަހައްދުގައި ހުންނަ ޑިމޮކްރެޓްސްގެ ހަރުގޭގައި ހުންނެވި ނަޝީދު ޕީޕީއެމް-ޕީއެންސީގެ ޖަހައަށް ވަޑައިގެން ފާތުމަތުއާ ސަލާމް ކުރައްވައި، ޔާމީން މިނިވަން ކުރުމަށް ގޮވާލައްވާފައިވެ އެވެ.
ނަމަވެސް ގާސިމް މިއަދު ވިދާޅުވީ އިންތިހާބުގައި އެމްޑީޕީ އާއި ޕީޕީއެމް ދެވަނަ ބުރަކަށް ދާ ހާލަތެއްގައި ނަޝީދު ހުންނަވާނީ އެމްޑީޕީއާ އެކު ކަމަށާއި އެމްޑީޕީއަށް ތާއީދުނުކުރައްވާނެ ކަމަށް ނަޝީދު ކުރިން ވިދާޅުވެފައިވީ ނަމަވެސް އަމަލުކުރައްވާނީ އޭގެ އިދިކޮޅަށް ކަމަށެވެ.
"100 އަކުން 100، އެމްޑީޕީ ކޮޅަށް ޖެހޭނީ. އޭނާ އެ ޖަހަނީ ޗައްކަރެއް، އެނގިއްޖެ؟ ރައީސް ނަޝީދު އެ ޖަހަނީ ބޮޑު ޗައްކަރެއް. ދިވެހިންގެ ބޮލުގައި ކުރީގައި އެޅުވިހެން، އަނެއް ދިވެހިރާއްޖެއަށް ދިއުމުގެ ވިސްނުމެއް [ނަޝީދުގެ] ނުކެނޑޭނެ،" ނަޝީދު 2008ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރެއްވި އިރު ބޭނުންކުރެއްވި ޝިއާރަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވި އެވެ.
"އޭނާ ވިދާޅުވެއްޖެއެއް ނޫންތޯ ތިމަންނާ އެމްޑީޕީއަކަށް ތާއީދެއްނުކުރައްވާނަމޭ، ދެވަނަ ބުރަކަށް ދާން ޖެހުނަސް؟ ބަލަހައްޓައިގެން ތިއްބަވާ. އޭނާ ނޫނެކޭ ބުނެފިއްޔާ އެކަމެއް ކުރައްވާނެ. ޝައްކެއް ނެތް."
ނަޝީދު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެމްޑީޕީ ނޫން އެެހެން ތަނަކަށް ނަޝީދަށް ނުދެވޭނެ ކަމަށެވެ. ގާސިމް ވިދާޅުވިގޮތުގައި އާ ޕާޓީއެއް އުފައްދަވައިގެން ނަޝީދު އުޅުއްވަނީ އެމްޑީޕީއަށް ސަޕޯޓުނުކުރާ މީހުންގެ ވޯޓުތައް ހޯއްދަވައިގެން އޭގެ ތެރެއިން ބަޔަކާ އެކު ވަޑައިގެން އެމްޑީޕީގެ ތެރެއަށް ވެންނެވުމަށެވެ.
ފަސްމަންޒަރު - ނަޝީދު ޖައްސަަވަނީ ޗައްކަރެއް ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ގާސިމް މިއަދު ފާޑުވިދާޅުވިއިރު، މިފަހަރުގެ އިންތިހާބުގައި އެއްވެސް ޕާޓީއެއްގެ ފަހަތުގައި ނުތިބެ، ރިޔާސީ ރޭހަށް ވަކިން ނުކުތުމަށް ޖޭޕީން މަސައްކަތް ފެށިއިރު، ނަޝީދާ ވަރަށް ގާތުން ގާސިމް މަސައްކަތް ކުރެއްވި އެވެ.
ޖޭޕީގެ ބޮޑު ކޮންގްރެސްގައި ވެސް ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ. އޭރު ބެލެވުނީ މިފަހަރުގެ އިންތިހާބުގައި ނަޝީދާއި ގާސިމް ތިއްބަވާނީ އެކުގައި ކަމަށެވެ. ނަޝީދަކީ ރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅެއްކަން ފާހަގަކުރައްވައި ނަޝީދަށް ގާސިމް ވަރަށް ބޮޑަށް އޭރު ތައުރީފު ވެސް ކުރެއްވި އެވެ.
ނަމަވެސް، ފަހުން ނަޝީދު ވަނީ އެމަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީ މެމްބަރުންނާ އެކު ޑިމޮކްރެޓްސް އުފައްދަވައިގެން މިފަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރުއްވާފަ އެވެ. އަދި ގާސިމް ގެންދަވަނީ ތަކުރާރުކޮށް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
-
އިތުރަށް ކިޔާލަން - ގާސިމްގެ ތައުރީފް މައުމޫނާއި ނަޝީދަށް
ކޮމެންޓް (2)
55559
ތަކުރުބޭ