ޖޭޕީގެ ގައުމީ ކޮންފަރެންސަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އޭނާގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އެމްޑީޕީގެ ރައީސް ނަޝީދު ވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ޖުމްހޫރީ ޕާޓީ

ގާސިމްގެ ތައުރީފް މައުމޫނާއި ނަޝީދަށް

ޔާމީންގެ ސަރުކާރުގައި ކުރިމަތިވި ފިއްތުންތަކުގެ ތެރޭގައި އޭނާއަށް އެހީތެރިވެވަޑައިގަތީ ނަޝީދު ކަމަށް ގާސިމް ވިދާޅުވި؛ މައުމޫނަށް ތައުރީފްކުރެއްވީ އާ ގާނޫނުއަސާސީގެ މަސައްކަތާ ގުޅޭ ގޮތުން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ތައުރީފްކުރައްވައި ވާހަކަދައްކަވައިފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް މި ގޮތަށް ވާހަކަދެއްކެވީ، ދަރުބާރުގޭގައި ކުރިއަށް ގެންދާ ޖޭޕީގެ ގައުމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ތަފްސީލު - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމަށް ފަހު، ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން ހުންނެވި އިރު ގިނަ ފިއްތުންތަކެއް އެ ސަރުކާރުން ކުރިމަތިކުރިކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެ ހާލަތުގައި އޭނާއަށް އެހީތެރިވެވަޑައިގެންނެވީ ނަޝީދު ކަމަށެވެ. ސިންގަޕޫރުގައި ބޭސްފަރުވާ ކުރުމަށް ދިން މުއްދަތު ހަމަވުމަށް ފަހު، ސަރުކާރުން އޭނާގެ ޕާސްޕޯޓު ބާތިލުކުުރުމުން ބޮޑެތި ހުރަސްތަކާ ކުރިމަތިލައްވަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"[ހޮސްޕިޓަލުން] ދީފައި ހުރި ލިޔެކުޔުންތައް ހުށަހެޅުމުން ވެސް ދިވެހި ސަރުކާރުން އެ ބަލައިގަންނަ ގޮތެއް ނުވި. އަޅުގަނޑު ހުރީ ދުނިޔެ މެދަށް އުފަންވެފައި ހުރި ނޯ ކަންޓްރީ މޭންއެއްގެ ގޮތުގައި. އަޅުގަނޑުގެ ގައުމެއް ނެތް. އެކަން އެހެން އޮތަސް، ސިންގަޕޫރުގެ ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން މަނިކުފާނުގެ [ނަޝީދުގެ] އެހީތެރިކަމާއި އެއްބާލުމާ އެކު [އަދި] މާތްﷲގެ ވާގިފުޅުން އަޅުގަނޑު ސިންގަޕޫރުގައި ތިން މަސް ވަންދެން ހުރީ، އެއްވެސް ލިޔެކިޔުމެއް ނެތި، ހާއްސަ ހުއްދައެއްގެ ދަށުން،" ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އޭނާގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އެމްޑީޕީގެ ރައީސް ނަޝީދު. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ސިންގަޕޫރުން އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގަތުމަށް ވެސް އެހީތެެރިކަން ފޯރުކޮށްދެއްވީ ނަޝީދުކަން ގާސިމް ފާހަގަކުރެއްވި އެވެ.

"އެކަމަށްޓަކައި މަނިކުފާނަށް އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. މިކަން ސިއްރު ކުރާކަށް އަޅުގަނޑު ނެތިން. އެއީ މުނާސަބަތު ވަގުތުގައި، މުނާސަބަތު ވާހަކަ ދެއްކުމަކީ އަޅުގަނޑު ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ގަބޫލުކުރަން. އަޅުގަނޑުގެ އެތެރެފުށާއި ބޭރުފުށުން އަބަދުވެސް ދާނީ އެ ގޮތަށް،" 2008 ވަނަ އަހަރު ނަޝީދު ވެރިކަމަށް ގެނައުމަށް އެހީތެރިވެދެއްވި ގާސިމް ވިދާޅުވި އެވެ.

ރައީސް ނަޝީދާއި އަޅުގަނޑަކީ ވަރަށް ބުރަ މަސައްކަތް މި ގައުމުގައި ކޮށް، ވަރަށް ބޮޑު ނިކަމެތިކަމާއި އިހްސާސްތައް ލިބިފައިވާ ބައެއް.

ގާސިމް އިބްރާހިމް / ޖޭޕީގެ ލީޑަރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނަޝީދު ވަނީ ބަލިވެވަޑައިގެންފަ އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ރަސްމީކޮށް ވެވަޑައިގެންފައިވާ ރައީސް ސޯލިހްގެ ފަހަތްޕުޅަށް އަރާވަޑައިގަތުމުގެ ބަދަލުގައި ނަޝީދު ގެންދަވަނީ ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ބާރު އަޅުއްވަމުންނެވެ.

"ރައީސް ނަޝީދާއި އަޅުގަނޑަކީ ވަރަށް ބުރަ މަސައްކަތް މި ގައުމުގައި ކޮށް، ވަރަށް ބޮޑު ނިކަމެތިކަމާއި އިހްސާސްތައް ލިބިފައިވާ ބައެއް،" ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެއްވި މަސައްކަތްތަކަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެސްގައި ގާސިމް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)

މި ޖަލްސާގައި ގާސިމް، މައުމޫނަށް ތައުރީފްކުރެއްވީ އާ ގާނޫނުއަސާސީ އެކުލަވާލައި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި އެ މަނިކުފާނުގެ ބައިވެރިވުން ވެސް އޮތް ކަމަށް ވިދާޅުވެ އެވެ. އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫނަށް ވެސް ގަބޫލުފުޅުކުރެވުނީ ރައްޔިތުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކާއި ބޭރުގެ ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކަތަކުން އެއީ ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެ މަނިކުފާނަށް [މައުމޫނަށް] އަޅުގަނޑު މި މަގާމުގައި ހުރެ ސާބަސް ދަންނަވަން،" ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، އޭރު ހާއްސަ މަޖިލީހުގެ ރައީސްކަށް އޭނާ ހުންނަވަނިކޮށް، ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ލަސްވާތީ، އެކަން އަވަސްކޮށްދެއްވުމަށް އެދިވަޑައިގެން މައުމޫން ދެ ފަހަރަކު އޭނާއަށް ސިޓީ ފޮނުއްވި ކަމަށެވެ.

"އެ މަނިކުފާނު [މައުމޫން]ގެ ފުރިހަމަ ތާއީދު ލިބިގެން ނުދިޔަ ނަމަ، މިއަދުގެ މި އުފާވެރި ޑިމޮކްރެޓިކް ހަޔާތް އަޅުގަނޑުމެންނަށް އާބާދުނުކުރެވުނީސް. އަދި ގައުމަށް މި ލިބުނު ތަރައްގީ އާއި އުމްރާނީ އަދި އިޖުތިމާއީ ގޮތުން ލިބިގެން އައި ތަރައްގީ ވެސް ނުލިބުނީސް. އެކަމަށްޓަކައި އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމަށް ހިފެހެއްޓުމެއް ނެތް ޝުކުރާއި ސާބަސް ދަންނަވަން،" މައުމޫން ޒައީމްކަން ކުރައްވާ އެމްއާރުއެމްގެ ރައީސް އަދި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.

ގާސިމް އާއި މައުމޫން، ޖުމްހޫރީ ޕާޓީގެ އޮފީހުގައި މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. (ފައިލް ފޮޓޯ/ޖޭޕީ)

މައުމޫންގެ ސަރުކާރާ ދެކޮޅަށް ކުރެއްވި މަސައްކަތާ ގުޅިގެން ހައްޔަރުކޮށް، ޖަލަށް ލުމަށް ފަހު ދޫކޮށްލުމުން މައުމޫންގެ ކެބިނެޓްގެ ވަޒީރުކަން ކުރެއްވި ގާސިމް މިއަދު ވިދާޅުވީ، އެ މަނިކުފާނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި ގައުމަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. އަދި ކޮންމެ ވެރިޔަކު ވެރިކަން ކުރައްވާއިރު ރަނގަޅާއި ނުބައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ބޭފުޅަކު ވެރިކަން ކުރައްވާއިރު ނާންނާނެ %100 ރަނގަޅެއް. އަޅުގަނޑުމެން ބަލަން ޖެހެނީ ރަނގަޅަށް ކުރި ކަންތައްތޯ ގިނައީ، ނުބައިކޮށް ކުރި ކަންތައްތައްތޯ ގިނައީ،" ގާސިމް ވިދާޅުވި އެވެ.

އެ މަނިކުފާނު [މައުމޫން]ގެ ފުރިހަމަ ތާއީދު ލިބިގެން ނުދިޔަ ނަމަ، މިއަދުގެ މި އުފާވެރި ޑިމޮކްރެޓިކް ހަޔާތް އަޅުގަނޑުމެންނަށް އާބާދުނުކުރެވުނީސް.

ގާސިމް އިބްރާހިމް / ޖޭޕީގެ ލީޑަރު

ފަސް މަންޒަރު - ގާސިމް، ނަޝީދާއި މައުމޫނަށް ތައުރީފްކޮށް ވާހަކަދެއްކެވި އިރު، ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދައިގެން ނުކުތުމަށް ރައީސް ސޯލިހް ވަނީ ޖޭޕީ އާއި އެމްއާރުއެމް ވެސް ހިމެނޭ މި ސަރުކާރުގެ ކޯލިޝަންގެ ބައިވެރިިންނަށް ދައުވަތު ދެއްވާފަ އެވެ.

އެ ދައުވަތާ ގުޅިގެން މިހާތަނަށް އަދި ގޮތެއް ނިންމީ އަދާލަތު ޕާޓީންނެވެ. އެ ޕާޓީން ނިންމީ ރައީސް ސޯލިހާ އެކު ދެމިތިބުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް