ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އަރިހުގައި، އަނބިކަނބަލުން އައިޝަތު ނަހުލާ އަދި ރަނިންމޭޓު އަމީން އިބްރާހިމް(ފޮޓޯ/ޖޭޕީ)

ޖުމްހޫރީ ޕާޓީ

ވެދޭ އެހީތަކުގެ ވާހަކައިން ގާސިމް 'ކަލަ ގޮވާ' ކަމަށް ބުނާ ވާހަކަތަކަށް އަމީންގެ ރައްދު

އަމީން ވިދާޅުވީ ގާސިމް ވެދެއްވާ އެހީތަކުގެ ވާހަކަ ދެއްކުމަކީ ކަލަ ގޮވުން ކަމަށް ވަންޏާ، ސަރުކާރުން ވެސް ގޮވަނީ ކަލަ ކަަމަށް

އެހީތެރިކަން ބޭނުންވާ މީހުންނަށް، ވެދެއްވާފައިވާ އެހީތެރިކަމުގެ ވާހަކަ ފާހަގަކޮށް، އެއީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ވޯޓު ދޭން ޖެހޭ ސަބަބެއްކަމަށް ވިދާޅުވެ، ގާސިމް ދައްކަވާ ވާހަކަތަކަކީ، ވެދޭ އެހީތަކަށް ކަލަ ގޮވުން ކަމަށް ބުނެ ކިޔާ ފާޑުކިއުންތަކަށް ގާސިމްގެ ރަނިންމޭޓް އިބްރާހިމް އަމީން ރޭ ރައްދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ ގާސިމްގެ ކެމްޕޭން ޖަލްސާއެއް ރޭ އައްޑޫ ހިތަދޫގައި ބޭއްވި އެވެ. މިއީ އަންނަ ހޮނިހިރުދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް، ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީއަށް ގާސިމް ކުރައްވާ ފުރަތަމަ ދަތުރެވެ.

ބުނީ ކީކޭ؟ - ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ވެދޭ އެހީތަކުގެ ވާހަކަދެއްކުމަކީ ކަލަ ގޮވުން ކަމަށްވާ ނަމަ، ސަރުކާރުތަކުން ރައްޔިތުންނަށް ކޮށްދޭ ވާހަކަތައް ވެރިން ދެއްކުމަކީ ވެސް ކަލަ ގޮވުން ކަމަށެވެ.

ގާސިމް ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް ދައްކަވާ ވާހަކަތަކުގައި، އިންސާނިއްޔަތަށް އޭނާ ވެދެއްވާ އެހީތަކުގެ ވާހަކަ ދައްކަވަ އެވެ. އެގޮތުން؛

  • ބޮޑެތި ބަލިތައް ތަހަންމަލު ކުރާ މީހުންނަށާއި، ރާއްޖެއިން ބޭސްފަރުވާ ހޯދުމަށް އެހީތެރިކަމަށް އެދިގެން އަންނަ މީހުންނަށް ވެދެއްވާ އެހީތެރިކަން

  • އެހާ ގިނަ އެހީތައް ވެދޭއިރު، މިފަހަރުގެ އިންތިހާބުގައި އޭނާއަށް ވޯޓު ދޭން ޖެހޭ ސަބަބެއް ކަމަށް ދެކެވަޑައިގަތުން

އެކަމަކު ބައެއް މީހުން ދެކޭ ގޮތުގައި އެހީތަކުގެ ވާހަކަ ދެއްކުން ރަނގަޅެއް ނޫނެވެ. ސޯޝަލް މީޑިއާގައި ކިޔާ ފާޑުކިއުންތައް ގިނަ ފަހަރަށް އަމާޒުކުރަނީ ވެސް އެ ވާހަކަތަކަށެވެ.

ތަފްސީލް - ކަލަ ގޮވާކަމަށް ބުނާ ވާހަކަތަކުގެ ރައްދު ދެއްވަން ފައްޓަވަމުން އަމީން ފުރަތަމަ ޖެއްސެވީ މިސާލެކެވެ. އެގޮތުން ވިދާޅުވީ ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު، އަހްމަދު ނިހާން، އަމީންގެ އަތުން ފައިސާ ނަންގަވައިގެން އައްޑުއަށް ކަމެއް ކޮށްދީފައި، އެވާހަކަ ދެއްކުމަކީ ކަލަ ގޮވުމަކަށް ނުވާ ކަމަށެވެ. އެކަމަކު އަމިއްލަ ޖީބުން ހަރަދުކޮށްގެން ކޮށްދޭ ކަމެއްގެ ވާހަކަ ބުނުމުން ކަލަގޮވުމަށް ވާތީ އެއީ ކޮން ކަހަލަ އަރަތެއްތޯ އޭނާ ސުވާލުކުރެއްވި އެވެ.

ދެވަނަ މިސާލު ޖެއްސެވީ ސީދާ ސަރުކާރަށެވެ. އެގޮތުން، ރައްޔިތުންގެ ޖީބުން ޓެކްސް ނުވަތަ ފައިސާ ނަގައިގެން ބަނދަރާއި، ސްކޫލު ފަދަ ތަންތަން ހަދައިދޭކަމަށް އަމީން ވިދާޅުވި އެވެ. އެއަށް ފަހު ރައްޔިތުންގެ ގާތަށް ގޮސް އެ ވާހަކަދައްކައި ބަދަލެއްގެ ގޮތުގައި ވޯޓު ދޭން ވެސް އެބަ އެދޭ ކަމަށެވެ. 

"މިކަން ނުވޭ ކަލަ ގޮވުމަކަށް. އޮނުރަބްލް ގާސިމް އިބްރާހިމް، އެތައް މަސައްކަތެއް ކުރައްވައިގެން ފައިސާ އެއްކުރައްވައިގެން ރާއްޖޭގެ އެތައް ކުދިންނަކަށް ކިޔަވައިދެއްވައިފި. އެތައް މީހަކަށް ހިތް ބަދަލުކޮށްދެއްވައިފި. އިމާރާތެއް އަޅުއްވައިފި، ބަނދަރުތައް ހައްދަވައި ދެއްވައިފި. އެމަނިކުފާނު މިވާހަކަ ދެއްކެވީމައި މިވަނީ ކަލަ ގޮވުމަކަށް. މިއީ ކޮން ކަހަލަ ބޭއިންސާފު ވާހަކައެއް؟" އަމީން ވިދާޅުވި އެވެ.

"ރައްޔިތުންގެ ފައިސާއިން ސަރުކާރުން ކަންކޮށްފައި އެވާހަކަ ވިދާޅުވީމަ އެކަން ކަލަ ގޮވުމަކަށް ނުވަންޏާ، ގާސިމްގެ އަމިއްލަފުޅު ޖީބުން ހަރަދުކުރައްވައިގެން އެވާހަކަ ވިދާޅުވީމަ އެއްވެސް ހާލެއްގައި އެއީ ކަލަ ގޮވުމަކަށް ނުވާނެ."

އަމީން ވިދާޅުވީ ރައްޔިތުންގެ ތެރެއިން އެކަން ނޭނގޭ މީހުންނަށް އެކަން އަންގައިދީ، ހަނދާން ބަލި މީހުންނަށް އެކަން ހަނދުމަ ވެސް ކޮށްދޭން ޖެހޭ ކަމަށެވެ. އެ ސަބަބަށްޓަކައި، އެވާހަކަ ގިނައިން ދައްކަން ޖެހޭކަން ފާހަގަކޮށް ގާސިމް ކޮށްދެއްވި ކަންކަން އަމީން ވެސް ތަކުރާރުކުރެއްވި އެވެ.

މިރޭ އައްޑޫ ސިޓީގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމްގެ ކެމްޕެއިން ޖަލްސާގެ ތެރެއިން(ފޮޓޯ/ޖޭޕީ)

ގުޅުން ހުރި ކަމެއް - ޝޯޝަލް މީޑިއާގައި ގާސިމްގެ ނަމަށް ހުތުރުވާ ގޮތަށް ތަފާތު ވާހަކަތައް ދައްކާތީ، އެކަމަށް އޭނާގެ އަނބިކަނބަލުން، ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް މިފަހުން ވަނީ ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ އެއީ ގާސިމަށް ލިބޭ ލޯބި ފަނޑުކޮށްލުމަށް ވާދަވެރިން ދައްކާ ވާހަކަތައް ކަމަށެވެ.

ކޮމެންޓް (3)

ދޮން މީހެއް

5 ސެޕްޓެމްބަރު 2023
ބަލަގަ ބަލަގަ ހާމޮނައިޒް ކޮށްލާ!
0 0

މިމީހާ

4 ސެޕްޓެމްބަރު 2023
ގާސިމް ވަރުގެ ކަލަގޮވާ މީހަކު މިމީހާވެސް ނެތްދެކިފައެއް. އަމީން އަށް ކޮން ރައްދެއް ދެވޭނީ. މިއީ ހަގީގަތް.
0 0

ކަލަޖާޑި

4 ސެޕްޓެމްބަރު 2023
ކަލަގޮވުން: "ތިމާ އަނެކާއަށް ކޮށްދީފައި ހުންނަ ކަންތަކުގެ ވާހަކަ ހިތާނުވެގެން އެމީހާއަށް ދިމާއަށް އެވާހަކަ ދެއްކުން."
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް