ދެވަނަ ފިޔަވަހީގައި ޖުމްހޫރީ ޕާޓީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިޔާތުގެ ތެރެއިން(ފޮޓޯ/ޖޭޕީ)
ގާސިމްގެ ދިފާއުގައި ނަހުލާ: ކިސަޑުގަނޑެއްގައި އޮތަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށް
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ނަން ހަނޑިކުރުމަށް ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތައް ދައްކަމުންދާ ކަމަށް ވިދާޅުވެ، ގާސިމްގެ ދިފާއުގައި އޭނާ އަނބިކަނބަލުން އައިޝަތު ނަހުލާ ރޭ ވާހަކަދައްކަވައިފި އެވެ.
ވީ ކިހިނެއް؟ - ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ވެސް ހުންނެވި ނަހުލާ ގާސިމްގެ ދިފާއުގައި ވާހަކަދެއްކެވީ، ހުޅުމާލޭ ދެވަނަ ފިޔަަވަހީގައި ޖޭޕީގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގަ އެވެ. މި މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ގާސިމް ކުރިމަތިލެއްވުމުން އޭނާއަށް އިންޒާރުގެ މެސެޖުތައް ވެސް ލިބޭކަން ފާހަގަކުރައްވައި ނަހުލާ ރޭ ވަނީ އެ މެސެޖުތަކަށް ވެސް ރައްދު ދެއްވާފަ އެވެ.
ތަފްސީލް - މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވި ނަހުލާ ވިދާޅުވީ "ގާސިމް[ގެ ނަން] ހުތުރު ކުރަން" ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެފަދަ ވާހަކަތަކުގެ ގޮތުގައި ނަހުލާ ފާހަގަކުރެއްވީ:
-
"ސޭޓު ފަޅެއް ދަމައިގެންފި"
-
"މަހުޖަނު ރަށެއް ކާލައިފި"
-
"ކޮންމެ ސަރުކާރަކުން ބޮޑު ޕޯޝަން ނަގައިގެން ބުރުމާ ގާސިމް ހުންނަނީ ގޭގައި"
ނަހުލާ ވިދާޅުވީ، މި ޖީލުގެ ޒުވާނުންނަށް ގާސިމް އެނގޭ ގޮތަކީ އެއީ ކަމަށެވެ.
"ކީއްވެގެންތޯ؟ ވޭތުވެދިޔަ، ސިޔާސީ ލީޑަރުންނޭ މިި ކިޔާ ބޭފުޅުން ސިޔާސީ މީހުން އެ ބޭފުޅާ އަކީ ކޮން ކަހަލަ ބޭފުޅެއްކަން 18 އަހަރު ފުރިގެން އަންނަ ޒުވާނުންނަށް އެނގިދާނެތީ ސޯޝަލް މީޑިއާގައި ހަޑިމުޑުދާރު ބަހުން، ހުތުރުކޮށް، ކޮން ކަމެއްތޯ ނުުކުރައްވަނީ؟ އެކަމަކު އަޅުގަނޑު ދަންނަވަން އޮތީ ކިސަޑުގަނޑެއްގައި އޮތަސް، ޖަވާހިރެއް ވާނީ ޖަވާހިރަކަށޭ،" ނަހުލާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ، ގާސިމަކީ އޭނާގެ ހަ ކުދިންގެ ބައްޕަ ވިޔަސް ހަގީގަތާ ހިލާފަށް ވާހަކައެއް ނުދައްކަވާނެ ކަމަށާއި، ވާހަކަަދައްކަވާނީ ތެދު ބަހުކުން ކަމަށެވެ. އެ ބުނާ "ސޭޓު" މުޅި ހަޔާތުގައި ކުރިމަކީ، ނަހުލާ ވިދާޅުވި ގޮތުގައި، ގައުމަށާއި އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އޭނާ ވިދާޅުވީ ގާސިމް އަނބިންނާއި ދަރިންނަށް ދޭންވާ ވަގުތު މަދުކުރައްވައި، އާމްދަނީގެ %60 ހޭދަކުރައްވަނީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެދިނުމަށް ކަމަށެވެ.
"އަމިލަފުޅަށް މަހަކު 100ރ. ތިޔަ ލޮބުވެތި ރައްޔިތުންނަށް ލިބެންޏާ، އޭގެ 60ރ. ލިއްލާހިއަށްޓަކައި ހޭދަކުރާނެ އެކެއް އެބަހުރިތޯ މިތާ، ގާސިމް އިބްރާހިމް ފިޔަވައި؟ ހަމަ ގައިމު ވެސް އަޅުގަނޑަށް [ދަންނަވަން] ދަތި. ﷲއަށްޓަކައި ހޭދަކުރަން، ކުރާނަން، އެކަމަކު އެ ހައްދަށް އެކަން ކުރާނެ، ތާރިހު ކިޔާފައި އަޅުގަނޑު ދުށް ފުރަތަމަ އިންސާނާ [ގާސިމަކީ]،" ނަހުލާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގަައި ނަހުލާ ވަނީ އޭނާއަށް އިއްޔެ ލިބިފައިވާ އިންޒާރުގެ މެސެޖެއް ކަމަށް ވިދާޅުވެ، މެސެޖެއް ވެސް އިއްވާފަ އެވެ. އޭގައި ވަނީ، އޭނާ ވިދާޅުވި ގޮތުގައި، ގާސިމަށް ވޯޓު ހޯދަން ކުރައްވާ މަސައްކަތް ހުއްޓާލަން އިންޒާރުދީފަ އެވެ.
ސޯޝަލް މީޑިއާގައި "ކޮންމެ ސަކަރާތެއް ޖެހިޔަސް،" ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ ހައިސިޔަތުން ނުކުމެ ހުންނެވީ، ނަހުލާ ވިދާޅުވި ގޮތުގައި، ގާސިމް ރާއްޖޭގެ ވެރިކަމަށް ފުރިހަމަ އަގުލަބިއްޔަތަކުން ގެންނަން އަތުކުރި އޮޅާލައިގެންނެވެ.
ގާސިމް މީގެ ކުރިން ވެސް ދެ ފަހަރަކު ވެރިކަމަށް ކުރިމަތިލައްވައި ނާކާމިޔާބުވެފައި ވާއިރު، އަނެއްކާވެސް ވެރިކަން ހޯއްދަވަން އުޅުއްވާތީ، "ވަރުބައްޔެއް ނުވޭތޯ" ބައެއް ނޫސްތަކުން ވެސް އޭނާއާ ސުވާލުކުރާ ކަމަށް ނަހުލާ ވިދާޅުވި އެވެ.
"ކެރިގެން ކަންތައްތަކާ ކުރިމަތިލައި ހިތްވަރުގަދަ ލީޑަރުން، 70 ފަހަރު ނާކާމިޔާބު ވިޔަސް ވެސް މި ގައުމަށްޓަކާ، ރަނގަޅު ވެރިކަމެއް ކުރަން ވިސްނައިގެން ހުންނެވި ބޭފުޅެކޭ ގާސިމް އެއީ،" އެ ސުވާލަށް އޭނާ ދެއްވާ ޖަވާބަކީ އެއީކަން ފާހަގަކުރައްވައި ނަހުލާ ވިދާޅުވި އެވެ.
ކިތަންމެ ވަރަކަށް ފެއިލް ކޮށްފައި ބާކީކޮށްލިޔަސް ވެސް ފަހު ދުވަހާ ޖެހެންދެކަ، މި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިންސާފު ހޯދައިދީ، ހައްގުވާ ކަންތައްތައް ހޯދައިދީ، ރާއްޖޭގެ ދަރަނި ނައްތާލައި ކުރިއެރުން ހޯދައިދިނުމަށްޓަކާ، ހަމަ ޔަގީނުން ވެސް މަސައްކަތް ކުރައްވާނެ ލީޑަރެކޭ. އެހެންވީމާ، ފެއިލްވެގެން ފަހަތަކަށް ނުޖެހޭނަމޭ."