ނޮޅިވަރަމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)

އަންނަ ދައުރަށް 31 ބިލިއަން ރުފިޔާގެ ވައުދު ވެވިއްޖެ: ރައީސް

މި ދައުރަށް 43 ބިލިއަނާއި 45 ބިލިއަނާ ދެމެދުގެ އަގު ހުރި ވައުދުތައް ވެވަޑައިގެންފައިވާ ކަމަށާއި އެ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި
3 ސެޕްޓެމްބަރު 2023

އިންތިހާބުގައި ވައުދުތައް ވެވަޑައިގަންނަވަނީ ހިސާބު ޖައްސަވައި އެ ކަންކަމަށް ހިނގާނެ ހަރަދުތައް ވެސް ނިންމައިގެން ކަމަށާއި، މި އިންތިހާބުގައި މިހާތަނަށް ރަށްރަށަށް ވަޑައިގެން 31 ބިލިއަން ރުފިޔާގެ ވައުދު ވެވަޑައިގެންފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހދ. އަތޮޅަށް ކުރައްވާ  ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނިމިގެން މި ދާ ރިޔާސީ ދައުރަށް 43 ބިލިއަން ރުފިޔާ އާއި 45 ބިލިއަން ރުފިޔާއާ ދެމެދުގެ އަގު ހުރި ވައުދުތައް ވެވަޑައިގެންފައިވާ ކަމަށާއި އެ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެން ވައުދުތައް މި ވަނީ ހިސާބު ޖަހައި އެއަށް ދާނެ ހަރަދުތައް ވެސް ނިންމައިގެން. ކުރެވޭނެ ކަމެއްކަން ޔަގީންކޮށްގެން. ކުރިން ވެސް ކުރީ އެ ގޮތަށް،" ދައުލަތަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެވޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

"މިއަދު މި ހިސާބަށް އައި އިރުގައި އަޅުގަނޑު ވީ ވައުދުތަކަށް ގާތްގަނޑަކަށް 31 ބިލިއަން ރުފިޔާ އެބަ އަރާ. އެ ވަރަށް ހިސާބުކުރެވިފައި އަޅުގަނޑުމެންނަށް ހުރީ. އަދިވެސް ޖާގަ އެބައޮތް." 

ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ:

  • 2018ގައި ވެރިކަމަށް ވަޑައިގެންނެވި އިރު ދައުލަތަށް އަހަރަކު ލިބެނީ 22 ބިލިއަން ރުފިޔާ

  • މިހާރު ދައުލަތުގެ އާމްދަނީ އަކީ 34 ބިލިއަން ރުފިޔާ

  • 2026 ވަނަ އަހަރު އަންނަ އިރު، ދައުލަތުގެ އާމްދަނީ 45 ބިލިއަން ރުފިޔާއަށް އަރާނެ

"މިއީ އަޅުގަނޑުމެންނަށް މި މަސައްކަތްތައް ކުރެވޭނެ ސަބަބަކީ. އެހެންވީމާ، ތިޔަބޭފުޅުން ޝައްކު ނުކުރައްވާ. އަޅުގަނޑުމެން މި ވާ ވައުދުތައް ކުރިއަށް އޮތް ފަސް އަަހަރު ތެރޭ އަޅުގަނޑުމެން ކޮށްދީ، ނިންމާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މަޝްރޫއުތައް ހިންގޭނެ ގާބިލުކަމާއި އެ މަސައްކަތްތައް ކުރާނެ މީހުން ވެސް އެބަތިއްބެވެ.

"ސަރުކާރުގެ ވުޒާރާތަކަށް ބޭނުންވާ މުވައްޒަފުން އަޅުގަނޑުމެން މި ލަނީ އެ ސަބަބަށްޓަކާ،" ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ދޭ ވަޒީފާތައް އިތުރުވާ ކަމަށް ބުނެ ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - ކުރިއަށް އޮތް ދައުރަށް އިންތިހާބުވެވަޑައިގެންފި ނަމަ، ރަށްރަށަށް ކޮށްދެއްވާނެ ކަންތައްތައް ރައީސް ގެންދަވަނީ ކޮންމެ ރަށެއްގައި ވިދާޅުވަމުންނެވެ. އެގޮތުން، ނޮޅިވަރަމަށް ކޮށްދެއްވާނެ ކަންތައްތަކުގެ ގޮތުގައި ރައީސް އިއުލާނުކުރެއްވީ:

  • ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުން

  • ސްކޫލަށް ކްލާސްރޫމު އިތުރުކޮށް، މަލްޓި ޕާޕަސް ހޯލަކާއި އޮފީސް އިމާރަތެއް އަޅައި ސްކޫލުގެ ކިޔަވައިދިނުން އެއް ދަންފަޅިއަށް ބަދަލު ކުރުން

  • ޒުވާނުން ކުޅިވަރު ކުޅޭނެ ވަސީލަތްތަކާ އެކު ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރުން

  • ހޮސްޕިޓަލުތަކުން ހިދުމަތް ދޭ ފެންވަރަށް ސިިއްހީ މަރުކަޒުގެ ހިދުމަތް ފުޅާކޮށް، ކުޑަކުދިންގެ ޑޮކްޓަރެއްގެ ހިދުމަތް ފެށުން

  • ޕޮލިސް ސްޓޭޝަނުގެ އާ އިމާރާތަކާ އެކު ފުލުހުންގެ ހިދުމަތް ފުޅާކުރުން

  • ބަނދަރު ބޮޑުކޮށް، ޒަމާނީ ބަނދަރެއް ހެދުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް