މުހައްމަދު ނަސީރު، 73، މިއަދު ފަތިހުގެ ވަގުތެއްގައި ވަނީ އަވަހާރަވެފައި.

އޭވިއޭޝަން ދާއިރާގެ ހިދުމަތްތެރިޔާ ނަސީރު އަވަހާރަވެއްޖެ

ނަސީރު އަވަހާރަވީ ހިތް ހުއްޓިގެން ކަމަށް ބެލެވޭ ކަމަށް އާއިލާ އިން ބުނޭ

ގިނަ ދުވަސްތަކެއް ވަންދެން އޭވިއޭޝަން ދާއިރާއަށް ހިދުމަތް ކުރެއްވި މުހައްމަދު ނަސީރު އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސ. ހިތަދޫ/ސީވިއު، ނަސީރު، 73، އަވަހަރާވެފައި އައްޑޫގައި މިއަދު ފަތިހުގެ ވަގުތެއްގަ އެވެ. އޭނާ އަވަހާރަވި ކަމަށް ބެލެވެނީ ހިތް ހުއްޓިގެން ކަމަށް އާއިލާ އިން ބުނެ އެވެ.

އާއިލާގެ ބަސް - ނަސީރުގެ ދަރިކަލުން، ގަން އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު 'ދައުރު'އަށް މިއަދު ވިދާޅުވީ، ބައްޕަ އަވަހާރަވީ ކުއްލިއަކަށް ކަމަށާއި މިދިޔަ ދުވަސްތަކުގައި ހާލު ވެސް ރަނގަޅު ކަމަށެވެ.

"ބައްޕައަކީ، ހާޓް ޕޭޝަންޓެއް،" އޭނާ ވިދާޅުވި އެވެ.

ގައިސް އޭނާގެ ބައްޕަ ސިފަކުރެއްވީ އޭވިއޭޝަން ދާއިރާގައި "ހިދުމަތްތެރި، ވަރަށް ހިތް ހެޔޮ، މުވައްޒަފުންނަށް ވެސް ރަނގަޅު" މީހެއްގެ ގޮތުގަ އެވެ.

ގާތް މީހުންގެ ބަސް - ނަސީރު ދަންނަ އެތައް ބަޔަކު އަންނަނީ އޭނާ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަމުންނެވެ. އެގޮތުން، މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ސިފަކުރެއްވި ގޮތުގައި، އާންމުކޮށް "ޕްރޮފެސާ"ގެ ނަމުން އޭނާ މުހާތަބުކުރައްވާ ނަސީރަކީ "ރާއްޖޭގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅުމުގެ މަސައްކަތުގެ އެއް ބާނީ" އެވެ.

"ދިވެހި ގައުމަށް ގެއްލިގެން އެ ދިޔައީ ހަޒާނާއެއް. އެހާ ބޮޑަށް ކަންކަން ދަންނަ، ދެނެެވަޑައިގެން ހުންނެވި އަދި މަދު މައުލޫއެއް ފިޔަވައި އެހެން ހުރިހާ މައުލޫއެއްގައި އިލްމީ ވާހަތަކެއް ދެއްކޭ ފަދަ ބޭފުޅެއް. އަޅުގަނޑު ދަންނަ އެންމެ ތޫނުފިލި އަދި އިންސާފަށް އެންމެ ބޮޑަށް ވަކާލާތުކުރައްވާ އެއް ބޭފުޅާ،" އިބްރާހިމް އިސްމާއިލް ފޭސްބުކުގައި ލިޔުއްވާފައިވެ އެވެ.

ނަސީރަކީ ކާކު؟

  • ޖަރުމަނުން އިލެކްޓްރިކަލް އިންޖިނިއަރިން ކޯހެއް ފުރަހަމަކުރެއްވި

  • އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ހުޅުލޭ އެއާޕޯޓުގެ ޓެކްނީޝަނެއްގެ ވަޒީފާގައި

  • އޭގެ ފަހުން، 1980ގެ އަހަރުތަކުން ފެށިގެން 2004އާ ޖެހެންދެން އޭނާ މަސައްކަތް ކުރެއްވީ ގަން އެއާޕޯޓުގައި

  • ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި

  • އޭގެ ފަހުން މާމިގިލީ އެއާޕޯޓު އެޅުމުގެ މަސައްކަތުގައި ވެސް އުޅުއްވި

  • އަވަހާރަވިއިރު، ދުނިޔޭގައި އަންބަކާއި ހަތަރު ދަރިން އެބަތިބި 

ނަސީރުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ، ހިތަދޫ ހުކުރު މިސްކިތުގައި މިއަދު އަސުރު ނަމާދަށް ފަހު އެވެ.

ނަސީރުގެ ކަށުނަމާދަށް ދެންނެވުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް