ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެމްޕެއިންގައި އެ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް އއ. އުކުޅަހުގައި. (ފޮޓޯ/ޖޭޕީ)
ހިލޭ ގޯތި ދޭ ކަމަށް ވިދާޅުވެ، ފްލެޓުގެ ކުލި މާފްކޮށްދިނުން ގާސިމް ދިފާއުކުރައްވައިފި
މާލެ ސަރަހައްދުން ވަކި ބަޔަކަށް ހިލޭ ގޯތި ދީފައި، ހަމަ އެ ސަރަހައްދުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓުތަކުން ބޮޑު ކުލި ނެގުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެނިފެސްޓޯގައި ސޯޝަލް ހައުސިން ފްލެޓުތަކުން ކުލި މާފުކޮށްދޭން ހިމަނާފައިވާ ވައުދު، އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ދިފާއުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މިހާރު ކުލި ނަގަމުންދާ ހުރިހާ ސޯޝަލް ހައުސިން ފްލެޓުތަކުގެ ކުލި ޖޭޕީގެ ސަރުކާރެއްގައި މައާފުކޮށްދިނުމަށް ގާސިމް ވައުދުވެވަޑައިގެންފައިވެ އެވެ. އަދި އެކަން ވަނީ ޖޭޕީގެ މެނިފެސްޓޯގައި ވެސް ހިމަނާފަ އެވެ.
-
އިތުރަށް ކިޔާލަން - ހުރިހާ ފްލެޓެއްގެ ކުލި މާފުކޮށް، 20،000 ޔުނިޓް ހިލޭ ދޭނަން: ގާސިމް
އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒު ވެފައި ވަނިކޮށް، ގާސިމް ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ސިޔާސަތު ދިފާއުކުރައްވާފަ އެވެ.
މި ސަރުކާރުން ހިންގާ 'ބިންވެރިޔާ' ސްކީމުގެ ދަށުން މިފަހުން މާލެ ސަރަހައްދުން ގޯތި ދޫކުރަން ފަށާފައި ވާއިރު، އެ ބިންތައް ދެނީ ހިލެ އެވެ.
ތަފްސީލް - ގާސިމްގެ ޓުވީޓުގައި ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ، އެ ބިންތައް ރައްޔިތުންނަށް ހިލޭ ދޭން ދުވަހަކު ވެސް ދެކޮޅު ނަހައްދަވާ ކަމަށެވެ. އެކަމަކު، ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ އެންމެ އަގުބޮޑު ބިންތައް ވަކި ބަޔަކަށް ހިލޭ ދިނުމާ ދެކޮޅު ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން، އެ ބިންތައް އެއް ބަޔަކަށް ހިލޭ ދޭއިރު، ހަމަ އެ ބިމުގައި އިމާރާތްކޮށްފައިވާ ސޯޝަލް ހައުސިންގެ ކުދިކުދި ފްލެޓްތަކުން 20-25 އަހަރުން 2.5 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ. ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑު، އެންމެ ހާލުގައި ދިރިއުޅޭ މީހުންގެ އަތުން އެ ފައިސާ ނެގުމަކީ އެއްވެސް އިންސާފެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންކަމުން، އަޅުގަނޑުގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާއީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށްދޭނަމެވެ،" ގާސިމްގެ ޓުވީޓުގައި ލިއުއްވި އެވެ.
ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް އަޅުގަނޑު ދުވަހަކުވެސް ދެކޮޅު ނަހަދާނަމެވެ. ނަމަވެސް ދިވެހިދައުލަތުގައި އޮތް ( އެންމެހާ ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ )… pic.twitter.com/OZmdQLkRXw
— Qasim Ibrahim (@qasimibrahim) August 31, 2023
އެނގުން މުހިންމު - އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ނެރެފައިވާ ގާސިމްގެ މެނިފެސްޓޯގައި ވެސް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ކުލި މައާފްކޮށްދިނުމުގެ ވައުދު ހިމެނެ އެވެ.
ޖޭޕީގެ މެނިފެސްޓޯގައި ބޯހިޔާވަހިކަމަށް ވެފައިވާ ވައުދުތަކަކީ:
-
ހިޔާ ފްލެޓުތަކުގެ އިތުރަށް، ފުލުހުންނާއި ސިފައިންގެ ފްލެޓުތަކުގެ ކުލި ވެސް މައާފްކޮށްދިނުން
-
ފުލުހުންނާއި ސިފައިންނަށް މިހާރު އިމާރާތްކޮށްފައިވާ ސިފްކޯ/ޕޮލްކޯ ފްލެޓުތަކުގެ އިތުރުން، އިތުރު 1000 ހައުސިން ޔުނިޓް ތިން އަހަރުގެ ތެރޭގައި އަޅާ، ނިންމައި ހަވާލުކުރުން
-
ފަނޑިޔާރުންނަށް އާއިލާތަކާ އެކު ދިރިއުޅެވޭ ގޮތަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުން
-
މުޅި ރާއްޖޭގައި 30،000 ހައުސިން ޔުނިޓު އަޅައި އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން
-
ވެރިކަމުގެ ފަސް އަހަރު ތެރޭ މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު އަޅައި ނިންމުން
-
ކައިވެންޏަށް ފަހު ދިރިއުޅުން ފަށާ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން 18،000 ހައުސިން ޔުނިޓް އެޅުން
-
އަގު ކޮންޓްރޯލް ކުރެވިފައިވާ 6000 ހައުސިން ޔުނިޓް ވިއްކުން
-
ވިޔަފާރި އުސޫލުން 6000 ހައުސިން ޔުނިޓް ވިއްކުން