އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު ބ. އޭދަފުށިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީޕީއެމް)
ފައިދާ ނުވާ އެގްރިމަންޓެއް ވިއްޔާ ޖީއެމްއާރު ގޮތަށް ބޭރުކުރާނަން: މުއިއްޒު
މި ސަރުކާރުން ބޭރު ގައުމުތަކާއި ބޭރުގެ ކުންފުނިތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް ބެލުމަށް ފަހު، އޭގެ ތެރޭގައި ފައިދާ ނުވާ އެއްބަސްވުންތަކެއް ހުރި ނަމަ، އިންޑިއާގެ ޖީއެމްއާރު ކުންފުނި ބޭރު ކުރި ގޮތަށް އެ ކުންފުނިތައް ވެސް ބޭރު ކުރާނެ ކަމުގެ އިންޒާރު، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - އިންޑިއާ އިން ނަގާފައިވާ ލޯނެއްގެ ދަށުން އެ ގައުމުގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން މި ސަރުކާރުގައި ހިންގަމުން އަންނަ އެންމެ ބޮޑު މަޝްރޫއު، ސިނާމާލެ ބުރިޖުގެ މަޝްރޫއުއަށް ފާޑުވިދާޅުވެ، އެ އެއްބަސްވުން ހާމަނުކުރާތީ މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވާފައިވާ މުއިއްޒު އެހެން ވިދާޅުވީ، ރޭ ބ. އޭދަފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގަ އެވެ.
-
އިތުރަށް ކިޔާލަން - ތިލަމާލެ ބްރިޖު ލަސްވާ ސަބަބު ނުވިސްނޭ؛ އަވަސް ކުރާނަން: މުއިއްޒު
ބުނީ ކީކޭ؟ - "ހެދިފައި ހުންނަ އަޑި ނޭނގޭ، ގައުމީ ސަލާމަތަށް ނުރައްކާވަނީއޭ ކިޔާފައި، ހާމަ ނުކުރާ އެގްރިމަންޓްތައް ބަލާނަން. ބަލާފައި އެގްރިމަންޓްގައި ހުރި އެއްޗެއް ދަސްކޮށް، ރައްޔިތުންނަށް އޭގެން ފައިދާ ނުވާ ކަމެއްވިއްޔާ ރަނގަޅު ކުރާނަން އިރާދަކުރެއްވިއްޔާ،" އިންޑިއާއާ އެކު މި ސަރުކާރުން ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކާއި މަޝްރޫއުތަކަށް އެ ގައުމުގެ ކުންފުނިތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކަށް އިޝާރާތްކޮށް މުއިއްޒު ވިދާޅުވި އެވެ.
"ރައްޔިތުންނަށް ފައިދާވާ ގޮތަށް ބަދަލުކޮށްގެން، ރައްޔިތުންނަށް ފައިދާވާ ހުރިހާ މަޝްރޫއެއް ވެސް ކުރިއަށްދާނީ. އެކަމަކު ވެސް، އެކަމަކު ވެސް، މިސާލަކަށް، އެގްރިމަންޓް އެއްވެސް ގޮތަކަށް ކަމުދާ އެއްޗަކަށް ނުވަނީ، ނުވެއްޖެއްޔާ ހަމަ ޖީއެމްއާރު ބޭރުކުރި ގޮތަށް ކުރާނަން އެހެން ކޮންމެ ބަޔަކު ވެސް."
ތަފްސީލު - އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކޮށް ހިންގުމަށް، އިންޑިއާގެ ޖީއެމްއާރާ ހަވާލުކުރުމުން އާންމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް، ބޮޑެތި މުޒާހަރާތައް ވެސް ކުރި އެވެ.
ޗައިނާއާ އެކު ރައީސް ޔާމީންގެ ސަރުކާރުގައި ބޭއްވީ ވަރަށް ވެސް ގާތް ގުޅުމެއް. އެއީ، މި ގައުމަށް ފައިދާ ހުރި ގޮތުގައި. އެ ގައުމުން އަޅުގަނޑުމެންގެ އިންތަކުގެ ތެރެއަކަށް ނުވަދޭ. އަޅުގަނޑުމެންގެ މިނިވަންކަމަކާ ނުބެހޭ.
އޭރު ވެރިމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު ވެރިކަން ބަދަލުވުމާ އެކު، މުއިއްޒު ހައުސިން މިނިސްޓަރުކަމާ ފުރަތަމަ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖީއެމްއާރު އެއްބަސްވުން ބާތިލު ކުރި އެވެ.
މުއިއްޒު ރޭ ދެއްވި ޔަގީން ކަމަކީ، ރައްޔިތުންނަށް ފައިދާ ނުވާ އެއްބަސްވުމެއްގެ މަތީގައި އޭނާގެ ސަރުކާރެއްގައި ނުތިބޭނެ ކަމެވެ.
ރޭގެ ޖަލްސާގައި މުއިއްޒު އިތުރަށް ވިދާޅުވީ:
-
ރާެއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުުމުގެ މަސައްކަތް، ސަރުކާރުގެ ފުރަތަަމަ ދުވަހުން ފެށިގެން ފަށާނަން؛ އެއީ ދެ ފަރާތުން ވާހަކަދައްކައިގެން ޑިޕްލޮމެސީގެ ރީތި އުސޫލުން ކާމިޔާބުވާނެ ކަމެއް
-
ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން؛ ހާރިޖީ ސިޔާސަތު ބައްޓަން ކުރާނީ އެ ގޮތަށް
"މި ގައުމަކީ މިނިވަން މުސްތަގިއްލު ގައުމެއް. ގައުމުގެ މިނިވަންކަމަށް ބުރޫއަރާ އެއްވެސް ކަމެއް ކުރުމަކީ އަޅުގަނޑުމެން ފުރުސަތު ދޭނެ ކަމެއް ނޫން [އަދި] އެއްބަސް ވާނެ ކަމެއް ނޫން،" އެ ގޮތުގެ މަތިން ގެންގުޅޭނީ އަވައްޓެރިންނާ ގާތް، ހަމަހަ ހާރިޖީ ސިޔާސަތެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވި އެވެ.
-
އިތުރަށް ކިޔާލަން - މުއިއްޒު ބުރިޖު މަޝްރޫއުގެ ފެންވަރާ މެދު ސުވާލު އުފައްދައިފި
ބުރިޖަށް 5 އަހަރު: އާ ކުރެއްވީ ޔާމީންގެ 'ވީޝަނަރީ ވިސްނުން' އަދި ޗައިނާގެ ގުޅުން
މުއިއްޒު ހައުސިން މިނިސްޓަކަށް ހުންނެވި ކުރީގެ ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ފަށައި އެ ދައުރުގެ ތެރޭގައި ނިންމި އެންމެ މުހިންމު މަޝްރޫއު އަކީ މާލެ، ހުޅުލެ އަދި ހުޅުމާލެއަ ގުޅުވާލަދިން ސިނަމާލެ ބުރިޖެވެ. ޗައިނާގެ ލޯނާއި އެހީއާ އެކު އެ ގައުމުގެ ކުންފުންޏަކާ ހަވާލުކޮށްގެން ނިންމި އެ މަޝްރޫއުއަށް އިއްޔެ ފަސް އަހަރު ވަނީ ވަފަ އެވެ.
އެ މުނާސާބަތާ ދިމާކޮށް، ރޭގެ ޖަލްސާގައި ވާހަކަ ފައްޓަވަމުން މުއިއްޒު ވިދާޅުވީ، އެ ބުރިޖު ހުޅުވިގެން ދިޔަ ވަގުތަކީ ވަރަށް ވެސް "ތާރީހީ ވަގުތުކޮޅެއް" ކަމަށެވެ.
"2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުގެ މި ގަޑި. އެއީ، ރާއްޖޭގައި ދުވަހަކު ވެސް ނޭޅޭނެ ކަމަށް ބުނި ބުރިޖު އަޅާ ނިންމައި އެ ބުރިޖު ހުޅުވައިދެއްވި ވަގުތު،" ރޭ 9:30ގައި ބޭއްވި ޖަލްސާގައި ޕޯޑިއަމްގައި ހުއްޓިވަޑައިގެން މުއިއްޒު ވިދާޅުވި އެވެ.
މީގެ ފަސް އަހަރު ކުރިން، އޭރު ޔާމީންގެ އެންމެ އަރިހުގައި ބުރިޖު ހުޅުވުމުގެ ރަމިސްމިއްޔާތުގައި އިންނެވި މުއިއްޒު ރޭ ވަނީ އެ ހަނދާންތައް ވަރަށް ބޮޑަށް އާކުރައްވާފަ އެވެ.
މުއިއްޒު ވިދާޅުވީ "ބަޑިބޭހުމުގެ ކުލަގަދަ އެ ރަސްމިޔާތު"ގެ ތާރީހީ ވަގުތުކޮޅުން ބުނެދެނީ، "ވިޝަރީ ލީޑަރެއްގެ ހަރަދަނާ ސިޔާސަތު" ކަމަށެވެ.
"ގައުމެއްގެ ކުރިމަގަށްޓަކައި، ގައުމެއްގެ ހަޔާތުގައި އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި، އާ އުސްމިންތަކަށް ދުވަހަކު ވެސް ނުދެވޭނެ ދުރުމިނަކަށް ގެންގޮސްދެވޭނެ ވަރުގަދަ ޖޯޝާއި އަޒުމުގައި ކުރެއްވި ވަރަގަދަ މަސައްކަތެއްގެ ނިމުން އެ ވަގުތު ފާހަގަ ކުރީ،" ޔާމީންގެ ތާއީދާ އެކު ރިޔާސީ ރޭހަށް ނުކުމެވަޑައިގެން ހުންނެވި މުއިއްޒު އެ މަނިކުފާނަށް ތައުރީފް ކުރައްވަމުން ވިދާޅުވި އެވެ.
"އޭގެ ނަފާ ރައްޔިތުން މިއަދު ހޯއްދަވަމުން އެ ދަނީ. އެއީ މިއަދު މި ގައުމަށް ބޭނުންވާ ލީޑާޝިޕަކީ."
މުއިއްޒު ވިދާޅުވީ، ޔާމީންގެ ސަރުކާރުގައި ޗައިނާއިން ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ "ޒައްރެއްގެ މިންވަރުގެ ކަމެއް ކޮށްފައި ނެތް" ކަމަށެވެ.
"ޗައިނާއާ އެކު ރައީސް ޔާމީންގެ ސަރުކާރުގައި ބޭއްވީ، ވަރަށް ވެސް ގާތް ގުޅުމެއް. އެއީ، މި ގައުމަށް ފައިދާ ހުރި ގޮތުގައި. އެ ގައުމުން އަޅުގަނޑުމެންގެ އިންތަކުގެ ތެރެއަކަށް ނުވަދޭ. އަޅުގަނޑުމެންގެ މިނިވަންކަމަކާ ނުބެހޭ،" ޗައިނާއާ އެކު އޮތް ގުޅުމަށް ވަރަށް ބޮޑަށް ތައުރީފް ކުރުވަމުން، އޭނާގެ ސަރުކާރެއްގައި ވެސް އެ ގުޅުން އޮންނާނެކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވި އެވެ.
"ގައުމަށް ލިބުނީ [އެ ގުޅުމުގެ ސަބަބުން] ކުރިއެރުން. އެހެންވީމަ، އެ ގާތް ގުޅުން އެ ގޮތުގައި އޮންނާނެ."