ތިލަމާލެ ބްރިޖުގެ މަސައްކަތް 21 ސެޕްޓެމްބަރު 2022 ވަނަ ދުވަހު ކުރިއަށް ދަނީ. (ދައުރު ފައިލް ފޮޓޯ/އިފާޒް އަލީ)
ތިލަމާލެ ބްރިޖު ލަސްވާ ސަބަބެއް ނުވިސްނޭ؛ އެ މަޝްރޫއު އަވަސް ކުރާނަން: މުއިއްޒު
މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅާލާ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖު ނުވަތަ ތިލަމާލެ ބްރިޖުގެ މަޝްރޫއު ލަސްވާ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި ވެރިކަމަށް ވަޑައިގެންނެވުމުން އެ މަޝްރޫއު ހަލުވި ކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'ދައުރު'ގެ 'ރިޔާސީ ވާހަކަ'އިގެ ތިން ވަނަ އެޕިސޯޑުގައި މިދިޔަ ހޮނިހިރު ހެނދުނު ބައިވެރިވެވަޑައިގެން ދެއްވި ހާއްސަ އިންޓަވިއުގައި މުއިއްޒު ވިދާޅުވީ، އެ މަޝްރޫއު ކުރިއަށް ދަނީ ރަނގަޅަށް ނޫން ކަމަށާއި ކުރިން ވެސް އަދި މިހާރު ވެސް އެ މަޝްރޫއަށް އޭނާ ފާޑުވިދާޅުވަމުން ގެންދަވާ ކަމަށެވެ.
ތަފްސީލް - މުއިއްޒު ވިދާޅުވީ އެފަދަ ބޮޑު ޕްރޮޖެކްޓެއް މިހާ ގިނަ ދުވަސްވީއިރު ވެސް ނުހިނގާ އޮންނާނީ ކޮންމެވެސް ސަބަބަކާ ހުރެ ކަމަށާއި، ވެރިކަމަށް ވަޑައިގެން އެ މަޝްރޫއުގެ ކަންތައްތައް ބައްލަވާނެ ކަމަށެވެ.
"700 ވަރަކަށް މިލިއަން ޑޮލަރު ކަންނޭނގެ. ދެން ހަމަ އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނުވިސްނޭ އެނގޭތޯ އެހާ ލަސްވެގެން އުޅޭ ސަބަބެއް. ގައިމު ވެސް ކޮންމެވެސް ނުބައެއް އެބަ އުޅޭ،" މުއިއްޒު ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓަށް ބަދަލެއް ގެންނަން ޖެހޭތޯ ވިދާޅުވާން އެނގިވަޑައިގަންނަވާނީ ވެސް ޕްރޮޖެކްޓު ކުރިއަށްދާ ގޮތް ބެއްލެވުމަށް ފަހު ކަމަށާއި، މަޝްރޫއު އަވަސްކުރަން ސީދާ ކުރަން ޖެހެނީ ކޮން ކަމެއްކަން އަދި ވިދާޅުވާން ދަތި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެ ބަދަލަކީ އަޅުގަނޑަކަށް މި ގަޑީގައި ނުދެންނެވޭނެ އެ ކުންފުނި މި ތަނުން ބޭރުކުރުން. އިންޑިއާގެ ލޯނު ކެންސަލްކޮށްލުން. ނޫން، އެހެންނެއް ނޫން. ހަމަ އޭގެ އެންމެ ރަނގަޅު ހައްލެއް ގެންނާނީ،" އެ ހައްލު ހޯދައި މަޝްރޫއު ކުރިއަށް ގެންދަން ޖެހޭކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވި އެވެ.
"[ބަދަލު] ގެނެސްގެން އެ މަޝްރޫއު ބާރަށް ގެންދަން ވާނެ. އެއީ ކޮން ހައްލެއް ކަމެއް އޮނެސްޓްލީ ދަންނަވާކަށް ނޭނގޭނެ [އަދި]."
ވިލިމާލެ ބްރިޖު މަޝްރޫއަކީ، އެ މަޝްރޫއުގެ މައުލޫމާތު ހޯދަން ނޫސްވެރިން މަސައްކަތްކޮށްގެން ވެސް މައުލޫމާތު ހާމަނުކޮށް އޮތް މަޝްރޫއެއް ކަމަށާއި އޭގެ މައުލޫމާތު އެނގެން އޮތީ ވެސް ވެރިކަމަށް ވަޑައިގެންނެވުމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމާ، ސަރުކާރަކަށް އައިސްގެން އެ އެއްޗެހި ބެލޭނީ. އެހެންވީމާ، އޭގެ އައުޓްކަމަކީ ކޮބައި ކަމެއް ނޭނގެ. އަނެއް އައުޓްކަމަކީ، މިތާ ބްރިޖު އެޅެން ޖެހޭނެ. އެކަން އިރާދަކުރެއްވިއްޔާ ކުރާނަން،" އޭނާ ވިދާޅުވި އެވެ.
މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅާލާ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖު ނުވަތަ ތިލަމާލެ ބްރިޖުގެ މަޝްރޫއު ލަސްވާ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި ވެރިކަމަށް ވަޑައިގެންނެވުމުން އެ މަޝްރޫއު ހަލުވި ކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް… pic.twitter.com/Yqy3jlzwZo
— Dhauru (@Dhaurunews) August 29, 2023
އެނގުން މުހިއްމު - ވިލިމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީ އެވެ.
-
ބާކީ ބައި ހަމަޖައްސަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ކްރެޑިޓް ލައިނަކުން ނުވަތަ ލޯނަކުން
-
އިންޑިއާގެ އެފްކޮންސްއާ މަޝްރޫއު ހަވާލުކުރީ 26 އޮގަސްޓް 2021ގައި
-
ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވޭ
-
މުޅި ބްރިޖުގެ ދިގުމިން: 3.6 ކިލޯމީޓަރު
-
220،000 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކައި ތޮށިލާނެ
-
ބްރިޖާ ގުޅިގެންދާ 3 ކިލޯމީޓަރުގެ މަގާއި ފާލަން ހަދާނެ
ފާހަގަ ކުރެވޭ ކަމެއް - މާލެ-ހުޅުމާލެ ބްރިޖަކީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ކުރިއަށް ގެންދިޔަ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫ އެވެ. އެގޮތުން، 2015 ވަނަ އަހަރު ފެށި އެ ބްރިޖުގެ މަޝްރޫއު ނިންމައި ސެޕްޓެމްބަރު 2018ގައި ވަނީ އެ ތަން ބޭނުން ކުރަން ފަށައިފަ އެވެ. އެ މަޝްރޫއަށް ޖުމްލަ 210 މިލިއަން ޑޮލަރު ހޭދަކުރި އިރު، އޭގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަކީ ޗައިނާގެ ހިލޭ އެހީ އެވެ.