ނަޝީދަށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ދައުވާ ލިބޭ ފަރާތްތައް ކްރިމިނަލް ކޯޓުގައި ވަކީލުންނާ އެކު.
ނަޝީދުގެ ހަމަލާގެ މައްސަލަ ބަލާ ގާޒީ ޖޭއެސްސީގެ މަސައްކަތެއްގައި އުޅޭތީ މިއަދުގެ އަޑުއެހުން ކެންސަލް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ފަހުން މިއަަދު ބާއްވަން ތާވަލުކުރި އަޑުއެހުން، އެ މައްސަލަ ބައްލަވާ ގާޒީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރަސްމީ މަސައްކަތެއްގައި އުޅުއްވާތީ ކެންސަލްކޮށްފި އެވެ.
ވީ ކިހިނެއް؟ - ކުރީގެ ރައީސް ނަޝީދު އަވަހާރާކޮށްލަން 6 މޭ 2021 ދުވަހުގެ ރޭ ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކުރި މީހުންގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދު ކުށަށް އިއުތިރާފްވެ، ދައުލަތާ އެކު އެއްބަސްވުމެއް ހެދުމުން އޭނާ ވަނީ 23 އަހަރަށް ޖަލަށް ލައިފަ އެވެ.
އެ މައްސަލާގައި ދެން ހިމެނޭ އެހެން މީހުންގެ މައްސަލަތައް ކޯޓުގައި އަންނަނީ ހިނގަމުންނެވެ. އެއީ:
-
ތަހުމީން އަހުމަދު - ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ
-
މުޖާޒު އަހުމަދު، މއ. ފޭރުގެ/މާލެ - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ
-
އަލީ ހައިޝަމް، ނޫރީގެ/ނ. މަނަދޫ - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
-
އިސްހާގު، މއ. ކުދެހިގެ/މާލެ - ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
-
ފަހުމީ އަލީ، ހުދުރުވާގެ/ގއ. ވިލިނގިލި - ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
-
މުހައްމަދު ނާޒިމް، އަސަރީގެ/އއ. މާޅޮސް - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ
މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ 23 މޭގަ އެވެ. އޭގެ ފަހުން އަޑުއެހުމެއް ނުބާއްވާ އޮތުމަށް ފަހު މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުން މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ.
ތަފްސީލް - މިއަދު 10 ޖަހާއިރު ބާއްވަން އޮތް އެ އަޑުއެހުން ކެންސަލް ކުރި ސަބަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ބުނީ، ޖޭއެސްސީން ހަވާލުކޮށްފައިވާ ރަސްމީ މަސައްކަތަކަށް ގާޒީ ވީއްލާފައި ހުރުމުން ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް އެ ކޯޓަކުން ނުދެ އެވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އެ މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ ސަފްވަތު ހަބީބު މި ވަގުތު އުޅުއްވަނީ، މެޖިސްޓްރޭޓު ކޯޓުތަކުގެ މެޖިސްޓްރޭޓުން އިވެލުއޭޓް ކުރުމަށް ޖޭއެސްސީން ކުރިއަށް ގެންދާ މަސައްކަތުގަ އެވެ. މި މަސައްކަތުގައި ސޮފްއަތުގެ އިތުރުން، އެހެން ބައެއް ގާޒީން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
އެނގުން މުހިންމު - ކްރިމިނަލް ކޯޓުގައި މި މައްސަލަ މިހާރު އޮތީ ހެކިބަސް ނެގުމުގެ މަރުހަލާ ފެށުމަށް ތައްޔާރުވެފަ އެވެ. ސޮފްއަތު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މައްސަަލައަށް ގިނަ ދުވަސްތަކެއްވެފައިވާތީ، އަވަަހަށް ކުރިއަށް ގެންގޮސް، މި އަހަރުގެ ތެރޭ މައްސަލަ ނިންމުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
-
އިތުރަށް ކިޔާލަން - ބޭރުކޮށްލި ތަހުމީންގެ ދިފާއީ ހެކި ބަލައިގަނެވޭނެ: ހައި ކޯޓު