ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒު ޖެއްސެވުމަށް މާލޭގެ ސޯޝަލް ސެންޓަރުގައި 5 އޭޕްރީލް 2021. (ފައިލް ފޮޓޯ/ރައީސް އޮފީސް)

އިދިކޮޅުގެ ވެރިން ރައްޔިތުން ކައިރީ ބުނީ ވެކްސިން ނުޖަހަން، އެކަމަކު ތިބީ ސިއްރުން ޖަހައިގެން: ރައީސް

ރައީސް ވިދާޅުވީ އެ ބޭފުޅުން ސީދާ މިނިސްޓަރަށް ގުޅައިގެން ވެސް ސިއްރުން ވެކްސިން ޖެއްސެވި ކަމަށް

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އިިދިކޮޅު ފަރާތްތަކުން ވާހަކަދެއްކި ކަމަށާއި، ނަމަވެސް އެ ވާހަކަތައް ދެއްކި އެންމެން ވެސް ތިބީ ސިއްރުން ވެކްސިން ޖަހައިގެން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - 2020 ވަނަ އަހަރުގެ ކުރީކޮޅު މުޅި ދުނިޔޭގައި ފެތުރެން ފެށި ކޮވިޑުގެ ބަލިމަޑުކަމުން ދިފާއުވުމަށް ޖަހާ ވެކްސިން ރާއްޖޭގައި ޖަހަން ފެށީ 2021 ވަނަ އަހަރު އެވެ. އިންޑިއާގެ އެހީގައި ފުރަތަމަ ވެކްސިން ހޯދައިގެން ގެނެސް ޖަހަން ފެށިއިރު، ވެކްސިންއާ ދެކޮޅަށް ބަޔަކު ވާހަކަ ދެއްކި އެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އިސްދޫކަލައިދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި އުނދަގޫތަކަކާ ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، ހާއްސަކޮށް ކޮވިޑުގެ ބަލިމަޑުކަމާ އެކު ހީނުކުރާ ވަރުގެ ދަތިި އުނދަގޫތައް ކުރިމަތިވި ކަމަށެވެ.

ބުނީ ކީކޭ؟ - ކޮވިޑުން ރައްކާތެރިވެ، ދިފާއުވުމަށް ޖަހާ ވެކްސިން ރާއްޖޭގައި ޖަހަން ފެށުމާ އެކު، އިދިކޮޅު ފަރާތްތަކުން ވެކްސިނާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދައްކަން ފެށި ކަމަށް ރައީސް ވިދާޅުވި އެވެ.

"ވެކްސިން ޖަހަން ފެށީމާ އެތައް ވާހަކައެއް ދައްކަން ފެށި އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުން. ތި ޖަހާކަށް ނުވާނެޔޭ، ތީގެން ވާނީ ގެއްލުމޭ. އެހެން ގޮސް، ރައްޔިތުންގެެ ކުރިމަތީގައި އެކަން ކުރިޔަނުދިނުމަށް އެތައް ދަތިތަކެއް ކުރިމަތިކުރުވި،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހް އިސްދޫކަލައިދޫގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/އެމްޑީޕީ)

ރައީސް ވިދާޅުވީ ވެކްސިން ނުޖަހަން ރައްޔިތުންނަށް ބާރު އެޅި މީހުން ތިބީ ސިއްރުން ވެކްސިން ޖަހައިގެން ކަމަށެވެ. ސީދާ މިނިސްޓަރަށް ގުޅައިގެން ސިއްރުން ވެކްސިން ޖެހި މީހުން ވެސް އެބަތިބި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެން ނަމަވެސް، ދަންނަވަންތޯ، އެ ބޭފުޅުން ވެސް ސިއްރުން އަޅުގަނޑުމެންގެ އެކިއެކި މީސްމީހުންނާ ގުޅައިގެން އެންމެން ވެސް ވެކްސިން ޖަހައިގެންނޭ އެ ތިބީ އެ ދުވަހު. ހަމަ އެންމެން ޖަހައިގެން ތިބީ،" ރައީސް ވިދާޅުވި އެވެ.

"މިއީ އެ ބޭފުޅުން އެ ދުވަހު ވެސް މަސައްކަތް ކުރި ގޮތް. ސިއްރުން އޮޅުވާލައިގެން. ރައްޔިތުން ކައިރީ ނުޖަހާށޭ ބުނެފައި، އަމިއްލައަށް ވަކިވަކިން ގުޅައިގެން. ހެލްތު މިނިސްޓަރަށް ވަކިން އެބަ ގުޅުއްވަޔޭ، ތިމަންނަ ބޭނުމޭ ވެކްސިން ޖަހަން. އެކަމަކު މީހުންނަށް ނުފެންނަ ގޮތަށޭ ތިމަންނަމެން އެކަން ކުރަން ބޭނުންވަނީ، ތިމަންނަމެންނަކަށް ނެތޭ އާންމުކޮށް އެކަން ކުރެވޭކަށް."

ރައީސް ވިދާޅުވީ އިދިކޮޅު މީހުންގެ ސިޔާސަތު އޭރު ވެސް އަދި މިހާރު ވެސް އޮތީ އޮޅުވާލައިގެން ކަންތައްތައް ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން ކަންކުރަމުން މި ގެންދަނީ ތިޔަބޭފުޅުންގެ ކުރިމަތީގައި ވައުދުވެފައި އަދި ކުރަމުންދާކަން ހާމަ ކުރަމުން."

އޮޅުވާލައި ނާޖައިޒު ފައިދާ އެއްވެސް އިރަކު ނަގާފައި ނޯންނާނެ ކަމަށާއި ކޮވިޑުގެ ހާލަތުގައި ސަރުކާރުގެ ހަރަދުތައް އާންމުކޮށް ރައްޔިތުންގެ މަޖިލީހާ ވެސް ހިއްސާކުރަމުން ދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް