ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އުމަރު ނަސީރު ފޯމު ހުށަހަޅުއްވުމުގެ ތެރެއިން (ދައުރު ފޮޓޯ/ ހުސެއިން ސުނޭން)

އުމަރު ނަސީރު

އުމަރު ނަސީރަށް މަރުގެ އިންޒާރު ދިން މައްސަލައެއް އެމްއެންޑީއެފް އަށް ހުށަހަޅައިފި

މީގެ ކުރިން ވެސް ކެމްޕޭން ހަރަކާތެއްގެ ތެރެއިން އުމަރަށް ދަގަނޑު ބުރިއަކުން ހަމަލާ ދިން މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުން
28 އޯގަސްޓު 2023

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަސީރަށް ބަޔަކު މަރުގެ އިންޒާރު ދެމުންދާ މައްސަލަ އެމްއެންޑީއެފް އަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އުމަރު އެކަން އިއުލާނު ކޮށްފައިވަނީ ރޭ އޭނާގެ ފޭސްބުކް ޕޭޖަށް ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ބޭއަދަބީ ބަހުން މަރުގެ އިންޒާރު ދީ ކޮށްފައިވާ ބައެއް ކޮމެންޓުގެ ސްކްރީންޝޮޓްތައް ވެސް އުމަރު ހިމަނާފައިވެ އެވެ.

ބުނީ ކީކޭ؟ - "ތަފާތު މަރުގެ އިންޒާރު ލިބެމުން ދާތީ މިކަން ވާނީ އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނެސްފައި،" އުމަރު ވިދާޅުވެފައިވެ އެވެ.

އެނގުން މުހިއްމު - ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކޮންމެ ކެންޑިޑޭޓަކަށް ވެސް އިލެކްޝަންސް ކޮމިޝަނުން އެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ގަބޫލުކުރާ ހިސާބުން ފެށިގެން އިންތިހާބު ނިމެންދެން އެމްއެންޑީއެފުން ސެކިއުރިޓީ ދޭން ޖެހެ އެވެ. އެގޮތުން މި އަހަރުގެ އަށް ކެންޑިޑޭޓުންނަށް ވެސް އެމްއެންޑީއެފް އިން ދަނީ ސެކިއުރިޓީ ދެމުންނެވެ.

އެމްއެންޑީއެފްގެ ބަސް - މަރުގެ އިންޒާރު ލިބެމުންދާ މައްސަލައާ ގުޅިގެން އެމްއެންޑީއެފް އިން އުމަރުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފައިވޭތޯ ނުވަތަ އިތުރު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ 'ދައުރު'އިން ކުރި ސުވާލަށް އަދި މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މި މަހުގެ 19ގައި ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން މީހަކު އުމަރަށް ދަގަނޑު ބުރިއަކުން ހަމަލާދިން މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އުމަރު ވިދާޅުވެފައިވާ ގޮތުގައި:

  • ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން މާލޭގައި ޕިކަޕު ބުރެއް ކުރިއަށް ގެންދަނިކޮށް، ޑްރަގް ވިއްކާ މީހެއް ކަމަށް ތުހުމަތުކުރެވޭ މީހަކު ދަގަނޑު އެއްޗެއް އެއްލައި ފިލާފައިވޭ 

  • އެ ދަގަނޑުގަނޑު އޭނާގެ މޫނުގައި ޖެހުނު ކަމަށް ވެސް އުމަރު ވިދާޅުވި

އެ މައްސަލައިގެ ތަހުގީގު ވީހާ ވެސް އަވަހަކަށް ނިންމައި އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ގޮވާލާފަ އެވެ. އެހެން ނަމަވެސް މިހާތަނަށް އެ މައްސަލައިގައި ފުލުހުން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ. އަދި އެ ތަހުގީގުގެ އަޕްޑޭޓެއް ވެސް ފުލުހުންގެ ފަރާތުން ލިބޭ ގޮތެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް