އުމަރު އިއްޔެ ކުރިއަށް ގެންދިޔަ ޕިކަޕު ބުރުގެ ތެރެއިން. (ފޮޓޯ/އުމަރު ކެމްޕެއިން ޓީމް)
އުމަރަށް ދިން ހަމަލާގެ ތަހުގީގު އަވަސްކުރަން އީސީން ގޮވާލައިފި
ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު އިއްޔެ ހަވީރު ބޭއްވެވި ކެމްޕެއިން ހަރަކާތެެއްގެ ތެރެއިން އޭނާއަށް ދަގަނޑު ބުރިއަކުން ހަމަލާދިން މައްސަލައިގެ ތަހުގީގު ވީހާ ވެސް އަވަހަކަށް ނިންމައި އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - އުމަރު އިއްޔެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން އިއްޔެ ހަވީރު މާލޭގައި ޕިކަޕު ބުރެއް ކުރިއަށް ގެންދަނިކޮށް، ޑްރަގް ވިއްކާ މީހެއް ކަމަށް ތުހުމަތުކުރެވޭ މީހަކު ދަގަނޑު އެއްޗެއް އެއްލައި ފިލާފައިވާ ކަމަށެވެ. އެ ދަގަނޑުގަނޑު އޭނާގެ މޫނުގައި ޖެހުނު ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރުގެ ސެކިއުރިޓީގެ ގޮތުގައި އެ ވަގުތު އެ ތަނުގައި ތިބި ސިފައިިން އެ މީހާގެ ފޮޓޯ ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް ވެސް އުމަރު ވިދާޅުވެފައިވެ އެވެ.
-
އިތުރަށް ކިޔާލަން - އުމަރަށް ދަގަނޑު ބުރިއަކުން ހަމަލާ ދީފި، އެކަމަކު އަނިޔާއެއްނުވޭ
އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި، އުމަރަށް ދިން ހަމަލާ ކުށްވެރިކުރައްވައި އެ މައްސަލަ ވީހާ ވެސް އަވަހަކަށް ތަހުގީގުކުރަން ފުލުުހުންނަށް ގޮވާލައްވާފައިވެ އެވެ.
ތަފްސީލް - ހަބީބު ވިދާޅުވީ، އެއްވެސް ކެންޑިޑޭޓެއްގެ އަދި ރަނިން މޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ކުށެއް ކަމަށާއި، އެފަދަ ކަމެއް ހިނގާ ނަމަ، އެ ކަމެއް ހުއްޓުވަން ދައުލަތުގެ ސަލާމަތީ ބާރުތަކަށް އެ ކޮމިޝަނުގެ މެމްބަރުންގެ ފަރާތުން ގޮވާލާ ކަމަށެވެ. އަދި އެފަދަ ނާތަހުޒީބު އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް ހަބީބު އިލްތިމާސްކުރައްވާފައިވެ އެވެ.
"ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރަށް މީހަކު ހަމަލާދީފައިވާތީ، މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ހަލުވިކަމާ އެކު ކުރިއަށް ގެންގޮސް، އެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އީސީގެ ފަރާތުން ގޮވާލަން،" ހަބީބުގެ ޓުވީޓުގައިވެ އެވެ.
އިންތިޚާބަށް ކުރިމަތިލި މީހުންގެ ނަންތައް
— Ismail Habeeb (@IsmailHabeeb) August 19, 2023
އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އަންގައި އިޢުލާންކުރާ ދުވަހުން ފެށިގެން، އިންތިޚާބު ބާއްވައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވާ މީހާ އެމީހާގެ މަޤާމާ ޙަވާލުވަންދެން، ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ އެންމެހައި…
މީގެ އިތުރުން، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކ. ގުރައިދުއަށް ވަޑައިގަތުމާ ދިމާކޮށް އެ ރަށުގައި ރޭ ހިންގި ހަމަނުޖެހުމާ ގުޅިގެން ވެސް ހަބީބު ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އެފަދަ ގާނޫނާ ހިލާފު އަމަލުތަކުން ދުރުހެލިވުމަށް ވެސް އޭނާ އިލްތިމާސްކުރައްވާފައިވެ އެވެ.
އެނގުން މުހިންމު - ރިޔާސީ އިންތިހާބު އީސީން އާންމުކޮށް އަންގައި އިއުލާންކުރާ ދުވަހުން ފެށިގެން، އިންތިހާބު ނިމި، ރައީސްކަމާ ބޭފުޅަކު ހަވާލުވަންދެން ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންގެ ރަނިން މޭޓުންނަށް ދައުލަތުގެ ހަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތް ދޭން ގާނޫނު ލާޒިމްކުރެ އެވެ.