ރިޔާސީ އިންތިހާބުގެ ކެމްެޕެއިނަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އދ. ދިއްދޫގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ޖޭޕީ)

ޖުމްހޫރީ ޕާޓީ

ބޭންކުން ދުވާލަކަށް ނެގޭ ފައިސާގެ ލިމިޓު އުވާލާނަން: ގާސިމް

ގާސިމް ވިދާޅުވީ، ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ހުރި އެފަދަ ހުރިހާ ގަވާއިދެއް ޖޭޕީގެ ވެރިކަމެއްގައި އުވާލާނެ ކަމަށް

ރާއްޖޭގެ ބޭންކިން ނިޒާމު މެދުވެރިކޮށް ކަންކަން ކުރުން ގަވާއިދުތައް މެދުވެރިކޮށް ދަތިކޮށްފައިވާ ކަަމަށާއި އެއީ އެތައް ބަޔަކަށް ތަކުލީފެއް ކަމަށް ވިދާޅުވެ، އެކައުންޓުތަކުން ދުވާލަކަށް ނެނގޭ ފައިސާގެ އަދަދު ލިމިޓުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވައުދުވެވަޑައިގެންފި އެވެ.

އެނގުން މުހިންމު - ދުވާލެއްގެ މައްޗަށް އާންމު މީހަކަށް ބޭންކުން ނަގުދު ފައިސާ ނެގޭނީ ގިނަވެގެން 200،000ރ. އެވެ. ކާޑު ބޭނުންކޮށްގެން ދުވާލަކަށް ނެގެނީ ގިނަވެގެން 25،000ރ. އެވެ.

ވީ ކިހިނެއް؟ - އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ގާސިމް ކުރައްވަމުން ގެންދަވާ ކެމްޕެއިންގައި މިއަދު ހުންނެވީ އދ. އަތޮޅުގަ އެވެ. އެ އަތޮޅު މަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވަނީ، އިންތިހާބަށް 12  ދުވަހަށް ވީއިރު ވެސް، ބޭންކުތަކުން ފައިސާ ނެނގޭ ލިމިޓުން ރިޔާސީ ކެންޑިޑޭޓުންނަށް އިސްތިސްނާއެއް ދީފައި ނުވާތީ، ކެމްޕެއިންގެ ހަރަދުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، އޭނާ ކުރިން ވެސް ފާޅުކުރެއްވި ކަންބޮޑުވުން ތަކުރާރުކުރައްވާފަ އެވެ.

ތަފްސީލް - ގާސިމް ވިދާޅުވީ، އަމިއްލަ އެކައުންޓަށް ޖަމާކޮށްފައި ހުންނަ ފައިސާ ނަގަން ދާއިރު، 200،000ރ.އަށް ވުރެ ބޮޑު އެއްޗެއް ނުލިބޭ ކަމަށެވެ.

"އެއްގޮތަކަށް ވެސް އެހެން ވެގެން ނުވާނެ. ކޮންފަދަ ބޮޑު ތަކުލީފެއްތޯ އެ ޖައްސަނީ. އެ ތަކުލީފުތައް އިރާދަކުރެއްވިއްޔާ މިނިވަންކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.

"މިއީ ބޭންކުތަކުގެ ގަވާއިދު އެމްއެމްއޭ ނެރެފައި ހުންނަ. މިކަހަލަ ގަވާއިދު، ރައްޔިތުންނަށް ދަތިވާ ގޮތަށް ހުންނަ ހުރިހާ ގަވާއިދެއް އުވާލާނަން."

ރިޔާސީ އިންތިހާބުގެ ކެމްެޕެއިނަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އދ. މަންދޫގައި. (ފޮޓޯ/ޖޭޕީ)

ގާސިމް ވިދާޅުވީ، އެ މީހެއްގެ އެކައުންޓަށް ލާ ފައިސާ، އެ މީހަކު ބޭނުން މީހަކަށް ދެވޭނެ ކަމަށާއި، ނަގަން ބޭނުންވަންޏާ ނެގެން ވެސް ޖެހޭނެ ކަމަށެވެ. އެކަމުގައި އޮތީ ކޮން މައްސަލައެއްތޯ ސުވާލުކުރައްވަމުން ގާސިމް ވިދާޅުވީ، މަނީ ލޯންޑްރިން ހުއްޓުވުން ކަމަށް ބުނެ، "މީހުންނަށް އުނދަގޫ ޖެއްސުން" ނޫން އެހެން ކަމެއް ނުކުރާ ކަމަށެވެ.

"އަޅުގަނޑުގެ ދަރިފުޅުގެ ނަމަށް 2 މިލިއަން ރުފިޔާ ބަދަލުުކުރަން ވެއްޖެއްޔާ ބޮޑު ސިންގާ އެއްބަސްވުމެއް އޮވެގެން، ލިޔެގެން، ސޮއިކޮށްގެން، އޭގައި މައިކްރޯސްކޯޕް އަޅައިގެން ސޮއި ދިމާވޭތޯ ބަލައިގެން. މިއީ ކޮން ފަދަ މުސީބާތެއްތޯ. އަޅުގަނޑުގެ ދަރިކަން އެނގޭ ބޭންކަށް ވެސް. މިއީ ތަންފުކެއް ބޮޑުވަރު ދޯ؟،" ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ކިޔަވަން އަދި ބޭސްފަރުވާއަށް ގޮސް ތިބޭ މީހުންނަށް ޑޮލަރު ލިބިމުގައި އޮތް ދަތިތައް ވެސް ނައްތާލައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު 18ރ.ގެ ރޭޓުގައި ޑޮލަރު ލިބޭ ސަބަބަކީ މި ސަރުކާރުން ނަގާ ލޯންތައް ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކޮންމެ ކެންޑިޑޭޓަކަށް ވެސް ގިނަވެގެން 564 މިލިއަން ރުފިޔާ ހޭދަކުރުމުގެ ފުރުސަތު ގާނޫނުން ލިބިދެ އެވެ. އެއީ ވޯޓުލެވޭ ކޮންމެ މީހަކަށް ގިނަވެގެން 2،000ރ. ގެ މަގުންނެވެ. މި އަހަރުގެ އިންތިހާބުގައި ވޯޓު ލާ މީހުންގެ އަދަދަކީ 282،395 އެވެ. 

އޭގެ އިތުރުން، ކެންޑިޑޭޓަކު ހަރަދު ކުރަން ނުވަތަ ބޭނުންކުރަން:

  • ވަކި ފަރުދަކަށް ގިނަވެގެން 2.8 މިލިއަން ރުފިޔާ ދެވިދާނެ

  •  ގާނޫނީ ޝަހުސަކަށް ގިނަވެގެން ދެވޭނީ 11.2 މިލިއަން ރުފިޔާ 

ކެމްޕެއިން ކުރަން މިހާރު މި އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ބައެއް ކެންޑިޑޭޓުންނަށް ހޭދަކުރަން އެކަށީގެންވާ ވަރާ ގާތަށް ވެސް ފައިސާ ނެގޭނެ ގޮތެއް ނެތް ކަމަށް ބުނެ، މީގެ ކުރިން ވެސް ގާސިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން، މިލިއަނުން ފައިސާ ހުއްޓަސް، ކެންޑިޑޭޓަށް ހާއްސަ އެކައުންޓުން ދުވާލަކަށް ނެގެނީ 190،000ރ. ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މި ކަންބޮޑުވުން އެހެން ޕާޓީތަކުން ވެސް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި ފާޅުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ކޮމެންޓް (1)

މަޖާކަމެއްމީ

27 އޯގަސްޓު 2023
އެއިރުން ގިނައިން ރިޟްވަތު ދެވޭނީ ލިމިޓް އުވާލީމަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް