ރިޔާސީ އިންތިހާބުގެ ބައެއް ކެންޑިޑޭޓުންނާއި އޭޖެންޓުން، ނަން ތަރުތީބުކުރި ދުވަހު އެ ބޭފުޅެއްގެ ނަންބަރު ހިއްޕަވައިގެން (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ބޭންކުން ދުވާލަކަށް ނެގޭ ފައިސާ މަދުކަމުން ކެމްޕޭނަށް ހުރަސް

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ މައްސަލަ ހައްލުކޮށްދޭން އެމްއެމްއޭއާ ވާހަކަ ދައްކާފައިވާނެ ކަމަށް. ބީއެމްއެލް އިން ބުނި ގޮތުގައި ހާއްސަ އުސޫލެއް ވަނީ ހަދާފައި

ރާއްޖޭގެ ބޭންކްތަކުން ފައިސާ ނެގުމުގެ އުސޫލު އޮންނަ ގޮތުން ރިޔާސީ ކެމްޕެއިންއަށް ހަރަދުކުރަން ފައިސާ ނަގަން ބޮޑެތި ހުރަސްތަކެއް ހުރުމުގެ ކަންބޮޑުވުން ކެންޑިޑޭޓުން ފާޅުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ -  މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކޮންމެ ކެންޑިޑޭޓަކަށް ވެސް ގިނަވެގެން 564 މިލިއަން ރުފިޔާ ހޭދަކުރުމުގެ ފުރުސަތު ގާނޫނުން ލިބިދެ އެވެ. އެއީ ވޯޓުލެވޭ ކޮންމެ މީހަކަށް ގިނަވެގެން 2،000ރ. ގެ މަގުންނެވެ. މި އަހަރުގެ އިންތިހާބުގައި ވޯޓު ލާ މީހުންގެ އަދަދަކީ 282,395 އެވެ. 

އޭގެ އިތުރުން، ކެންޑިޑޭޓަކު ހަރަދު ކުރަން ނުވަތަ ބޭނުންކުރަން:

  • ވަކި ފަރުދަކަށް ގިނަވެގެން 2.8 މިލިއަން ރުފިޔާ ދެވިދާނެ

  •  ގާނޫނީ ޝަހުސަކަށް ގިނަވެގެން ދެވޭނީ 11.2 މިލިއަން ރުފިޔާ 

އިންތިހާބަށް މިހާރު އޮތީ އެންމެ 20 ދުވަހެވެ. ކެމްޕެއިން ކުރަން ރަސްމީކޮށް ލިބުނީ މަހެކެވެ.

ބޭންކްތަކުން ދުވާލަކަށް ގިނަވެގެން ނެގޭނެ އަދަދު ކުޑަކަމުން، މިހާރު މި އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ބައެއް ކެންޑިޑޭޓުންނަށް ހޭދަކުރަން އެކަށީގެންވާ ވަރާ ގާތަށް ވެސް ފައިސާ ނެގޭނެ ގޮތެއް ނެތެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވީ މި އޮތް ދުވަސްކޮޅުގެ ތެރޭގައި ބޭންކުން ނަގައިގެން 100 މިލިއަން ރުފިޔާ ވެސް ހޭދަނުކުރެވޭނެ ކަމަށެވެ. 

މި ކަންބޮޑުވުން އެހެން ބައެއް ކެންޑިޑޭޓުން ވެސް ފާޅުކުރައްވާފައި އޮތް ކަން 'ދައުރު' އަށް ވަނީ ކަށަވަރުވެފަ އެވެ.

ތަފްސީލް - ށ. ކަނޑިތީމުގައި އިއްޔެ ޖޭޕީން ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މިލިއަނުން ރުފިޔާ ހުއްޓަސް، ކެންޑިޑޭޓަށް ހާއްސަ އެކައުންޓުން ދުވާލަކަށް ނެގެނީ 190،000ރ. ކަމަށެވެ.

"[ރިޔާސީ ކެންޑިޑޭޓުގެ ނަންތައް ތަރުތީބުކުރާ ދުވަހުން ފެށިގެން މިހާ ހިސާބަށް ބައްލަވާ އެންމެ އެކައުންޓަކުން 190،000ރ. ނެގޭ ކަމުގައި ވަންޏާ، ކިހާ ވަރެއްތޯ ނެގޭނީ. ސަތޭކަ މިލިއަން ވެސް ހަމަވޭތޯ،" ގާސިމް ވިދާޅުވި އެވެ.

ފައިސާ ނެގުމުގެ ހުރަސް އެގޮތަށް އޮތީ ސަރުކާރުގެ ސަބަބުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. އޭނާ ވިދާޅުވީ 'މިކަހަލަ ދެކޮޅުނުޖެހޭ' ކަންކަން އެ ކުރަނީ އިދިކޮޅު ކެންޑިޑޭޓުން 'ތާށިކޮށް، ތަޅު އަޅުވާ، އަދި ދަތިކުރަން' ކަމަށެވެ. 

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ށ. ކަނޑިތީމުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ޖޭޕީ)

ބުނީ ކީކޭ؟ -  މި ކަންބޮޑުވުމާ ގުޅޭ ގޮތުން ސުވާލުކުރުމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު 'ދައުރު' އަށް ވިދާޅުވީ، އެ ޝަކުވާ ގާސިމްގެ އިތުރުން އެހެން ކެންޑޭޓުންގެ ފަރާތުން ވެސް އައިސްފައިވާ ކަމަށެވެ. އެހެންވެ އިންތިހާބީ މުއްދަތުގައި ރިޔާސީ ކެންޑިޑޭޓުންގެ ހާއްސަ އެކައުންޓުން ދަތިކަމެއް ނެތި ފައިސާ ނެގޭނެ އިންތިޒާމު ހަމަޖައްސައިދޭން އެމްއެމްއޭގައި މީގެ ކުރިން ވެސް އެދިފައިވާނެ ކަަމަށް ހަބީބު ވިދާޅުވި އެވެ.

"ރިޔާސީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ފަހު ބޭއްވި ބައްދަލުވުންތަކުގައި ވެސް ކެންޑިޑޭޓުން ތި ކަންބޮޑުވުން ފާޅުކުރި. މިއީ ހާއްސަ ހާލަތެއް ކަމަށް ވުމުން އެ ބައްދަލުވުމުގައި އެ އިންތިޒާމުތައް ހަމަޖައްސުމަށް އެމްއެމްއޭއާ އެކު ވާހަކަ ދެކެވިފައިވޭ،"  ހަބީބު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާއިލް ހަބީބު (ފޮޓޯ/ ޝަރުހާން)

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރެވޭނީ އީސީ މަސައްކަތްކުރާނެ އެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު 'ދައުރު'އަށް ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅިގެން ކެންޑިޑޭޓުން ހުޅުވާފައިވާ އެކައުންޓަށް، ފައިސާ ލުމާއި، ނެގުން ފަސޭހަކުރަން، ހާއްސަ އުސޫލެއް މިހާރު ހަދާފައިވާ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ފަހުން ދެއްވާނެ ކަމަށް ވިދާޅުވެ ތަފުސީލަކަށް ވަޑައެއްނުގަންނަވަ އެވެ. 

އެނގުން މުހިންމު - ދުވާލެއްގެ މައްޗަށް އާންމު މީހަކަށް ބޭންކުން ނަގުދު ފައިސާ ނެގޭނީ ގިނަވެގެން 200،000ރ. އެވެ. ކޭޝް ކާޑު ބޭނުންކޮށްގެން ދުވާލަކަށް ނެގޭ ފައިސާގެ އަދަދަކީ 25،000ރ. އެވެ.

ގާނޫނު ބުނާ ގޮތުން، ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ ހަރަދުތައް ކުރަން އެކަމަށް ހާއްސަ އެކައުންޓެއް ރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ކެންޑިޑޭޓްގެ ނަމުގައި ހުޅުވަން ވާނެ އެވެ. އިންތިހާބާ ގުޅޭ ހަރަދާއި ކެމްޕޭނަށް ލިބޭ އެހީގެ ފައިސާ ވެސް ޖަމާކުރަން ޖެހޭނީ އެ އެކައުންޓަށެވެ.

އެގޮތުން:

  • ކެންޑިޑޭޓަކަށް މާލީ އެހީ ނުވަތަ ކެމްޕޭނަށް އެއްޗެއް ދިން ފަރާތް ސިއްރުކޮށް ނުވަތަ އޮޅުވާލުމަކީ މަނާ ކަމެއް

  • އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކަށް ލިބޭ މާލީ އެހީ ބަލައިގަންނަން ޖެހެނީ ހަމައެކަނި އެ ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އޭޖެންޓު

  • މިގޮތަށް ލިބޭ ފައިސާ ދޭ ފަރާތާއި، ލިބޭ ގޮތާއި، ލިބޭ އަދަދުގެ ރެކޯޑުތައް އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓް ބަލަހައްޓަން ޖެހޭ

ކޮމެންޓް (2)

އައްޔަ

20 އޯގަސްޓު 2023
ކެމްޕެއިނަށް ހަރަދު ނުކުރަން ގާސިމް ދައްކާ ވާހަކަ......ކައިރީގަ އެނބުރޭ މާބުރު ތަކަށް ދައްކަން ރަގަޅު އެކްސްކިއުޒެއް .... ސަޅި
2 0

ގައްސާނު

20 އޯގަސްޓު 2023
ތި ހުރިހާ ފައިސާއެއް ކިހިނެތްތަ ހަރަދުކުރަނީ؟ ބަހަނީތަ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް