ރިޔާސި އިންތިޙާބް 2023، އާއި ގުޅިގެން އިލެކްޝަން ކޮމިޝަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/ހުސެން ސުނޭން)

ރިޔާސީ ކެންޑިޑޭޓަކަށް އެންމެ ގިނަވެގެން ހަރަދުކުރެވޭނީ 564 މިލިއަން ރުފިޔާ

ކެންޑިޑޭޓަކު ހަރަދު ކުރަން ވަކި ފަރުދަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 2.8 މިލިއަން ރުފިޔާ، ގާނޫނީ ޝަހުސަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 11.2 މިލިއަން ރުފިޔާ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކަށް ކެމްޕެއިންގައި އެންމެ ގިނަވެގެން ވެސް ހަރަދުކުރެވޭނީ 564.7 މިލިއަން ރުފިޔާ ކަމަށް މިއަދު އިލެކްޝަން ކޮމިޝަނުން ކަނޑައަޅައިފި އެވެ.

އެނގުން މުހިންމު - އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު ބުނާ ގޮތުން، ރިޔާސީ އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރަންވާނީ އެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ އިންތިހާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް، 2،000ރ މަގުން ހިސާބު ކުރުމުން ނުކުންނަ ފައިސާގެ އަދަދަށް ވުރެ އިތުރުނުވާނެ އަދަދަކަށެވެ. މި އަދަދު މިންކުރަނީ ކޮންމެ އަހަރެއްގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަށް ބަލައިފަ އެވެ.

ވީ ކިހިނެއް؟ ރާއްޖޭގައި 9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ އަދަދަކީ 282,395 އެވެ. މި އަދަދަށް ބަލާއިރު، ގާނޫނު ބުނާ ގޮތުން، މިފަހަރުގެ އިންތިހާބުގައި ކޮންމެ ކެންޑިޑޭޓަކަށް ހަރަދުކުރެވޭނެ އެންމެ މަތީ އަދަދު މިއަދު އިލެކްޝަން ކޮމިޝަނުންވަނީ ކަނޑައަޅައިފަ އެވެ.

ތަފްސީލް - މި އަދަދު ހާމަކޮށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކޮންމެ ކެންޑިޑޭޓަކަށް ވެސް ރަދުކުރެވޭނެ އެންމެ މަތީ އަދަދަކީ 564.7 މިލިއަން ރުފިޔާ ކަމަށެވެ.

މިފަހަރުގެ އިންތިހާބުގައި ކެންޑިޑޭޓަކު ހަރަދު ކުރަން ނުވަތަ ބޭނުންކުރުމަށްޓަކައި:

  • ވަކި ފަރުދަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 2.8 މިލިއަން ރުފިޔާ 

  •  ގާނޫނީ ޝަހުސަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 11.2 މިލިއަން ރުފިޔާ 

ރިޔާސީ އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރަން ނުވަތަ ބޭނުންކުރަން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ކެންޑިޑޭޓަކަށް ވެސް، އަމިއްލަ ފަރުދުންނާއި ގާނޫނީ ޝަހުސުން ދޭ ފައިސާ ނުވަތަ ތަކެތި ހޯދިދޭނެ ކަމަށް ގާނޫނު ބުނެ އެވެ. 

ގާނޫނުގައި ބުނަނީ ކެންޑިޑޭޓެއްގެ ހަރަދަށް ނުވަތަ ބޭނުންކުރަން ވަކި ފަރުދަކު މާލީ އެހީ ވާ ނަމަ އެ އެހީގެ މިންވަރު ގިނަވެގެން ހުންނަން ޖެހޭނީ އިންތިހާބީ ދާއިރާގައި ވޯޓު ލުމުގެ ހައްގު ލިބޭ އެންމެންގެ ބޮލަށް ޖެހޭ މިންވަރުގެ %0.5ގައި ކަމަށެވެ. ގާނޫނީ ޝަހުސަކު ދޭ ފައިސާ މިންވަރު އޭގެ %2 އަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު ބުނާ ގޮތުން، ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ ހަރަދުތައް ކުރަން އެކަމަށް ހާއްސަ އެކައުންޓެއް ރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ކެންޑިޑޭޓްގެ ނަމުގައި ހުޅުވަން ވާނެ އެވެ. އިންތިހާބާ ގުޅިގެން ކުރާ ހަރަދާއި ލިބޭ އެހީގެ ފައިސާ ވެސް ޖަމާކުރަން ޖެހޭނީ އެ އެކައުންޓަށެވެ.

ކެންޑިޑޭޓަކަށް މާލީ އެހީ ނުވަތަ ކެމްޕޭނަށް އެއްޗެއް ދިން ފަރާތް ސިއްރުކޮށް ނުވަތަ އޮޅުވާލުމަކީ މަނާ ކަމެކެވެ. އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކަށް ލިބޭ މާލީ އެހީ ބަލައިގަންނަން ޖެހެނީ ހަމައެކަނި އެ ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އޭޖެންޓެވެ. މިގޮތަށް ލިބޭ ފައިސާ ދޭ ފަރާތާއި، ލިބޭ ގޮތާއި، ލިބޭ އަދަދުގެ ރެކޯޑުތައް އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓް ބަލަހައްޓަން ޖެހެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް