ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ގާސިމް އިބްރާޙިމްގެ ރަނިންމޭޓު އަމީން އިބްރާހިމް (ފޮޓޯ/ ޖޭޕީ)
ޖޭޕީގެ ވެރިކަމެއްގައި ބޭންކުން ގެއްލޭ ފައިސާގެ ޒިންމާ އެ ބޭންކަކުން ނަގަންޖެހޭނެ: އަމީން
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި، ބޭންކުގައި ހުއްޓައި އެއްވެސް ރައްޔިތެއްގެ ފައިސާ ގެއްލިއްޖެ ނަމަ، އޭގެ ޒިންމާ އެ ބޭންކަކުން ނަގަންޖެހޭނެ ކަމަށާއި ރައްޔިތުންގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ ހައްލުކޮށްދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންމޭޓް އަމީން އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ އަމީން މިހެން ވިދާޅުވީ، އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖޭޕީގެ ކެންޑިޑޭޓް ގާސިމްގެ ކެމްޕެއިނަށް އެބޭފުޅާގެ ރަނިންމޭޓްގެ ހައިސިއްޔަތުން ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެއަތޮޅު ވޭމަންޑުއަށް ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާއެއްގަ އެވެ.
ތަފްސީލް - ބޭންކުތަކުގައި ހުންނަ ރައްޔިތުންގެ ފައިސާއަށް ވާނުވާ ނޭނގި ގެއްލޭ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ބޭންކަށް ރައްޔިތުން ލާ ފައިސާ އަކީ، އެ ފައިސާ ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް އެ ބޭންކަކާ ހަވާލުކުރާ 'އަމާނާތެއް' ކަމަށެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ބޭންކުތަކުން އެފައިސާ އަށް ފާރަވެރިވަނީ އެ ވިސްނުމުގައި ކަމަށް އަމީން ވިދާޅުވި އެވެ.
ނަމަވެސް ރާއްޖޭގައި އާންމު މީހާ ހޯދާ މަދު ލާރިކޮޅު ގެންގޮސް ބޭންކަށް ލުމުން، އަނެއް ދުވަހުގެ އިރުއަރާ އިރު އޮންނަނީ ވާނުވާ ނޭނގި ގެއްލިފައި ކަމަށާއި އެކަމުގެ ޒިންމާ ބޭންކުން ވެސް ނުނަގާކަން އަމީން ފާހަގަކުރެއްވި އެވެ.
"ލާހިކު ކުޅަދާނެއެއް ނޫން އަޅުގަނޑުމެންގެ ވެރިކަމެއްގައި މި ސަކަރާތް ޖަހާކަށް. ރައްޔިތުންގެ އެކައުންޓުގައި ހުރި ރައްޔިތުންގެ ފައިސާ ހަމަޔަށް ރައްކާތެރިކަމާ އެކު [ބޭންކުތަކުން] ބަލަހައްޓައި ދޭންޖެހޭނެ. ގެއްލިއްޖެ ނަމަ އެ ޒިންމާ ކޮންމެ ބޭންކަކުން ވެސް ޖެހޭނީ ނަގަން،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މިހާރު އެގޮތަށް ގެއްލޭ ފައިސާގެ ޝަކުވާއާ އެކު ރައްޔިތުން ދިޔަޔަސް ބޭންކުތަކުން އެކަމާ ހަވާލުނުވާ ކަމަށާއި އެ ޝަކުވާތަކަށް ޖަވާބު ވެސް ނުދޭ ކަމަށެވެ. ޖޭޕީގެ ވެރިކަމެއްގައި އެކަން ބަދަލުކޮށް، އެ ޝަކުވާތަކަށް ހައްލެއް ހޯދައިދޭނެ ކަމަށް އަމީން ވިދާޅުވި އެވެ.
އެނގުން މުހިންމު - ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ އާއި ކަސްޓަމަރުން ހުއްދަ ނުދޭ މުއާމަލާތްތަކެއް، ކަސްޓަމަރުންނަށް ނޭނގި ހިނގާފައި ހުންނަ ކަމުގެ ޝަކުވާ މި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެކަންތައް ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ވެސް ވަނީ ގެނެސްފަ އެވެ.
-
އިތުރަށް ކިޔާލަން - އެކައުންޓުން ފައިސާ ގެއްލުމުގައި އެއްވެސް އިހުމާލެއް ނޯންނާނެ: ބީއެމްއެލް
ކޮމެންޓް (1)
އިބިރަހިމާ