ބީއެމްއެލްގެ ކާޑެއް ބޭނުންކޮށްގެން އޮންލައިން ޓްރާންސެކްޝަނެއް ހަދަނީ. (ފޮޓޯ/ބީއެމްއެލް)
އެކައުންޓުން ފައިސާ ގެއްލުމުގައި އެއްވެސް އިހުމާލެއް ނޯންނާނެ: ބީއެމްއެލް
ކަސްޓަމަރުންގެ އެކައުންޓްތަކުން މަކަރާއި ހީލަތުން ފައިސާ އަތުލުމާއި ގެއްލުމުގެ މައްސަލަތައް ކުރިމަތިވަނީ ބޭންކުގެ އެއްވެސް ނިޒާމެއް ކޮމްޕްރޮމައިޒް ވެގެން ނޫން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ އާއި ކަސްޓަމަރުން ހުއްދަ ނުދޭ މުއާމަލާތްތަކެއް، ކަސްޓަމަރުންނަށް ނޭނގި ހިނގާފައި ހުންނަ ކަމުގެ ޝަކުވާ މި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެކަންތައް ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ވެސް ވަނީ ގެނެސްފަ އެވެ.
ތަފްސީލް - ބޭންކު އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލާގައި މީޑިއާތަކުން ބޭންކަށް އަމާޒުކުރި ސުވާލުތަކަށް އެ ބޭންކުން އިއްޔެ ލިޔުމުން ދިން ޖަވާބުގައި ބީއެމްއެލް އިން ބުނީ އެ ބޭންކުގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް ނެތް ކަމުގެ ޔަގީންކަން އެކި ފަހަރު މަތިން ބޭންކުން ދީފައިވާނެ ކަމަށެވެ.
ސްކޭމްތަކުގެ ކަންކަން ގިނަވެ، ކަސްޓަމަރުންގެ ފައިސާ ގެއްލިގެން ދިއުމަކީ ބޭންކުން ހިތާމަކުރާ ކަމެއް ކަމަށާއި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކަކީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވާ ކަމެއް ނޫން ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބުނީ ކީކޭ؟ - ބޭންކުން ބުނި ގޮތުގައި:
-
ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ވެސް ސްކޭމްތައް ހިންގާ ފަރާތްތަކުން އެ މީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތް ގޮތަށް ބަދަލުކުރަމުންދޭ
-
ބޭންކިން އާއި ގާނޫނުތަކާއި ގަވައިދުތައް އެންމެ ހަރުދަނާ އެއް ގައުމުކަމަށްވާ ސިންގަޕޫރަށް ބަލާއިރު މިދިޔަ އަހަރަކީ ރެކޯޑް މިންވަރަށް އެކި ސްކޭމްތަކުގައި ފައިސާ ގެއްލުނު އަހަރެއް
-
މިދިޔަ އަހަރު އެ ގައުމުން 33،000އަށް ވުރެ ގިނަ ސްކޭމް މައްސަލައިގައި 661 މިލިއަން ސިންގަޕޫރު ޑޮލަރު (7.5 ބިލިއަން ދިވެހި ރުފިޔާ) ގެއްލިފައިވޭ
ސްކޭމް ހިންގާ ފަރާތްތަކުން އެ މީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލުކުރަމުން ދާ ކަމަށާއި އެ ޓްރެންޑްތައް ބަދަލުވާ ގޮތަށް ބަލައި އެ ވަގުތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް ބޭންކުން އަބަދުވެސް އަޅަމުން އަންނަ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެގޮތުން، އެ ބޭންކުން ފާހަގަކުރި ގޮތުގައި:
-
މިދިޔަ އަހަރުގެ ފަހުކޮޅު އެންމެ ގިނައީ އިންޓަނެޓް ބޭންކިން ޔޫސަނޭމް، ޕާސްވޯޑް އަދި ޖީމެއިލް ކޮމްޕްރޮމައިޒްވެގެން ފައިސާގެ މުއާމަލާތްތަކެއް ކުރި މައްސަލަތަކެއް
-
ކަސްޓަމަރުގެ ޔޫޒަނޭމް، ޕާސްވޯޑް އަދި އީމެއިލްގެ ޕާސްވޯޑަކީ ބޭންކުގެ މުވައްޒަފުންނަށް ވެސް އެނގޭނެ މައުލޫމާތެއް ނޫން؛ އެއީ ބޭންކުގައި ރައްކާކޮށްފައި ހުންނަ މައުލޫމާތެއް ވެސް ނޫން
-
އެކަމަށް ހައްލު ގެނައުމަށް ބޭންކުން ވަނީ ޑިފޯލްޓްކޮށް އޯޓީޕީ ފޮނުވާ ޗެނަލެއްގެ ގޮތުގައި އީމެއިލް ހުއްޓާލައި އޮތެންޓިކޭޓާ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭ ގޮތް ހަމަޖައްސާފައި؛ މި އަހަރުގެ ތެރޭގައި ކިއުއާރު ޕޭމަންޓްތަކާ ގުޅޭ ސްކޭމްތައް އިތުރުވުމާ އެކު، މިހާރު ވަނީ ކިއުއާރުން މުއާމަލާތް ކުރެވޭ ލިމިޓްތަކެއް ކަނޑައަޅާފައި
ބުނީ ކީކޭ؟ - ބޭންކުން ބުނީ އެ ފިޔަވަޅުތަކާ އެކު ވެސް، ލިންކުތަކަށް ފިތައިގެން އިންޓަނެޓް ބޭންކިން ޔޫސަނޭމް އަދި ޕާސްވޯޑް ކޮމްޕްރޮމައިޒްވެފައިވާ މައްސަލަތައް ހުށަހެޅޭ ކަމަށެވެ.
"ކާޑުގެ މައުލޫމާތު ޖަހަން ފޮނުވާ ލިންކްތަކުން ވަދެވޭ ސައިޓްތަކުގައި ކާޑުގެ ޑީޓެއިލް ވެސް ޖަހާފައި އެބަ ހުރޭ. މި ހިސާބުން ސްކޭމް ހިންގާ ފަރާތްތަކަށް ކާޑުގެ ޑީޓެއިލް ވެސް ލިބޭ. ކާޑުގެ ޑީޓެއިލް ލިބުމުން އޮތެންޓިކޭޓަ އެޕް އަޅައިގެން އޮޓީޕީ ބޭނުންކޮށްގެން މުއާމަލާތްކޮށްފައި އެބަހުރި،" ބޭންކުން ބުންޏެވެ.
-
ބީއެމްއެލް އިން ބުނީ އީ-ސިމް ބޭނުންކޮށްގެން ޓްރާންސެކްޝަން ހެދި މައްސަލަތައް ވެސް ހުށަހަޅާފައި އެބަހުރި ކަމަށް
-
އެ މައުލޫމާތުތައް ބޭނުންކޮށްގެން އީމެއިލްއަށް އޯޓީޕީ ލިބޭ ގޮތަށް ސެޓިން ހަދާފައި ހުރޭ؛ އެއާ އެކު، އަނެއްކާވެސް އީމެއިލްއަށް އޯޓީޕީ ގެނެސް، މުއާމަލާތްކުރުމުގެ ފުރުސަތު އޮވޭ
"އަޅުގަނޑުމެން ތަކުރާރުކޮށް މިދަންނަވަނީ އިންޓަނެޓް ބޭންކިން ޔޫސަނޭމް އަދި ޕާސްވޯޑް ވެސް އަދި ކާޑުގެ މައުލޫމާތު ވެސް ސައްހަ ނޫން ވެބްސައިޓްތަކުގައި ބޭނުން ނުކުރުމަށް އަދި ގޮތް ނޭނގޭ ލިންކްތަކަށް ނުފިތުމަށް. ބޭންކުން ކެނޑިނޭޅި މި ދަނީ ކަސްޓަމަރުންގެ އެކައުންޓުން ހިންގާ މުއާމަލާތްތަކުގެ އެލާޓް އެސްއެމްއެސް މެދުވެރިކޮށާއި ޕުޝް ނޯޓިފިކޭޝަން މެދުވެރިކޮށް ފޮނުވަމުން. އެހެންކަމުން އިންޓަނެޓް ބޭންކިން ކޮމްޕްރޮމައިޒް ވެފައިވާ ކަމަށް ޝައްކު ކުރެވޭ ނަމަ ޕާސްވޯޑް ބަދަލުކުރުމަށް ވެސް އިލްތިމާސްކުރަން،" ބޭންކުން ބުންޏެވެ.