ކެމްޕޭނު ދަތުރުގައި ރައީސް ރ. ހުޅުދުއްފާރަށް ވަޑައިގަތުން (ފޮޓޯ/އެމްޑީޕީ)

މިއީ އޭ ޑިވިޝަންގެ އިންތިހާބެއް؛ ބަދަލު ކުޅުންތެރިން އަރުވައިގެން ކާމިޔާބެއް ނުވާނެ: ރައީސް

ރައީސް ވިދާޅުވީ އެ މަނިކުފާނު އިންތިހާބަށް ނުކުމެވަޑައިގެން ހުންނެވީ ފުލް ޓީމަކާ އެކު ކަމަށް

ރ. ހުޅުދުއްފާރު - މި ފަހަރުގެ ރިޔާސީ އިންތިހާބަކީ އޭ ޑިވިޝަންގެ އިންތިހާބެއް ކަމަށާއި ބަދަލު ކުޅުންތެރިން އަރުވައިގެން އިންތިހާބު ކާމިޔާނު ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ

ވީ ކިހިނެއް؟ - އިންތިހާބުގެ ކެމްޕޭނަށް ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގަައި ހުޅުދުއްފާރުގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީގެ ތެރެއަށް އައި ލޮޅުމުގެ ތެރޭގައި މި ރަށުގެ އެމްޑީޕީ މެންބަރުންނަށް ވެސް އޭގެ އަސަރު ކުރި ކަމަށެވެ.

އެނގުން މުހިއްމު - ހުޅުދުއްފާރު ހިމެނޭ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެމްޑީޕީން ވަކިވެވަޑައިގެން، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ވަނީ ގުޅިވަޑައިގެންފަ އެވެ.

ތަފްސީލް - ރައީސް ވިދާޅުވީ، ހުޅުދުއްފާރު އޮންނަ އުނގޫފާރު ދާއިރާ ތަމްސީލު ކުރުމަށް ދާއިރާގެ ރައްޔިތުން އެމްޑީޕީގެ މެންބަރެއް ހޮވި ނަމަވެސް، މެންބަރު ޕާޓީން ވަކިވުމުން ދާއިރާގެ ކަންތައްތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގޮތެއް ނިންމުމުގައި ޕާޓީގައި ކުރިން ތިބި މެންބަރުން އަދި އެއް ފަހަރު ވިސްނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެން މި އުޅެނީ ވެރިކަމަށް މީހަކު ގެންނަން. މިއީ ކުޅޭކުޅޭ ކަަމެއް ނޫން. ކުރިއަށް އޮތް ފަސް އަހަރު ރައްޔިތުންނަށް ހިދުމަތް ކުރުމަށް، ރައްޔިތުންނަށް ބޭނުންވެފައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރެއް އެކުލަވާލަން. މިއީ އެތެރޭގެ އިންތިހާބެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.

މި އިންތިހާބަށް ކޮންމެ ރަށެއްގެ އަދި ކޮންމެ ރައްޔިތެއްގެ ކޮންމެ ވޯޓެއްގެ އަސަރު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ވިސްނުންތެރިކަމާ އެކީ އަޅުގަނޑުމެން މިކަން ނުކޮށްފި ނަމަ، މިއިން ނުކުންނާނެ ނަތީޖާ ވަރަށް ދެރަ،" ރައީސް ވިދާޅުވި އެވެ.

"އެއް ވަނައިގައި، ދެ ވަނައިގައި، ތިން ވަނައިގާ އަދި ހަތަރު ވަނައިގައި އަންނާނެ ފަރާތްތައް ވެސް އެބަ އެނގޭ. އެހެންވީމާ، އެއްވެސް ބޭފުޅަކު އެ ބޭފުޅަކަށް ލިބިފައި މި އޮތް ގާނޫނީ ގޮތުން ރައްޔިތަކަށް ލިބޭ އެންމެ ރަނގަޅު ފުރުސަތު، ވާޖިބެއް، ޒިންމާއެއް. އެ ޒިންމާ އަދާކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން."

ވޯޓު ބާކީ ނުކުރުމަށް އިލްތިމާސް ކުރައްވަމުން ރައީސް ވިދާޅުވީ އެހެން ކެންޑިޑޭޓުންނާ ދޭތެރޭ ރައްޔިތުންގެ ވިސްނުން ހުރި ގޮތް ސާފު ކަމަށެވެ. އެ ބޭފުޅުންނަށް އިންތިހާބުގައި ކުރިއަށް ނޭރޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

"ބަދަލު ކުޅުންތެރިން އަރުވައިގެން ކާމިޔާބެއް ނުވާނެ،" މިއީ އޭ ޑިިވިޝަންގެ އިންތިހާބެއް ކަމާއި އެ މަނިކުފާނު އިންތިހާބަށް ނުކުމެވަޑައިގެން ހުންނެވީ ފުލް ޓީމަކާ އެކުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

ހުޅުދުއްފާރަށް ވެސް ވައުދު ތަކެއް

އަންނަ ދައުރަށް އިންތިހާބުވެވަޑައިގެންފި ނަމަ، ހުޅުދުއްފާރަށް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަންކަމަކީ:

  • ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް

  • ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ހައުސިން ޔުނިޓު ނުވަތަ ފްލެޓު އެޅުން

  • ކޮމިއުނިޓީ ސެންޓަރެއް

  • ސްކޫލަށް އޮފީސް އަދި އިތުރު ކުލާސް ރޫމުތައް

  • މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން އިތުރު މަގުތައް ހަދާނެ

  • ބަނދަރަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ބަނދަރު އަޕްގްރޭޑު ކުރާނެ

  • މިހާރު މަޑުޖެހިފައި ހުރި ސިއްހީ މަރުކަޒާއި އިންޖީނުގެ އަދި ފެނަކަ އޮފީހުގެ މަސައްކަތް އަވަސްކޮށް، ނިންމާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް