އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު (ފޮޓޯ/ކެމްޕޭނު ޓީމް)

ސަން ސިޔާމް

ސަރުކާރު ކުންފުނިތަކުން ދޭ ވަޒީފާ އިތުރުކުރަން ސިޔާމް ގޮވާލައްވައިފި

ފެނަކަ، ސްޓެލްކޯ ފަދަ ކުންފުނިތަކުން މާ ގިނަ ވަޒީފާތައްދޭ ވާހަކަ އިވޭ ކަމަށާއި އެ ވަޒީފާތައް އަދިވެސް އިތުރު ކުރަން ޖެހޭ ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް – އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހާއި ގުޅިފައިވާ ޕާޓީތަކުން ރ. އަތޮޅަށް ކުރަމުންދާ ދަތުރުގައި ދުވާފަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ރަށްރަށުގައި އާއިލާ ގާތު ތިބެގެން މަސައްކަތް ކުރެވޭނެހެން ފެނަކަ ފަދަ ކުންފުނިތަކުގެ ވަޒީފާތައް އިތުރު ކުރަން ޖެހޭ ކަމަށެވެ.

ބުނީ ކީކޭ؟ - ސިޔާމް ވިދާޅުވީ ރާއްޖޭގައި މީހުންނަށް ލިބޭ މުސާރަ ހުސްވަނީ ފެނާއި ކަރަންޓާ ކުލި ފަދަ ޒަރޫރީ ކަންތައްތަކަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ ކަމަށެވެ.

"އޭގެ ސަބަބުން ރައްޔިތުން ދަނީ ވަރަށް ބޮޑަށް މާޔޫސްވަމުން. ރައްޔިތުންގެ މާޔޫސްކަން ވަރަށް ބޮޑަށް މައްޗަށް ގޮސްފައި ހުރީ،" ސިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ދަނީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އަސާސީ ހިދުމަތްދޭ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އިތުރު ކުރަމުން ކަމަށެވެ. ފެނާއި ކަރަންޓު ފަދަ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދޭން ގިނަ މުވައްޒަފުން ބޭނުން ވެސް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ދަންނަވާނީ އަދިވެސް އިއްޒަތްތެރި ރައީސް، މި ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު މަދު. އަޅުގަނޑު އިއްޒަތްތެރި ރައީސް ކައިރިން މި އެދެނީ މި އަސާސީ ހިދުމަތްދޭ ކުންފުނިތަކުގެ  މުވައްޒަފުން މިހާރަށް ވުރެ ދެ ކުނަ ކޮށްލަދިނުން،"

ފަންސާސް މުވައްޒަފުން ތިބޭ ފެނަކައިގެ އޮފީހެއްގައި ކުރިއަށް އޮތްތަނުގައި 100 މުވައްޒަފުން ތިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސިޔާމް ވިދާޅުވި އެވެ. 

  • އޭނާ ވިދާޅުވީ މިއީ ރަށުގައި އަނބިދަރިން ކައިރީ ތިބެ ވަޒީފާ އަދާކުރަން ލިބޭ ފުރުސަތެއް ކަމަށް

ފާހަގަ ކުރެވޭ ކަމެއް – ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އިތުރު ކުރުމަށް ސިޔާމް ގޮވާލެއްވި އިރު ހަމައެކަނި ފެނަކަ ކުންފުނީގެ ދަރަނި އެތައް ބިލިއަން ރުފިޔާ އަކަށް އަރަ އެވެ. ވިޔަފާރިތަކަށް މިލިއަނުން ފައިސާ ދައްކަން ޖެހޭއިރު ފެނަކަ އާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

  • މިދިޔަ އަހަރު ނިމުނު އިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި ކުންފުނި އޮތީ މާލީ ގޮތުން ނާޒުކު ފައްތަރެއްގައި ކަމަށް، ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އާންމުކުރި ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކާ

މިދިޔަ އަހަރު ނިމުނު އިރު ފެނަކައިގެ މާލީ އުސްއަލިތަކަށް ބަލާއިރު:

  • އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބުނު އިރު 2 ބިލިއަން ރުފިޔާ ހަރަދުވެފައިވޭ

  • ހަރަދަށް 1.4 މިިލިއަން ރުފިޔާ އިތުރުވެފައިވޭ

  • ހަރަދުތައް އިތުރުވެފައި ވަނީ މުވައްޒަފުން ތަމްރީން ކުރުން، ރެކްރިއޭޝަން ކްލަބް، މުވައްޒަފުންގެ އެކޮމޮޑޭޝަން އަދި ކެއުމުގެ ބައިން

  • ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު ކަމަށް ދައްކަނީ 15.6 މިލިއަން ރުފިޔާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް