ޖޭޕީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް ނ. އަތޮޅު ލަންދޫގައި (ފޮޓޯ/ޖޭޕީ)
ކޮންމެ ރަށަކުން ބޭނުންވާ 5 ކަމެއް ކޮށްދޭން ގާސިމް ވައުދުވެއްޖެ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމުގެ އިތުރަށް، ރާއްޖޭގެ ކޮންމެ ރަށަކުން އެ ރަށެއްގެ ރައްޔިތުން އެންމެ ބޭނުންވާ ފަސް ކަމެއް ކޮށްދިނުމުގެ ވައުދު، ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވެވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ޖޭޕީން ކުރަމުން އަންނަ ކެމްޕެއިންގައި ކޮންމެ ރަށަކަށް ވަޑައިގެން ގާސިމް އެ ރަށަކުން ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް ވައުދުވެވަޑައިގަންނަވަ އެވެ. އެއީ، ޖޭޕީން މިހާރު އާންމުކޮށްފައިވާ މެނިފެސްޓޯގެ ބޭރުން، އެ ޕާޓީގެ ވެރިކަމެއްގައި ރަށްރަށަށް ކޮށްދެއްވާނެ ކަންކަން ކަމަށް ގާސިމް ވިދާޅުވެ އެވެ.
ތަފްސީލް - ގާސިމް މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ރޭ ހުންނެވީ ނ. މަނަދޫގަ އެވެ. އެ ރަށުގައި ރޭ 9 ޖެހިއިރު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވެސް ގާސިމް ވަނީ، އެ ރަށުގެ ރައްޔިތުންގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން އެންމެ އިސްކަމެއް ދޭން ރައްޔިތުން ބޭނުންވާ ފަސް ކަމެއް ޖޭޕީގެ ވެރިކަމެއްގައި ކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.
މަނަދޫން ގާސިމަށް ހުށަހަޅާފައިވަނީ:
-
ގޯތި ލިބިފައި ތިބި މީހުންނަށް ފަސޭހައިން ގެދޮރު އެޅޭނެ ގޮތް ހަދައިދިނުމަށް
-
އަލަށް އަޅާ ހައުސިން ޔުނިޓުތަކުގެ ތެރެއަށް 150 ހައުސިން ޔުނިޓު އިތުރުކޮށްދިނުމަށް؛ މަނަދޫގައި މިހާރު އަޅަން ހަމަޖައްސާފައި ވަނީ 25 ހައުސިން ޔުނިޓު
-
ޓްރެކް އެޅި ދަނޑެއް
-
ފުޓުބޯޅަ ދަނޑުގައި ފާހާނާއި ޗޭންޖިން ރޫމެއް ގާއިމުކޮށްދިނުން
-
ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށް މާލީ އެހީ ފޯރުކޮށްދިނުމަށް
-
ހޮސްޕިޓަލުގައި މޯޗަރީއަކާ އެކު، ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނާއި ފިޒިއޮތަރަޕީ ޔުނިޓެއް ގާއިމުކޮށްދިނުން؛ މަނަދޫގައި ހުންނަނީ ނ. އަތޮޅުގެ އެންމެން ސިއްހީ ފަރުވާ ހޯދުމަށް ދާ އަތޮޅު ހޮސްޕިޓަލް ކަމުން، ބިދޭސީއަކު މަރުވިޔަސް މިހާރު ޖެހެނީ އެ މީހެއްގެ ގައުމަށް ފޮނުވާލެވެންދެން އައިސް އަޅާފައި ބާއްވަން ކަމަށް އެ ރަށުގެ ރައްޔިތުން ބުނޭ
-
ރަށުގެ ބަނދަރުގައި 100 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކޮށްދިނުން؛ ކޮންމެ ރަށެއްގެ މަލަމަތީގައި މިސްކިތެއް ބިނާކުރުމުގެ ވައުދު މި ދަތުރުގެ ތެރެއިން ގާސިމް ވަނީ ވެވަޑައިގެންފައި
-
ރަށުގައި ތިބެ ކިޔެވޭނެ ގޮތަށް ކެމްޕަސްއެއް ގާއިމުކޮށްދިނުން
-
މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ގޮތް ހަދައިދިނުމަށް
ގާސިމް ވިދާޅުވީ، ޖޭޕީގެ ވެރިކަމެއްގައި، ދައުލަތުގެ ބަޖެޓު ހުރި މިންވަރަކުން، ކޮންމެ ރަށަކުން ހުށަހަޅާ ފަސް ކަންތައް ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ނިންމަވައިދެއްވާނެ ކަމަށެވެ.
-
އިތުރަށް ކިޔާލަން - 'ހާސްކަނޑާލައި ހަމަޖެހުމަށް' 9 ވައުދަކާ އެކު ގާސިމްގެ މެނިފެސްޓޯ