މުއިއްޒު މިއަދު ކޮމަންޑޫގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ޕީޕީއެމް)
ދެ ކޮމަންޑޫ ގުޅާލުން މާ ލަސް، ރައްޔިތުން ބޭނުންވަނީ ހަލުވި ތަރައްގީ: މުއިއްޒު
ށ. ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮންނަ މަތިކޮމަންޑޫ ގުޅުވާލުމުގެ މަޝްރުއޫ މި ސަރުކާރުން ކުރިއަށް ގެންދަނީ ވަރަށް މަޑު ދުވެޔެއްގައި ކަމަށާއި ރައްޔިތުން ބޭނުން ވަނީ ވީހާވެސް އަވަހަކަށް ކަންކަން ނިންމައި، ތަރައްގީ ގެންނަ ސަރުކާރެއް ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް ށ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުގައި މުއިއްޒު ވަނީ ކޮމަންޑޫއަށް ވަޑައިގެން، އެ ރަށުގައި މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްއޫރުއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
ބުނީ ކީކޭ؟ - "މަތިކޮމަންޑޫ ހިއްކައި، ދެ ރަށް ގުޅާލުމަކީ ތިބޭފުޅުންގެ އުންމީދު. އެކަން އެ ދަނީ އެންމެ ރަނގަޅަކަށް ނޫން. ވަރަށް، ވަރަށް، ވަރަށް ލަސްކޮށް އެ ދަނީ،" މިދިޔަ އަހަރު ފެބްރުއަރީގައި ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއާ ދިމާކޮށް މި ސަރުކާރުން ފެށި އެ މަޝްރޫއުއާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވި އެވެ.
"ރައްޔިތުން ބޭނުންވާ ސްޕީޑެއް ނޫން މިއީ. ރައްޔިތުން ބޭނުންވަނީ، ވަރަށް ބާރުމިނުގައި ތަރައްގީ އަންނަން."
ތަފްސީލު - ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއް ވާނީ، ބާރު ސްޕީޑްގައި، ރައްޔިތުން އެދޭ ގޮތަށް ތަރައްގީ ގެންނަ ސަރުކާރަކަށް ކަމަށެވެ. އެގޮތުންގެ މަތިން ދެ ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.
"ރައްޔިތުންގެ އަޑު އަހައިގެން އެ މަޝްރޫއު، ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް ހަގީގަތަކަށް ހަދައިދޭނަން،" ބިން ނެތުމުގެ ސަބަބުން، ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުންވެފައިވާ ކޮމަންޑޫގައި މުއިއްޒު ވިދާޅުވި އެވެ.
"ރައްޔިތުންނަށް އޮޅުވާލައިގެން ވާހަަކައެއް ނުދައްކާނަން. މި ދަންނަވާ ވާހަކަތަކަކީ، ހަގީގަތުގައި ވެސް އެކަން ކުރެވޭނެކަން އެނގޭތީ ދައްކަ ވާހަކަ. އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނަން، ރައްޔިތުން ފުރުސަތު ދީފިއްޔާ."
މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މަތިކޮމަންޑޫ ހިއްކައި ދެ ރަށް ގުޅާލުމަށް ފަހު އެ ބިމުގެ ބޭނުން ހިފޭނެ ގޮތް ވެސް ވާން ޖެހޭނެ އެވެ. އަދި އޭނާގެ ސަރުކާރެއްގައި އެކަން ފުރިހަމަކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ، ރައީސް ޔާމީން ހިއްކެވި ބިން ވެސް އަދި މި ސަރުކާރުން ކޮންމެވެސް ވަރަކަށް ހިއްކި ބިންތައް ވެސް، ބޭނުން ކުރާ ކަމެއް ނޭނގޭ. ބިންތައް ހިއްކާފައި ބަހައްޓާފައި ހުންނަނީ،" މުއިއްޒު ވިދާޅުވި އެވެ.
"އެ ބިމުގައި ފެނެއް، ކަރަންޓެއް [އަދި] ނަރުދަމާއެއް ނުލާ. ބިން ހިއްކިޔަސް ބިމެއްގެ ބޭނުމެއް ނުހިފޭނެ."
ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ހެދުން ވެސް އުނދަގޫކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ހާއްސަކޮށް، އެމްޑީޕީއަށް ނިސްބަތްނުވާ ކައުންސިލެއް އޮންނަ ރަށެއްގައި ލޭންޑް ޔޫސް ޕްލޭން ހެދުމުގެ ފުރުސަތެއް ވެސް ނުލިބޭ ކަމަށެވެ.
"މިކަހަލަަ އުނދަގޫތައް ރައްޔިތުންނަށް ފެންނަމުން މި ދަނީ. މިއީ އަޅުގަނޑުމެންގެ ސަރުކާރަކުން ފެންނާނެ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ކޮމަންޑޫއަށް އިތުރަށް ވައުދުވެވަޑައިގެންނެވި ކަންކަން:
-
ށ. ދިގުވެލިދޫގައި އެއާޕޯޓެއް އަޅުއްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދު ތަކުރާރުކުރެއްވި
-
ރަށުގެ ސިއްހީ ހިދުމަތް ފުޅާކުރުން
-
ތައުލީމީ ދާއިރާ އާއި ޒުވާނުންނަށް ބޭނުންވާ ކަންކަމަށް ސަމާލުކަން ދިނުން
ކޮމެންޓް (1)
މުޖުތާޒު