މަރަދޫގައި މިއަދު ބޭއްވި ޖަގަހަ ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީޕީއެމް)

އެސްޓީއޯގެ ތެޔޮ އަސާސީ ރޭޓުގައި ކޮންމެ އަތޮޅަކުން 1 ރަށުގައި ލިބޭ ގޮތް ހަދާނަން: މުއިއްޒު

މުއިއްޒު ވިދާޅުވީ، ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ރަށުގައި އަސާސީ ރޭޓުގައި ތެޔޮ ލިބޭ ގޮތަަށް ހެދުމުން، މިހާރު އަމިއްލަ ވިޔަފާރިތަކުން ރަށްރަށުގައި އަގު ބޮޑުކޮށް ތެޔޮވިއްކުން ނިންމުމަށް އަންނާނެ ކަމަށް

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އަސާސީ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމެއް ގާއިމްކޮށްދޭނެ ކަމަށް، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މުއިއްޒު އެހެން ވިދާޅުވީ، އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ ކެމްޕެއިނަށް އިއްޔެ އައްޑުއަށް ފެއްޓެވި ދަތުރުގައި، މަސްވެރިން ގިނަ މަރަދޫގައި މިއަދު ހެނދުނު ބޭއްވި ޖަގަހަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ބުނި ކީކޭ؟ - "ބައެއް ރަށްތަކުގައި ތެޔޮ ވިއްކުމުގައި ޕްރައިވެޓް ސެކްޓާގެ ފަރާތްތަކުން މި އޮންނަނީ މޮނޮޕޮލައިޒްކޮށްފައި [ކޮންޓްރޯލްކޮށްފައި]. ދެން އެ ކަމުގައި ކޮންމެ އަތަޅެއްގައި މަދުވެގެން އެއް ރަށުގައި އެސްޓީއޯ އިން އެންމެ އަސާސީ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމްކޮށްދޭނަން،" މަރަދޫ 'ފިނިފެންމާ ޖަގަހަ'ގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި އެވެ.

ތަފްސީލު - ޖަގަހަ ބައްދަލުވުމުގައި އެ ކަމުގެ އިތުރު ތަފްސީލު ދެއްވަމުން މުއިއްޒު ވިދާޅުވީ، ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ރަށުގައި އަސާސީ ރޭޓުގައި ތެޔޮ ލިބޭ ގޮތަަށް ހެދުމުން، މިހާރު އަމިއްލަ ވިޔަފާރިތަކުން ރަށްރަށުގައި އަގު ބޮޑުކޮށް ތެޔޮވިއްކުން ނިންމުމަށް އައިސް، ރައްޔިތުންނަށް އޭގެ ފައިދާ ވާނެ ކަމަށެވެ.

"އެސްޓީއޯގެ ތެޔޮ އަގުހެޔޮކޮށް ލިބުނީމަ، ދެން ޕްރައިވެޓް ސެކްޓާއިން އެކަން ކުރާ ފާރާތްކަށް ކޮމްޕެޓިޝަން [ވާދަވެރިކަން] އުފެދުނީމަ، ވިޔަފާރި އުސޫލުން ވާދަކޮށްގެން ރައްޔިތުންނަށް ފައިދާ ވާނެ އަދި ކުންފުންޏަށް ވެސް ފައިދާވާނެ،" މުއިއްޒު ވިދާޅުވި އެވެ.

"ސަރުކާރާއި ރައްޔިތުންނަށް ވެސް ހުރިހާ ގޮތަކުން ކުރިއެރުން ލިބޭނެ."

މަރަދޫ ޖަގަހަ ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީޕީއެމް)

މަސްވެރިކަމުގެ ސިނާއަތަށް އިސްކަންދޭ މަރަދޫގައި މުއިއްޒު ވަނީ އޭނާގެ މަސްވެރިކަމާ ބެހޭ ވައުދުތައް މިއަދު ތަކުރާރުކުރައްވާފަ އެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ހިންގުން ހަރުދާނާކޮށް، މަސްވެރިންނަށް ފައިދާވާނެ ގޮތަށް ކުންފުނީގެ ކަންކަން ބަދަލު ކުރުން

  • މަހުގެ އަގު 20ރ.ގައި ހިފެހެއްޓުމަށް ވީ ވައުދަކީ އެއް ދުވަހުން ކުރެވޭނެ ކަމެއް ނޫން؛ އެކަން ކުރާނީ، ގިނަ މަސައްކަތްތަކެއް ކުރަމުން ގޮސް، ހަރުފަތަކަށް ފަހު ހަރުފަތަކުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް