މާޅޮހު ރައްޔިތުންނާ މުހާތަބު ކުރައްވާ ރައީސް ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ކެމްޕޭނު ޓީމް)

ބަޔޮސްފިއާ ރިޒާވުގެ އާމްދަނީ ރަށްރަށަށް ލިބޭ ގޮތް ހަދަނީ

ރައީސް ވިދާޅުވީ ހިމާޔަތްކޮށްފައިވާ ތަންތަން މެނޭޖުކުރާނެ ނިޒާމެއް ގާއިމްކޮށް، ފައިދާ ރަށްރަށަށް ލިބެނެ ގޮތް ހަދާނެ ކަމަށް

ބ. މާޅޮސް – ބ. އަތޮޅުގައި އޮންނަ ރާއްޖޭގެ ފުރަތަމަ ބަޔޮސްފިއާ ރިޒާވާއި އެ ގޮތަށް ހިމާުޔަތް ކުރާ އެހެނިހެން ތަންތަނުން ލިބޭ އާމްދަނީ އެ ސަރަހައްދެއްގެ ރަށްރަށަށް ލިބޭނެ ގޮތް ހަދަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާޅޮހަށް ވަޑައިގެން، މި ރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބަޔޮސްފިއާ ރިޒާވްގެ ތެރޭގައި ކައުންސިލްގެ އިހުތިސޯސްގައި ހިމެނޭ ސަރަހައްދުތައް ބެލެހެއްޓުން ކައުންސިލްތަކާ ހަވާލުކޮށް އެއިން ލިބޭ އާމްދަނީ ކައުންސިލުތަކަށް ލިބޭނެ ގޮތަށް ހަދަން ނިންމާފައިވާ ކަމަށެވެ.

ތަފްސީލް - މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ 33 ސަރަހައްދެއް ހިމާޔަތްކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަމާޒަކީ މި ސަރަހައްދުތަކުން ލިބޭ އާމްދަނީ ރަށު ކައުންސިލުތަކަށާއި ރަށްރަށަށް ލިބޭނެ ގޮތް ހެދުން ކަމަށެވެ.

"އަޅުގަނޑުމެންގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް މި ގެންދަނީ މި ރާއްޖެ ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ވެސް މި ރާއްޖޭގެ ރީތިކަން، މުއްސަނދިކަން ވާރުތަ ކުރެވޭނެ ގޮތަކަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދައުރުގެ ތެރޭގައި މި ހިމާޔަތްކުރެވޭ ތަންނުން ފައިދާ ލިބޭ ނިޒާމަކަށް ބަދަލުކޮށް، މި ފައިދާ އެ އަތޮޅަކަށާއި މުޅި ރާއްޖެއަށް އެންމެ ރަނގަޅު ފައިދާ ލިބޭނެހެން މެނޭޖުމެންޓެއްގެ ދަށަށް ބަދަލުކޮށް އޭގެ ފައިދާ މުޅި ރާއްޖެއަށް ލިބޭ ގޮތަށް ހަދާނަން."

މާޅޮހަކީ ބަނދަރުގެ ދަތިކަމާއި ލަފާފުރުމުގެ ދަތިކަން އޮތް ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއީ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށެވެ. ބަނދަރުގެ މަސައްކަތް ކުރުމަށް ބޭނުންވާ އީއައިއޭ ހަދައި ނިމުމާ އެކު، އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ސިޓީ ހޮޓަލަކާ އެކު މާޅޮހަށް ގިނަ ވައުދުތަކެއް

މާޅޮހަށް ހާއްސަކޮށް ރައީސް މިއަދު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ހިމެނެނީ:

  •  އާ ސިއްހީ މަރުކަޒެއް އަޅައި ހިދުމަތްތަކާއި ވަސީލަތްތައް އިތުރު ކުރުން

  • ސްކޫލުގައި ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް ހެދުން

  • އާ، ބޮޑު މިސްކިތެއް އެޅުން

  • ޒުވާނުންނަށް ފުޓްސަލް އަދި ފުޓްބޯޅަ ދަނޑެއް އެޅުން

  • ޒަމާނީ ފެންވަރަށް ބޮޑެތި މަގުތައް ހެދުން

  • ހަނިފަރު ބޭ އާއި ބަޔޮސްފިޔާ ރިޒާވަށް ފީނަން ދާ މީހުން ތިބެން ސިޓީ ހޮޓަލެއް ހެދުން

  • ޕިކްނިކް ދާނެ ރަށެއް ހެދުން

ކޮމެންޓް (1)

ވެލާޗަރުކޭސް

22 އޯގަސްޓު 2023
ވެލާ ކައިބޮއި އޭގެން ވިޔަފާރިކުރާ މީހުންގެ ޖޫރިމަނާ މައްސަލަތައް ރަށުކަައުންސިލްގައި ޕާރކް ކޮށްފައި ބަހައްޓައިގެން ބަޔޮސްފިއަރގެ ޢާމްދަނީގެ ވާހަކަ ދައްކަން ލަދުވެތި ދެއްތޯ. ބަޔޮސްފިއަރ އަށް ގެއްލުންދޭ މީހުންނަށް ފިޔަވަޅު އަޅަން ވައުދުވެބަލަ ފުރަތަމަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް