ރައީސް ސޯލިހް ބ. ފެހެންދޫގައި މިއަދު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/އެމްޑީޕީ)
މުއިއްޒު ނޫން ކެންޑިޑޭޓުން ބޭނުންވަނީ ކޯލިޝަނެއްގެ ތެރެއިން ވަޒީފާ ހޯދަން: ރައީސް
ބ. ފެހެންދޫ - މައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ނޫނީ ހަމަޖެހޭ ސިޔާސަތުތަކާ އެކު އިންތިހާބަށް ނުކުމެ އުޅޭ ބަޔަކު ނެތް ކަމަށާއި، ދެން އުޅެނީ ވޯޓު ބައިބައިކޮށް ދެ ވަނަ ބުރެއްގައި ކޯލިޝަން ހަދައިގެން ސަރުކާރުގެ މަގާމުތައް ހޯދަން އުޅޭ ކެންޑިޑޭޓުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މި ރަށަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބައެއް ބޭފުޅުން އިންތިހާބުގައި ވާދަކުރައްވަނީ ވޯޓު ބައިބައިކޮށް ދެ ވަނަ ބުރަކަށް އިންތިހާބު ގެންދަން ކަމަށެވެ.
ބުނީ ކީކޭ؟ - އެފަދަ ބޭފުޅުން މަސައްކަތް ކުރައްވަނީ އިންތިހާބުގައި އެކެއް ނޫނީ ދެވަނައަށް ވޯޓު ހޯއްދަވާ ކެންޑިޑޭޓަކާ އެކު ދެވަނަ ބުރެއްގައި ކޯލިޝަން ހަދައި ސަރުކާރުން ވަޒީފާ ހޯދަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ނޫނީ ތިމާ ބޭނުންވާ އެހެން މަގުސަދެއް ހާސިލް ކުރަން. އެ ނޫން އެއްވެސް ކަމެއް ނެތް،" އެ މަނިކުފާނު ވިދާޅުވި އެވެެ.
މީގެ އިތުރުން، ރައީސް މިއަދު ވަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވަމުން ގެންދަވާ ކަންތައްތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ އިދިކޮޅުން ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ބުނެ އިއުލާނު ކުރަނީ އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ކޮށްދޭނެ ކަމަށް ބުނެ އިއުލާނުކޮށްފައިވާ ކަންތައް ކަމަށެވެ. ހަމައެކަނި ބަދަލުކޮށްލަނީ އަކުރެއް ނޫނީ ފިއްޔެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ރޭގައި ވިދާޅުވި ތިމަންނާގެ ސަރުކާރެއްގައި ރަށްރަށުގެ އަސާސީ ހިދުމަތްތައް ބަރާބަރަށް ފުރިހަމަކޮށްދޭނަމޭ. ބަލަ މިއޮއްހާ ދުވަހު ކީއްތޯ ކުރެއްވީ؟ ރާއްޖޭގެ ޕްލޭނިން މިނިސްޓަރުކަމުގައި އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާ އެއީ،" ކުރީގެ ރައީސް މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ނިމެމުން އަންނަ ތަން ނުފެންނަނީތޯ ސުވާލުކުރައްވައިފަ އެވެ.
'މިއީ އިގްތިސޯދީ ފައިދާ ނެގޭނެ ސަރަހައްދެއް'
ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ ހިމެނޭ ސަރަހައްދަކީ ރާއްޖޭގެ އިގްތިސޯދަށް ފައިދާ ހުރި މަސައްކަތް ކުރެވޭނެ ސަރަހައްދެއް ކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ރަނގަޅަށް ބޭނުން ހިފިއްޖެ ނަމަ، އިގްތިސޯދަށް އެތައް ގުނައެއްގެ ދިރުން ގެނެވޭނެ ސަރަހައްދެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ފުޅަދޫގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މި ތިން ރަށް ހިމެނޭ ފަޅުގައި ރިސޯޓެއް ހަދަން ހުޅުވާލާނެ ކަމަށް ވިދާޅުވެފަ އެވެ. އެއާ އެކު، ރަށްރަށަށް ބޭނުންވާ ހުރިހާ އަސާސީ ހިދުމަތެއް ފުރިހަމަވެ، އިގްތިސޯދު ތިން ގުނަ ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ނޫނީ ހަމަޖެހޭ ސިޔާސަތުތަކާ އެކު އިންތިހާބަށް ނުކުމެ އުޅޭ ބަޔަކު ނެތް ކަމަށާއި، ދެން އުޅެނީ ވޯޓު ބައިބައިކޮށް ދެ ވަނަ ބުރެއްގައި ކޯލިޝަން ހަދައިގެން ސަރުކާރުގެ މަގާމުތައް ހޯދަން އުޅޭ ކެންޑިޑޭޓުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު… pic.twitter.com/Qe9vIET74c
— Dhauru (@Dhaurunews) August 21, 2023
ފެހެންދުއަށް ވައުދުތަކެއް
އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ، މި ރަށަށް ކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ކަންކަމަކީ:
-
ސިއްހީ މަރުކަޒުގެ ހިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށް، ލެބޯޓްރީގެ ހިދުމަތް ފެށުން
-
މި ރަށުގެ ސެޓެލައިޓް ސްކޫލު މިހާރު މެނޭޖުކޮށް ހިންގަނީ ގޮއިދޫން ކަމަށް ވިޔަސް، އެކަން ސީދާ މި ރަށުން ކުރާ ގޮތަށް ބަދަކުރުން
-
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ރޯ ހައުސް އަޅާނެ
-
ގެދޮރު އަޅަން ފަސޭހައިން ލޯނު ދިނުން
-
ކޮމިއުނިޓީ ސެންޓަރެއް ގާއިމްކުރުން
-
ސަރުކާރު މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް އެޅުން
-
ކުދި ޑިންގީ އާއި ލޯންޗުތަކަށް ފްލޯޓިން ޖެޓީއެއް ހެދުން
-
ކުޑަކުދިންގެ ޕާކެއް ގާއިމްކުރުން