ފުޅަދޫ ރައްޔިތުން ރައީސަށް މަރުހަބާ ދަންނަވަން ބަނދަރު ސަރަހައްދުގައި.

ބ. ފުޅަދޫ

ބަނދަރާ އެކު ފުޅަދޫ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް

48 މިލިއަން ރުފިޔާ ހޭދަކޮށްގެން މި ރަށުގެ ބަނދަރުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީން

ބ. ފުޅަދޫ - މީގެ ކުރިން ބަލިމީހަކު ރަށުން ބޭރަށް ގެންދަން ޖެހިއްޖެ ނަމަ، އެއީ ބޮޑު ބުރައެކެވެ. އަތްދަނޑިމަތީ އުފުލައިގެން ލޯންޗަކަށް ނޫނީ ދޯންޏަކަށް ބަލިމީހާ އަރުވައިގެން ރަށުން ބޭރަށް ގެންދަން ޖެހޭއިރު، ކަނޑު ގަދަ ދުވަހެއް ނަމަ، އެއީ އަދި މާ ބޮޑު ތަކުލީފެކެވެ. ބ. ފުޅަދޫ ރައްޔިތުން އަބަދުވެސް އެދިއެދި ތިބި ކަމަކީ ރަށުގެ ލަފާފުރުމުގެ ދަތިތަކަށް ފަސޭހަ ހައްލެއް ލިބުމެވެ. ކޮންމެ ވެރިކަމެއްގައި ވެސް މި ރަށުގެ ރައްޔިތުން އެދޭ އެދުމަކީ މި އެވެ.

"އެންމެ ހިތްހަމަޖެހޭ ކަންތައް އެ އޮތީ ކުރިމަތީ ފެންނަން. އެއީ ހަމަ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ،" މި ރަށުން ދިމާވި 59 އަހަރުގެ ވަހީދާ ބުންޏެވެ.

ބަނދަރު ސަރަހައްދުގައި ވަހީދާ، އޭނާގެ ފިރިމީހާ އާއި ރައްޓެހިންތަކަކާ އެކު އިށީނދެލައިގެން ތިބިއިރު ފެންނަނީ ހިތްހަމަޖެހުމެވެ.

"ބަލިމީހަކު ދޯންޏަކަށް އެއްޗަކަށް އަރުވަން ޖެހިއްޖެއްޔާ ޖެހެނީ އަތްދަނޑިމަތީ ނޫނީ ކޮނޑުމަތީ އުފުލަން.  ރާޅުބޮޑިއްޔާ އަދި ދޯނި ހިފަހައްޓައި ވަރަށް އުނދަގުލުގައި އުޅުނީ. މިހާރު އެކަމަކު ހީލާފައި ގޮސް އަރަންވީ،" އޭނާ ބުންޏެވެ.

"ވަރަށް އުފާވޭ އަސްލު ވެސް."

މި ރަށަކީ ކުރިން ވެސް ފެން ލޮނު ރަށެކެވެ. ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް މިހާރު ކުރިއަށް އެބަދެ އެވެ. މިއީ ވެސް މި ރަށުގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެވެ.

މި ރަށު އަބްދުލްކަރީމް މުހައްމަދު ވެސް ދެއްކީ ހަމަ އެ ވާހަކަ އެވެ. ފެށުނީއްސުރެ އެންމެ އުއްމީދުކުރީ ރަށުގެ ލަފާފުރުމުގެ ދަތިކަމަށް ހައްލެއް އަންނާނެ ކަމަށެވެ. ކޮންމެ ސަރުކާރެއްގައި ވެސް ރަށުގެ ބަނދަރު ހަދަން "ކަޑަ ޖަހާ" ކަމަށާއި އެކަމަކު އެ މަސައްކަތް ނިންމައި ހިތްހަމަޖެހުމެއް ގެނެސްދިނީ "އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން" ކަމަށް އަބްދުލްކަރީމް ބުންޏެވެ.

ފުޅަދޫ ރައްޔިތުން ރައީސަށް މަރުހަބާ ދަންނަވަން ބަނދަރު ސަރަހައްދުގައި.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ރަށަށް މިއަދު ކުރައްވާ ދަތުރުފުޅުގައި ރަށުގެ ބަނދަރުގެ މަސައްކަތް ނިންމުން ރަސްމީކޮށް ވަނީ އިފްތިތާހުކޮށްދެއްވައިވަ އެވެ. ދައުލަތުގެ ބަޖެޓުން 48 މިލިއަން ރުފިޔާ ހޭދަކޮށްގެން މި މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

އަބްދުލްކަރީމް ދެން އެންމެ އުފަލާ އެކު ފާހަގަކުރި ކަމަކީ ރަށުގެ އިންޖީނުގެ މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރުމެވެ. މީގެ ކުރިން އިންޖީނުގެއާ ކައިރީގައި ދިރިއުޅޭ މީހުންނަށް، ކާއެއްޗެއް ހަދާފައި މޭޒުމަތީ ނުބެހެއްޓޭ ކަމަށް އޭނާ ސިފަކުރި އެވެ.

"އަޅުގަނޑުމެން ވަރަށް ޝުކުރުވެރިވަން މި ދާއިރާގެ މެންބަރު ހިސާން [ހުސައިނަށް]. ހިސާނު މަޖިލީހުގައި އިންނަވައިގެން ވަރަށް މަސައްކަތް ކޮށްދެއްވާ،" އަބްދުލްކަރީމް ބުންޏެވެ.

ރަށު ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ މި ރަށުގެ ރައްޔިތުން މިހާރު އެންމެ އިންތިޒާރު ކުރަނީ ފެނާއި ނަރުދަމާގެ މަސައްކަތް އެއްކޮށް ނިމި، ހިދުމަތް ދެވޭނެ ދުވަހަކަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް