ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ގާސިމް ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން (ފޮޓޯ/ޖޭޕީ)

އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް އޮތް މިންވަރުގެ މައްޗަށް ނުސީދާކޮށް ގާސިމް ފާޑުވިދާޅުވެއްޖެ

ގާސިމް ވިދާޅުވީ ރާއްޖޭގެ ބޭރުގެ ދަރަނި އޮތް މިންވަރަށް ބަލާއިރު 2025 ވަނަ އަހަރު ނިމޭއިރު ރާއްޖެ އޮންނާނެ ހިސާބެއް ލަފާކުރަން ރައްޔިތުންނަށް އުނދަގޫވާނެ ކަމަށް

އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް އޮތް މިންވަރުގެ މައްޗަށް ނުސީދާކޮށް، އެ ގައުމުގެ ނަން ނުކިޔައި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަމަށް ވަޑައިގެން އެ ރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި، ގާސިމް ވިދާޅުވީ އެމަނިކުފާނު އިންތިހާބުގައި ވާދަކުރައްވަނީ ގައުމުގެ މުސްތަގުބަލަށް ޓަކައި ކަމަށެވެ.

ތަފްސީލު -  ރައީސް އިބްރާހީމް މުހަންމަދު ސޯލިހުގެ ސަރުކާރު އިންޑިއާއަށް ބަރޯސާވެފައިވާ އޮތް މިންވަރު ބޮޑުކަން ނުސީދާކޮށް ގާސިމް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ސިފައިންނަށް ނުވަދެވޭ ތަންތަން ރާއްޖޭގައި ހުރި ކަމަށެވެ.

ރާއްޖޭގެ ދަރަނި ބޮޑުވަމުންދާ މައްސަލައަށް ވެސް އޭނާ ވަނީ ފާޑުވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ދިވެހި ސަރުކާރަށް ބޮޑެތި އަދަދުތަކުން ލޯނު ނަގަމުން ދަނީ ބިރުހީވާ ވަރަށް ކަމަށާއި، ނުސީދާކޮށް ވިދާޅުވީ ލޯނު ދޭ މީހާ ދިނަސް އެ ލޯން ނުދެއްކޭ ހާލަތަކަށް ކަންކަން ދިއުމުން ކަންކަން ވާނެ ގޮތާ ދޭތެރޭ ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑަށް އެބަދޭ ދަރަންޏަށް ލާރި އެގްރިމެންޓެއްގެ ދަށުން. ދީގެން އަޅުގަނޑު އެ ލާރި ދައްކަމުން ދަނީ. އޭނަ ދެން ދަރަންޏަށް އެ ދެނީ. އަޅުގަނޑު އެ ލާރި ދައްކަން ޖެހޭ ދުވަހު އަޅުގަނޑު ހަމަ ނަގަނީ ނަގަނީ،" ގާސިމް ވިދާޅުވި އެވެ.

ލިބޭ މިންވަރު ނުދަނެ، ދަރަންޏަށް ފައިސާ ނަގަމުންދާ ނަމަ، އަދި އެ ފައިސާ ނުދެއްކޭ ދުވަހެއް އަތުވެއްޖެ ނަމަ ސްރީލަންކާގެ އިގްތިސޯދަށް ދިމާވި ގޮތް ރާއްޖެއަށް ދިމާވުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ގާސިމް އިޝާރާތް ކުރެއްވި އެވެ.

"އަޅުގަނޑު މި ދައްކަނީ 120 ބިލިއަން ރުފިޔާގެ ދަރަނި މިއަދު އޮތް ވާހަކަ. އެއީ ސަރުކާރުގެ ދަރަނި އެކަނި. ކޮބައިތޯ ސަރުކާރު ކުންފުނިތަކުގެ ދަރަނި؟ އަނެއް އެއް ބިލިއަން ޑޮލަރަށް ވުރެ މަތިވާނެ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދަރަނިތައް ނުދެއްކޭ ހާލަތަކަށް އަތުވެއްޖެ ނަމަ، އާހިރުގައި އެ ދަރަންޏާ ހަވާލުވާން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށެވެ.

"އޭގެ އިންޓްރެސްޓު ރޭޓަކީ ކޮބާތޯ؟ ކިތައް އަހަރުންތޯ ދައްކަނީ؟ އެމްއެމްއޭ ގަވަރުނަރު ވިދާޅުވީ ތިމަންނައަކަށް އެ އެއް ނޭނގެއޭ. ތިމަންނައަށް ވެސް އެ ސިއްރޭ،" މިއީ ވިސްނަން ވެއްޖެ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖުމުހޫރީ ޕާޓީގެ ކެންޑިޑޭޓް ވިދާޅުވީ ރާއްޖޭގެ ބޭރުގެ ދަރަނި އޮތް މިންވަރަށް ބަލާ އިރު 2025 ވަނަ އަހަރު ނިމޭ އިރު ރާއްޖެ އޮންނާނެ ހިސާބެއް ލަފާކުރަން ރައްޔިތުންނަށް އުނދަގޫވާނެ ކަމަށެވެ.

އިންޑިއާގެ ސިފައިންގެ ބާރު ރާއްޖެއަށް އޮންނަ ކަމަށް ސިފަ ކުރައްވަމުން ސަޕޯޓަރުންނަށް ގާސިމް ސުވާލެއް އަމާޒުކުރެއްވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އެއްވެސް ތަނަކަށް ދިވެހި ސިފައިންނަށް ނުވަދެވޭ ގޮތަށް އޮންނަން އެއްވެސް ރައްޔިތުން ބޭނުންތޯ އެވެ؟

"ތިޔަ ބޭފުޅުން އެއްބަސްތޯއޭ މިތަނުގައި ރާއްޖޭގެ ސިފައިންނަށް ނުވަދެވޭނެ އެއްވެސް ތަނެއް އޮންނަން."؟ އިންޑިއާ ސިފައިންގެ ބާރު ރާއްޖޭގައި އޮތް ކަމަށް ސިފަކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް