ރޭ ކުޑަހުވަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން މުއިއްޒު ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ (ފޮޓޯ/ ޕީޕީއެމް)

އެއާ އެމްބިއުލާސް ތައާރަފްކޮށް، އައިވީއެފް ހިލޭ ކުރާނަން: މުއިއްޒު

ޔާމީންގެ ސަރުކާރުުގައި އެ މަނިކުފާނު 'ސިއްހީ ދާއިރާއަށް ތަރައްގީގެ އިންގިލާބެއް' ގެންނެވި ނަމަވެސް، މި ސަރުކާރުގައި އެކަން އޮތީ ދިމާ އިދިކޮޅަށް ކަމަށް މުއިއްޒު ވިދާޅުވި

ވައިގެ މަގުން ބަލިމީހުން އުފުލުމަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ތައާރަފްކޮށް، ދަރިމައިނުވުމުގެ މައްސަލަތައް ކުރިމަތިވާ މީހުންނަށް ދަރިން ހޯދުމަށް ދޭ އައިވީއެފް ފަރުވާ އާސަންދައިން ހިލޭ ދޭ ގޮތަށް ހަދާނެ ކަމަށް ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - ވައިގެ އެމްބިއުލާންސްގެ ހިދުމަތް މިހާރު ދެމުން ގެންދަނީ، އިންޑިއާގެ ވައިގެ އުޅަނދުތައް ބޭނުންކޮށްގެން އެ ގައުމުގެ ސިފައިންނާ އެކު އެމްއެންޑީއެފްއިންނެވެ. އަދި އައިވީއެފް ހިދުމަތަކީ  އާސަންދައިގައި ހިމެނޭ ހިދުމަތެއް ނޫނެވެ.

ވީ ކިހިނެއް؟ - އެ ދެ ކަންތައް އޭނާގެ ސަރުކާރެއްގައި ބަދަލު ކުރައްވާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވީ، ރޭ ދ. ކުޑަހުވަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލު - އެ ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުުގައި އެ މަނިކުފާނު "ސިއްހީ ދާއިރާއަށް ތަރައްގީގެ އިންގިލާބެއް" ގެންނެވި ކަމަށެވެ. ނަމަވެސް، މި ސަރުކާރުގެ ފަސް އަހަރު ފެންނަނީ އޭގެ އަނެއްކޮޅު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ، ތަރައްގީ ގެންނަން ޖެހޭ އެންމެ މުހިންމު ދާއިރާ އަކީ ސިއްހީ ދާއިރާ. އެ މަނިކުފާނުގެ ޒައާމަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސީ އެމްބިއުލާންސް ވަނީ ތައާރަފްކޮށްފައި،" އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުުރުމުގެ ދޮރު ބަންދުވުމާ އެކު، އެ މަނިކުފާނުގެ ތާއީދާ އެކު ރިޔާސީ ރޭހަށް ނުކުމެވަޑައިގެން ހުންނެވި އިދިކޮޅު ކެންޑިޑޭޓު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އެއާ އެމްބިއުލާސްގެ ހިދުމަތް ރާއްޖޭގައި ތައާރަފް ކުރާނަން."

ދ. ކުޑަހުވަދޫގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީޕިއެމް)

ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި އަދި މިހާރު މާލޭގެ މޭޔަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ މުއިއްޒު ވިދާޅުވީ، އެއާ އެމްބިއުލާންސްގެ ހިދުމަތް އޭނާގެ ސަރުކާރެއްގައި ތައާރަފް ކުރުމަށްޓަކައި އެކަން މެނިފެސްޓޯގައި ހިމެނުމަށް އެކަމުގެ މައުލޫމާތު ވެސް މިހާރު އެއްކޮށްފައިވާ ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި، މިހާރު ރާއްޖޭގައި ދުއްވާ ސީޕްލޭނެއްގައި ފުރޮޅު ހަރުކޮށް، އެއާ އެމްބިއުލާންސެއްގެ ގޮތުގައި ބޭނުންކުރަން ހާއްސަކުރާނެ

  • އެ އުޅަނދުގައި، ހުރިހާ ވަސީލަތަކާ އެކު ބަލިމީހުން ފަށާނަން

"ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބުވެއްޖެ ނަމަ، އޭގެ އިތުރުން މަތިންދާބޯޓު އިތުރުކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

އާސަންދައިގެ ބައެއް އުސޫލުތަކަށް ބަދަލު ގެންނަން ޖެހޭ

ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމް ކަމަށްވާ އާސަންދަ މިހާރު ހިންގާ ގޮތުން ބައެއް އާންމުންނަށް ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށެވެ. އޭނާގެ ސަރުކާރެއްގައި އެކަންކަން ވެސް ބަދަލު ކުރައްވާނެ ކަމަށް މުއިއްޒު ރޭ ވައުދުވެވަޑައިގެންނެވި އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • އައިވީއެފް ހިދުމަތް އާސަންދަގެ ދަށަށް ގެނެސް، ހިލޭ ދިނުން

  • ބޭރު ގައުމެއްގެ ހޮސްޕިޓަލުން ފަރުވާ ހޯދަން ފެށުމަށް ފަހު، އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރާ ހާލަތުގައި ނަގާ ފީ އާސަންދައިގައި ހިމެނޭ ގޮތަށް ހެދުން

"ދަރިމައިވުމުގެ މައްސަލަ އަކީ ދިވެހި މުޖްތަމައުގައި ވަރަށް އާންމު މައްސަލައެއް މިހާރު. އެހެން ނަމަަވެސް، އާސަންދައެއް ކަވާ ނުކުރޭ އެ ކަމެއް. އެހެންވީމަ، އާސަންދަ ކަވަރު ކުރާ ހިދުމަތްތަކުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އައިވީއެފް ޓްރީޓްމަންޓް އިތުރުކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ދ. ކުޑަހުވަދޫގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން (ފޮޓޯ/ ޕީޕީއެމް)

ބޭރުގެ ހޮސްޕިޓަލު ބަދަލު ކުރާ ހާލަތުގައި ނަގާ ފީއާސަންދައިގެ ތެރޭގައި ހިމަނަން ޔާމީންގެ ސަރުކާރުން ނިންމާފައި އޮތަސް، އެކަން ބަދަލު ކުރީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ވީމަ، އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަނެއްކާވެސް އެކަން ބަދަލުކޮށް، ބޭރު ގައުމުތަކުގައި ހިދުމަތް ހޯދަން ދާއިރު، ހޮސްޕިޓަލު ބަދަލު ކުރަން ދާ ހަރަދު އަނެއްކާވެސް އާސަންދައިން ކަވަރު ކުރާ ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން،" މުއިއްޒު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގެ އިތުރު ހަބަރުތައް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް