ރަސްގެތީމުގައި އޮނުގަސް ޕާކެއް ހެއްދުމުގެ ޕްރޮޖެކްޓުގެ ތެރެއިން
އެޓްމޮސްފިއާ ފައުންޑޭޝަނުގެ އެހީގައި ރަސްގެތީމުގައި އޮނުގަސް ޕާކެއް ހަދަނީ
ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓް ހިންގާ އެޓްމޮސްފިއާ ކުންފުނިން މުޖުތަމައުއަށް ފައިދާ ހުރި އެކި ކަންކަމަށް އެހީ ދިނުމަށް ގާއިމްކޮށްފައިވާ އެޓްމޮސްފިއާ ފައުންޑޭޝަނުގެ އެހީގައި ރ. ރަސްގެތީމުގައި އޮނުގަސް އިންދައި ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ވީ ކިހިނެއް؟ - ރަސްގެތީމު ކައުންސިލާއި އެޓްމޮސްފިއާ ފައުންޑޭޝަނާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން އެ ރަށުގައި މިހާތަނަށް 40 އޮނުގަސް އިންދާފައި ވާއިރު، ކުރިއަށް އޮތް ތަނުގައި އިތުރު 360 އޮނުގަސް އިންދާނެ އެވެ.
ތަފްސީލް - ރަސްގެތީމު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ހުސައިން އިބްރާހިމް މިއަދު ވިދާޅުވީ، ކައުންސިލުން އަމާޒުކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ގަހެއް އިންދުމަށް ކަމަށެވެ.
އޮނުގަސް އިންދައި ޕާކެއް ހެދުމުގެ އިތުރުން، ރަށުގެ އެކި މުއައްސަސާތަކުގެ ގޯތިތެރޭގައި ވެސް އޮނުގަސް އިންދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މީހުން އާބާދު ނުވެ އޮތް ސަރަހައްދުގެ މަގުތަކުގެ ދެ ފަރާތުގައި ވެސް އޮނުގަސް އިންދަން ހަމަޖައްސާފައިވެ އެވެ.
ބުނީ ކީކޭ؟ - ހުސައިން ވިދާޅުވީ، ރަށުގައި އޮނުގަސް އިިންދަން ނިންމީ ދުނިޔޭގެ މާހައުލު ތަގައްޔަރުވަމުން ދާއިރު، އޮނުގަހަކީ އޮކްސިޖަން ފޯރުކޮށްދޭ މިންވަރު އެހެން ގަސްގަހާ އަޅަބަލާއިރު އިތުރު ގަހަކަށް ވާތީ، ވައި ތަގައްޔަރުވުމާއި ނޭވާލާ ނިޒާމުގެ ބަލިތައް މަދުކޮށްދޭނެ ކަމަކަށް ވާތީ ކަމަށެވެ.
"މީގެ އިތުރުން ރަށުތެރެ ފެހިކުރުމަކީ ވެސް މަގުސަދެއް،" އޭނާ ވިދާޅުވި އެވެ.
ހުސައިން ވިދާޅުވީ އެހެން ރަށްރަށުން ވެސް މި ކަމަށް އިސް ނަގައި އޮނުގަސް އިންދުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"ރަށުގެ އާބާދީގެ ނިސްބަތުން ވަކި ވަރަކަށް އޮނުގަސް އިންދީމާ އެބަ ބަލާ ކާބަން ނިއުޓްރަލް ތަނަކަށް،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - އެޓްމޮސްފިއާ ފައުންޑޭޝަނުން ވަނީ، އިތުރު ހަތަރު ރަށެއްގައި އޮނުގަސް ޕާކު ތަރައްގީ ކުރަން އެހީ ދޭން ނިންމައިފަ އެވެ.
އޮނުގަހުން ލިބޭ ބައެއް ފައިދާތައް:
-
އެހެން ގަސްގަހާ އަޅާބަލާއިރު އޮނުގަހުން މާ ގިނައިން ޖައްވުގައިވާ ކާބަންޑައިއޮކްސައިޑް ދަމާލާ
-
ކާބަންޑައިއޮކްސައިޑް ރައްކާކުރަނީ އޮނުގެ ގަސްގަނޑުގައި؛ ގަސްގަނޑު ނާންދާހާ ހިނދަކު އެ ގޭސްތައް ޖައްވަށް ބޭރުނުވެ، ހިފެހެއްޓިފައި ހުންނާނެ
-
އޮނުގަހުން ރޭގަނޑުގެ ވަގުތުތަކުގައި އެހެން ގަސްތަކަށް ވުރެ %35 އިތުރަށް އޮކްސިޖަން އުފައްދާ
-
އެންމެ ގަހެއް އިންދުމުން އެ ގަސް ބޮޑުވެ، ފަސް ވަރަކަށް އަހަރުގެ ތެރޭގައި ފީންޏަކަށް ވާން ފަށާ
-
އޮނަކީ އިންދައި ހައްދަން ފަސޭހަ ބާވަތެއް؛ ހިއްކި ބިމުގައި ވެސް ހެއްދޭ
-
އޮނު ފީނިތަކުން ވެލިގަނޑު ހިފަހައްޓައިދީ، ރަށްގިރުން ފަދަ ކަންކަން ހުއްޓުވުމަށް އެހީތެރިވެދޭ
-
އިމާރާތްކުރުމާއި އަތްތެރި މަސައްކަތުގައި އޮނުގެ ގަސްގަނޑު ބޭނުންކުރެވޭނެ
އިތުރަށް ކިޔާލަން -