އެޓްމޮސްފިއާ ފައުންޑޭޝަނުން ބޭއްވި ސެމިނާގައި ޑރ. ނަމްބީ ބަރާތީ މައުލޫމާތު ދެއްވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ތިމާވެށި

އޮނުގަސް އިންދަން ހިންގާ މަޝްރޫއުގެ ސެމިނާތައް ފަށައިފި

އެޓްމޮސްފިއާ ފައުންޑޭޝަނާއި ސަރުކާރުން ގުޅިގެން ހިންގާ މި މަޝްރޫއުގެ ދަށުން 500 ކުދި އޮނުގަސް އެކި ރަށްރަށަށް ބަހާނެ

ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން ރާއްޖޭގައި އޮނުގަސް އިންދަން ހިންގާ މަޝްރޫއުގެ ދަށުން އިއްޔެ ސެމިނާއެއް ބާއްވައިފި އެވެ.

އެނގުން މުހިއްމު - ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް އދ.ގެ ގައުމުތަކުން ސޮއިކޮށްފައިވާ ޕެރިސް އެގްރީމެންޓުގެ ދަށުން، ވަކިވަކި ގައުމުތަކުން ކަނޑައަޅާ އަމާޒުތަކުގެ ތެރޭގައި 2030ގެ ކުރިން ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ހެދުމަށް އަމާޒުކޮށްފައިވެ އެވެ.

ވީ ކިހިނެއް؟ - މި އަމާޒަށް ވާސިލުވުމުގެ ގޮތުން 'ވޯކިން ޓުވާޑްސް ކާބަން ނިއުޓްރަލް މޯލްޑިވްސް ވިތު ބެމްބޫ'ގެ ނަމުގައި އިއްޔެ މީރުމާ ހޯލުގައި ބޭއްވި ސެމިނާ އަކީ މި މަޝްރޫއުގައި ޝާމިލުވާ އެކިއެކި ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދީ، ޝައުގުވެރިކަން އިތުރުކޮށް، ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ބޭއްވި ސެމިނާ އެކެވެ.

އެޓްމޮސްފިއާ ފައުންޑޭޝަނުން ބޭއްވި ސެމިނާގައި އެ ފަންޑޭޝަންގެ ފަރާތުން އަބްދުލް އަޒީޒް އަބްދުލް ހަކީމް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

މި ސެމިނާގައި އިއުލާނުކޮށްފައިވާ ގޮތުގައި، މި އަމާޒަށް ވާސިލްވުމަށްޓަކައި 'ބެމްބޫ ޕްރޮޖެކްޓު'ގެ ފުރަތަމަ ފިޔަވަހީގެ ދަށުން:

  • 500 ކުދި އޮނުގަސް އެކި ރަށްރަށަށް ބަހާނެ

  • އެންވަޔަރަމަންޓް މިނިސްޓްރީން 250 ގަސް މީހުން ދިރިއުޅޭ ރަށްރަށަށް ބަހާނެ

  • ބާކީ 250 ގަސް ބަހާނީ ފިޝަރީޒް މިނިސްޓްރީން ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް

  • މިހާރު ވެސް ބައެއް ރަށްރަށާއި ޖަމިއްޔާތަކަށާއި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ރަށްރަށަށް އަދި ހދ. ހަނިމާދޫ އެގްރިކަލްޗާ ސެންޓަރަށް އޮނުގަހުގެ އޮށް ހަވާލުކޮށްފައިވޭ

  • މި ޕްރޮޖެކްޓު ހިންގުމުގައި ހަރަކާތްތެރިވާ އެޓްމޮސްފިއާ ފައުންޑޭޝަނުގެ މައި ކުންފުނިން ހިންގާ ރިސޯޓުތަކުގައި ވެސް އޮނުގަސް އިންދުމަށް ވަނީ ނިންމާފައި

އިންޑިއާގެ ޓެމިލް ނާޑޫ ސަރަހައްދުގައި ހުންނަ ގްރޯމޯ ބަޔޯޓެކް ލިމިޓެޑްގެ ފައުންޑަރު ޑިރެކްޓާ ޑރ. ނަމްބީ ބަރާތީ ވަނީ މި ސެމިނާގައި ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ވާހަކަދައްކަވާފަ އެވެ.

އެޓްމޮސްފިއާ ފައުންޑޭޝަނުން ބޭއްވި ސެމިނާގައި ޑރ. ނަމްބީ ބަރާތީ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އޮނާ ބެހޭ ދިރާސާތައް ކުރައްވާފައިވާ އެގްރިކަލްޗަރަލް ސައިންޓިސްޓް ބަރާތީގެ ވާހަކައިގައި، އޮނުން ތިމާވެއްޓަށާއި މުޖުތަމައުއަށް ލިބޭ ފައިދާތަކަށް އަލިއަޅުވާލެއްވި އެވެ.

އޮނުގަހުން ލިބޭ ބައެއް ފައިދާތައް:

  • އެހެން ގަސްގަހާ އަޅާބަލާއިރު އޮނުގަހުން މާ ގިނައިން ޖައްވުގައިވާ ކާބަންޑައިއޮކްސައިޑް ދަމާލާ

  • ކާބަންޑައިއޮކްސައިޑް ރައްކާކުރަނީ އޮނުގެ ގަސްގަނޑުގައި؛ ގަސްގަނޑު ނާންދާހާ ހިނދަކު އެ ގޭސްތައް ޖައްވަށް ބޭރުނުވެ، ހިފެހެއްޓިފައި ހުންނާނެ

  • އޮނުގަހުން ރޭގަނޑުގެ ވަގުތުތަކުގައި އެހެން ގަސްތަކަށް ވުރެ %35 އިތުރަށް އޮކްސިޖަން އުފައްދާ

  • އެންމެ ގަހެއް އިންދުމުން އެ ގަސް ބޮޑުވެ، ފަސް ވަރަކަށް އަހަރުގެ ތެރޭގައި ފީންޏަކަށް ވާން ފަށާ

  • އޮނަކީ އިންދައި ހައްދަން ފަސޭހަ ބާވަތެއް؛ ހިއްކި ބިމުގައި ވެސް ހެއްދޭ

  • އޮނުގަހުން ބިންގަނޑުގެ ފެންވަރު ރަނގަޅުކޮށްދޭ

  • އޮނު ފީނިތަކުން ވެލިގަނޑު ހިފަހައްޓައިދީ، ރަށްގިރުން ފަދަ ކަންކަން ހުއްޓުވުމަށް އެހީތެރިވެދޭ 

  • އިމާރާތްކުރުމާއި އަތްތެރި މަސައްކަތުގައި އޮނުގެ ގަސްގަނޑު ބޭނުންކުރެވޭނެ

ފާހަގަކޮށްލެވޭ ކަމެއް - 'ބެމްބޫ ޕްރޮޖެކްޓް' ހިންގަނީ، ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުކޮށް، ރުއްގަސް ދިރުވައި އާލާކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ފަށާފައިވާ 'ރަށްފެހި ޕްރޮގްރާމް'ގެ ބައެއްގެ ގޮތުގަ އެވެ.

ފަސްމަންޒަރު - ތަރައްގީގެ މަޝްރޫއުތަކާއި އާބާދީގެ ނިސްބަތް އިތުރުވުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގެ ފެހިކަން ދަނީ ކުޑަވަމުންނެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ ފެހިކަން ހުރި މިންވަރު ބަލަން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، ބިމުގެ ނިސްބަތަށް ބަލާއިރު، 36 ރަށުގައި ފެހިކަން ހުރީ %30އަށް ވުރެ ދަށުގަ އެވެ. މީގެ ތެރޭގައި %10އަށް ވުރެ ފެހިކަން ކުޑަ ބައެއް ރަށްރަށް ވެސް ހިމެނެ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް