ބެމްބޫ ޕްރޮޖެކްޓާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުލް އަޒީޒް އަބްދުލް ހަކީމް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ތިމާވެށި

ކާބަން ނިއުޓްރަލް އަމާޒަށް ވާސިލުވާން ރާއްޖޭގައި އޮނުގަސް އިންދުމުގެ މަޝްރޫއުއެއް

އޮނުގަހަކީ ޖައްވުން އެންމެ ގިނައިން ކާބަންޑައިއޮކްސައިޑް ދަމާލާ އެއް ގަސް؛ ފުރަތަމަ 100 ގަސް އިންދާނީ ހުޅުމާލޭގައި

ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން 'ބެމްބޫ ޕްރޮޖެކްޓް'ގެ ނަމުގައި ރާއްޖޭގައި އޮނުގަސް އިންދައި އާލާކުރުމުގެ މަޝްރޫއެއް ފަށަން ނިންމައިފި އެވެ.

އެނގުން މުހިއްމު - ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް އދ.ގެ ގައުމުތަކުން ސޮއިކޮށްފައިވާ ޕެރިސް އެގްރީމެންޓުގެ ދަށުން، ވަކިވަކި ގައުމުތަކުން ކަނޑައަޅާ އަމާޒުތަކުގެ ތެރޭގައި 2030ގެ ކުރިން ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ހެދުމަށް އަމާޒުކޮށްފައިވެ އެވެ.

ވީ ކިހިނެއް؟ - މި އަމާޒަށް ވާސިލުވުމަށް، އޮނުގަސް އިންދުމާ ބެހޭ ގޮތުން މައުލޫމާތު ދޭން މިއަދު އެންވަޔަރަމަންޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މި މަޝްރޫއު އިއުލާނުކޮށްފަ އެވެ.

ބެމްބޫ ޕްރޮޖެކްޓާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުލް އަޒީޒް އަބްދުލް ހަކީމް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ބުނީ ކީކޭ؟ - އެޓްމޮސްފިއާ ފައުންޑޭޝަންގެ ފަރާތުން އަބްދުލް އަޒީޒް އަބްދުލް ހަކީމް ވިދާޅުވީ 'ބެމްބޫ ޕްރޮޖެކްޓް' ފެށުމަށް އެޓްމޮސްފިއާ ފައުންޑޭޝަންގެ ފަރާތުން ވަރަށް އަވަހަށް 100 ގަސް ރާއްޖެ ގެންނާނެ ކަަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި: 

  • އެ ގަސްތަކަށް ގެއްލުމެއް ނުވާކަން ޔަގީންކުރުމަށް ފުރަތަމަ ހައްދާނީ ނާސަރީއެއްގައި 

  • އެއަށް ފަހު 100 ގަސް ވެސް އިންދާނީ ހުޅުމާލޭގައި

  • ބެމްބޫ ޕްރޮޖެކްޓަށް އެޓްމޮސްފިއާ ފައުންޑޭޝަނުން ޖުމްލަ 500 ގަސް ގެންނާނެ

އަޒީޒް ވިދާޅުވީ އޮނަކީ ރައްޖޭގައި ކުރިއްސުރެ ހެއްދި ބާވަތެއް ކަމަށާއި، މަސްބާނާ ދޮށި ފަދަ ތަކެތި ތައްޔާރުކުރަން ކުރިން ރާއްޖޭގައި އޮނު ބޭނުންކުރި ކަމަށެވެ. ނަމަވެސް، މިހާރު ރާއްޖޭގައި އޮނު ފީނިތައް ހުރި ރަށްރަށުގައި ވެސް އޭގެ އާބާދީ މަދުވެ، އިތުރަށް އާލާކުރަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ބެމްބޫ ޕްރޮޖެކްޓާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އޮނުގަހަކީ ފައިދާ ބޮޑު ގަހެއްކަން ފާހަގަކުރައްވައި، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން އެންމެ ފަހުން ބޭއްވި ކޮޕް27 ސަމިޓުގައި ވެސް ގައުމުތަކުން އޮނު އިންދަން ބާރުއެޅި ކަމަށް އަޒީޒް ވިދާޅުވި އެވެ.

އޮނުގަހުން ލިބޭ ބައެއް ފައިދާތައް:

  • އެހެން ގަސްގަހާ އަޅާބަލާއިރު އޮނުގަހުން މާ ގިނައިން ޖައްވުގައިވާ ކާބަންޑައިއޮކްސައިޑް ދަމާލާ

  • ކާބަންޑައިއޮކްސައިޑް ރައްކާކުރަނީ އޮނުގެ ގަސްގަނޑުގައި؛ ގަސްގަނޑު ނާންދާހާ ހިނދަކު އެ ގޭސްތައް ޖައްވަށް ބޭރުނުވެ، ހިފެހެއްޓިފައި ހުންނާނެ

  • އޮނުގަހުން ރޭގަނޑުގެ ވަގުތުތަކުގައި އެހެން ގަސްތަކަށް ވުރެ %35 އިތުރަށް އޮކްސިޖަން އުފައްދާ

  • އެންމެ ގަހެއް އިންދުމުން އެ ގަސް ބޮޑުވެ، ފަސް ވަރަކަށް އަހަރުގެ ތެރޭގައި ފީންޏަކަށް ވާން ފަށާ

  • އޮނަކީ އިންދައި ހައްދަން ފަސޭހަ ބާވަތެއް؛ ހިއްކި ބިމުގައި ވެސް ހެއްދޭ

  • އޮނު ފީނިތަކުން ވެލިގަނޑު ހިފަހައްޓައިދީ، ރަށްގިރުން ފަދަ ކަންކަން ހުއްޓުވުމަށް އެހީތެރިވެދޭ 

  • އިމާރާތްކުރުމާއި އަތްތެރި މަސައްކަތުގައި އޮނުގެ ގަސްގަނޑު ބޭނުންކުރެވޭނެ

ތަފްސީލް - ރާއްޖޭގައި އޮނު އިންދުމުގެ ކަންކަން އެންމެ ފައިދާ ހުރި ގޮތަކަށް ކުރިއަށް ގެންދިއުމަށް އިންޑިއާގެ އެގްރިކަލްޗަރަލް ސައިންޓިސްޓް ޑރ. ބާރަތީ ނަމްބީއާ އެކު މަސައްކަތް ކުރަން ވަނީ ނިންމާފަ އެވެ. އަޒީޒް ވިދާޅުވީ އޭނާ ރާއްޖެ އައުމަށް ފަހު ޕްރޮޖެކްޓަށް ބޭނުންވާ ހިސާބުތައް ޖައްސަވައި އިންދާނެ ގަހާއި އެ ގަސްތަކުން ކާބަންޑައިއޮކްސައިޑް މަދުކޮށްދޭނެ މިންވަރު އަންދާޒާ ކުރައްވާނެ ކަމަށެވެ.

އެއާ އެކު، މި މަޝްރޫއުގެ ދަށުން ލަނޑުދަނޑިތަކެއް ކަނޑައަޅައި ގަސްތައް އިންދުމުގެ އަމަލީ މަސައްކަތް ކުރިއަށްގެންދާނެ ގޮތް ނިންމާނެ އެވެ.

މިނިސްޓްރީގެ ބަސް - "[ރާއްޖެ] ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށްޓަކާ ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރުން އެއީ އަޅުގަނޑުމެންގެ އަމާޒަކީ. އެހެންވީމަ އެ ހިސާބާ ހަމައަށް ވާސިލްވުމަށްޓަކާ އޭގެ ތެރޭގައި ހިމެނޭ ބައެއް އޮނަކީ،" ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވި އެވެ.

ބެމްބޫ ޕްރޮޖެކްޓާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒާހިރު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

މި ޕްރޮޖެކްޓް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް ރިސޯޓުތަކާއި ވިޔަފާރިތަކާއި ކުންފުނިތަކާއި ކައުންސިލުތަކާއި އާންމު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެންވަޔަރަމަންޓް މިނިސްޓްރީއާ އެންޖީއޯއާ ގުޅިގެން މަސައްކަތް ފެއްޓުނީމަ އެ ހިސާބުން އަޅުގަނޑުމެން އެކި އެކި ފަރާތްތަކަށް މައުލޫމާތު އަރުވާނަން ކޮން ގޮތަކަށްތޯ ގަސްތައް ހޯދޭނީ، ކޮން ދިމަދިމާލަކުންތޯ މި ގަސްތައް ލިބޭނީ، ކިހިނެއްތޯ މި ކަންތައް ކުރާނީ،" ޒާހިރު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - 'ބެމްބޫ ޕްރޮޖެކްޓް' ހިންގަނީ، ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުކޮށް، ރުއްގަސް ދިރުވައި އާލާކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ފަށާފައިވާ 'ރަށްފެހި ޕްރޮގްރާމް'ގެ ދަށުންނެވެ.

ފަސްމަންޒަރު - ތަރައްގީގެ މަޝްރޫއުތަކާއި އާބާދީގެ ނިސްބަތް އިތުރުވުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގެ ފެހިކަން ދަނީ ކުޑަވަމުންނެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ ފެހިކަން ހުރި މިންވަރު ބަލަން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، ބިމުގެ ނިސްބަތަށް ބަލާއިރު، 36 ރަށުގައި ފެހިކަން ހުރީ %30އަށް ވުރެ ދަށުގަ އެވެ. މީގެ ތެރޭގައި %10އަށް ވުރެ ފެހިކަން ކުޑަ ބައެއް ރަށްރަށް ވެސް ހިމެނެ އެވެ.

ކޮމެންޓް (1)

ހަސަން

18 މާރިޗު 2023
ވަރަށްވެސް ރަގަޅު މަޝްރޫއެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް