ނ ލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ކެމްޕޭނު ޓީމު)

ނ. ލަންދޫ

ރައީސަށް ނ. އަތޮޅުން ފެނިވަޑައިގަތީ ރައްޔިތުން ކުރާ އިތުބާރު

ލަންދޫގެ ކުއްޅަވައް މޮހީޓޯ މޫވެންޕިކްގެ ރެސިޕީއެއް ހިމަނާފައިވާ ކަމަށާއި އެއީ ފަހުރެއް ކަމަށް ރައީސް ވިދާޅުވި

އަންނަ މަހުގެ 9ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެނިވަޑައިގަތީ މި އަތޮޅުގެ ރައްޔިތުން އެ މަނިކުފާނަށާއި މި ސަރުކާރަށް ކުރާ އިތުބާރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ

ވީ ކިހިނެއް؟ - ކެމްޕޭނުގައި ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނެވި 12 ވަނަ ރަށް ކަމަށްވާ، ލަންދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ނ. އަތޮޅުގެ ތަރައްގީއަށް ކަމެއް ކުރެވިފައިވާ ނަމަ، އެ ކަމެއް ކޮށްފައި އޮތީ އެ މަނިކުފާނުގެ ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ނައިބު ރައީސް އަހުމަދު މައުރޫފު މެދުވެރިވެގެން ނޫނީ މި ސަރުކާރުން ކޮށްދީގެން ކަމަށެވެ.

ތަފްސީލް - ރައީސް ވިދާޅުވީ ސިޔާމު މިހާރު އެ މަނިކުފާނާ އެކު ހުންނެވުމުން، ނ. އަތޮޅުގެ މުސްތަގުބަލް ވަރަށް ފަހި ކަމަށެވެ.

"ނ. އަތޮޅަށް އަންނާނެ ތަރައްގީ ވަރަށް އުޖާލާ. ނ. އަތޮޅުން އަޅުގަނޑުމެންނަށް އިތުބާރު ކުރައްވާކަން އަޅުގަނޑަށް ކުރެވުނު ދަތުރުގައި ފާހަގަވެގެން ދިޔަ،" މި އަތޮޅު ތަރައްގީވަމުން އަންނަ ތަން ފެނިވަޑައިގަންވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - ލަންދުއަށް ހާއްސަ ކުއްޅަވަކާ ބެހޭ ގޮތުން ރައީސް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން:

  • މި އަތޮޅުގައި އޮންނަ މޫވެންޕިކް ރިސޯޓުގެ މެނޫއެއްގައި 'ކުއްޅަވައް މޮހީޓޯ' ހިމަނާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއީ މި ރަށުގެ ރެސިޕީއެއް ކަމަށް

  • މޫވިންޕިކްގެ ރެސްޓޯރެންޓެއްގެ މެނޫގައި މި ރަށުގެ ރެސިޕީއެއް ހިމެނުމަކީ ބޮޑު ފަހުރެއް

"ސިޔާމުގެ ހުރިހާ ރިސޯޓެއްގައި އިރާދަކުރެއްވިއްޔާ ކުއްޅަވައް އައިސްކްރީމް ލިބޭ ގޮތަށް ހަދައިދޭނެ،" ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓް ހިންގަވާ ސިޔާމްގެ އެހީގައި މި ރަށުގެ ކުއްޅަވަށް ރެސިޕީތައް ޕްރޮމޯޓުކޮށްދެއްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

ލަންދުއަށް ވެސް ގިނަ ވައުދުތަކެއް

ކެމްޕޭނަށް ރަށްރަށަށް ވަޑައިގެން ރައީސް ގެންދަވަނީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ، ރަށްރަށަށް ކޮށްދެއްވާނެ ކަންތައްތައް ވިދާޅުވެދެއްވަމުންނެވެ. އެގޮތުން، ލަންދުއަށް ކޮށްދެއްވާނެ ކަންތައްތަކުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ:

  • މީގެ ކުރިން ވައުދުވެފައިވާ ގޮތަށް، މި ރަށުގެ ދޯނި އެހެލާ ސަރަހައްދު ތަރައްގީ ކުރުން

  • ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ޕްރޮގްރާމެއް ހިންގުން

  • ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން މި ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދައި ތާރު އެޅުން

  • ގޮނޑުދޮށް ހިމާޔަތްކުރުން

  • ސިއްހީ ހިދުމަތް ހަރުދަނާކޮށް، ހިދުމަތްތައް އިތުރުކޮށް، 24 ގަޑިއިރު ހިދުމަތް ދޭން ފެށުން

  • ކޮމިއުނިޓީ ސެންޓަރަކާއި އިންޑޯ ޖިމެއް ގާއިމްކުރުން

  • ފުޓްސަލް ދަނޑުގެ ފެންވަރު މަތިކުރުން

  • ކުނި މެނޭޖު ކުރެވޭނެ ޒަމާނީ ނިޒާމެއް ގާއިމްކުރުން

  • މަސްމާރުކޭޓޭއް ހެދުން

  • ކުޑަކުދިންގެ ޕާކެއް ހެދުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް