އދ. ދިއްދޫ ސްކޫލްގެ ދަރިވަރުންތަކެއް ކްލާހުގައި ކިޔަވަނީ (ފޮޓޯ/ދިއްދޫ ސްކޫލް)

އދ. ދިއްދޫ

އދ. ދިއްދޫ ސްކޫލަށް ވަގުތީ ގޮތުން ކަރަންޓު ދީ، ކިޔެވުން ފަށައިފި

ސްކޫލުގައި ކިޔެވުން މި ފެށީ ހަފުތާއެއް ފަހުން

ކަރަންްޓާއި އެހެނިހެން ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ، ކިޔަވައިދިނުން ހުއްޓާލާފައި އޮތް އދ. ދިއްދޫ ސްކޫލުގެ ކިޔެވުން މިއަދު ފަށައިފި އެވެ. ރަށު ކައުންސިލުން ބުނާ ގޮތުގައި، މިއަދު ކިޔަވައިދޭން ފެށީ ވަގުތީ ގޮތުން މައްސަލަ ހައްލު ކުރުމަށް ފަހު އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ އެންމެ އާބާދީ ކުޑަ އެއް ރަށް ކަމަށްވާ ދިއްދޫ ސްކޫލަށް ދަނީ ގާތްގަނޑަކަށް 14 ވަރަކަށް ކުދިންނެވެ. އެކަމަކު އެ ސްކޫލުގައި އެންމެ އަސާސީ ހިދުމަތްތައް ވެސް ލިބެން ނުހުންނަ ކަމަށް ބުނެ، މި އަހަރުގެ ދިރާސީ އަހަރު ފެށުނީއްސުރެ ދަރިވަރުން ސްކޫލަކަށް ނުގެންދެ އެވެ.

ތަފްސީލު - ބެލެނިވެރިން ފާހަގަ ކުރި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • ސްކޫލަށް ކަރަންޓު ނުލިބުން

  • ފެނުގެ ހިދުމަތް ނުލިބުން

  • ކުދިންނަށް ފާހާނާ ކުރެވޭނެ ގޮތް ސްކޫލުގައި ހަމަޖެހިފައި ނެތުން

ހަމަ މި ޝަކުވާ ތަކާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެސް، ދަރިވަރުން ސްކޫލަށް ފޮނުވުން ބެލެނިވެރިން ހުއްޓާލި އެވެ.

ސަރުކާރުން މި އަހަރު އެ ސްކޫލުގެ ކިޔެވުން ފެށީ، ސެޓެލައިޓް ސްކޫލެއްގެ ގޮތަށް ބަދަލުކޮށްގެންނެވެ. އެއީ ކްލާހުގައި ތިބެގެން، އޮންލައިންކޮށް ކިޔެވުމެވެ. ދަރިވަރުން ގުޅިފައި ތިބޭނީ މާލޭގެ ސްކޫލަކާ އެވެ.

ނަމަވެސް، އެ ގޮތަށް ކިޔަވައިދޭން ފެށިއިރު ދަރިވަރުން ބޭނުން ކުރާނެ ވަސީލަތްތައް ހަމަވެފައި ނެތުމާއި އޮންލައިންކޮށް ކިޔަވަން ކަރަންޓު ނެތުން އެއީ ބެލެނިވެރިން ފާހަގަ ކުރި އެންމެ ބޮޑު މައްސަލަތަކެވެ.

ބުނީ ކީކޭ؟ - ދިއްދޫ ކައުންސިލްގެ ރައީސް ގައްސާން އަބްދުﷲ މިއަދު ވިދާޅުވީ ދަރިވަރުން ކިޔަވަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހަމަވީ އިއްޔެ ކަމަށެވެ. އަދި ސްޓެލްކޯއާ ގުޅިގެން ވަގުތީ ގޮތުން ސްކޫލަށް ކަރަންޓު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެނުގެ ހިދުމަތް ވެސް، އެހެން ވަޅަކަށް ޕަމްޕު ގުޅައިގެން ދެވޭތޯ މި ބަލަނީ. މިއީ ހައްތަހާ ވެސް ވަގުތީ ހައްލު،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން މި ދަނީ."

އެނގިފައިވާ ގޮތުގައި، ދަރިވަރުން ސްކޫލަށް ނުފޮނުވާތީ އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ފުލުހަށް ވެސް ހުށަހެޅި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް