މިލަދޫގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ކެމްޕޭނު ޓީމް)

ކުރީ ސަރުކާރުން ތަރައްގީ ކުރީ އެންމެ ދެތިން ރަށް: ރައީސް

ކުދި އާބާދީތައް ދޫކޮށް، ބޮޑެތި އާބާދީތައް އުޅޭ ރަށްތައް ތަރައްގީ ކުރުމާ ގުޅޭ ގޮތުން އިދިކޮޅުން ދައްކާ ވާހަކަ ވެސް ދިމާ ނުވާ ކަމަށް ރައީސް ވިދާޅުވި

ނ. މިލަދޫ – ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަންތައް ކޮށްދީފައިވަނީ ދެތިން ރަށަކަށް ކަމަށާއި ކުދި އާބާދީތައް ދޫކޮށް ބޮޑެތި އާބާދީތައް އުޅޭ ރަށްތައް ތަރައްގީ ކުރުމާ ގުޅޭ ގޮތުން އިދިކޮޅުން ދައްކާ ވާހަކަ ދިމާ ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ މަހުގެ 9ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިލަދުއަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ މިލަދޫ އަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ އާބާދީއަށް ބަލާއިރު ކުޑަ އާބާދީއެއް އޮތް ރަށެއް ނޫން ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުތަކުން އޮތީ މި ރަށަށް އިހުމާލުވެފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ބޮޑެތި އާބާދީއޭ ބުނެ ދައްކާ ވާހަކަ ވެސް ދިމައެއް ނުވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މިލަދޫގައި އަސާސީ އެއްވެސް ހިދުމަތެއް ގާއިމްވެފައި ނެތް ކަމަށާއި، ފެނާއި ނަރުދަމާ އަދި ބަނދަރުގެ މަސައްކަތް ކުރަން ޖެހިފައި އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެންމެ ދެތިން ރަށަކަށް އަމާޒުކޮށްގެން ކުރި ކަމެއް ނޫނިއްޔާ 2013 އާއި 2018އާ ދޭތެރޭ ކޮށްފައެއް ނެތް އެ ސަރުކާރުން. އަޅުގަނޑުމެން އެނބުރި އެ މާޒީގެ ތެރެއަށް ގޮސްފިއްޔާ ތަޖުރިބާކުރަން ޖެހޭނީ ވަރަށް ހިތި ދުވަސްތަކެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

"ވައުދު ވެސް ވެޔޭ. އެކަމަކު އެ ކަމެއް ފުއްދާ ތަނެއް ނުފެނޭ."

އެނގުން މުހިންމު - ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާއިރު، ކުދި ރަށްރަށަށް އިސްކަންދީގެން ތަރައްގީ ގެނައުމަކީ ތަރުތީބު އޮޅޭ ކަމެއް ކަމަށް އޭނާ ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

ނަމަވެސް، މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ކުޑަ ރަށެއް އަދި ބޮޑު ރަށެއް ނުބަލައި މުޅި ރާއްޖެ ތަރައްގީ ކުރަން ކަމަށް ރައީސް ސޯލިހު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މިލަދުއަށް ވެސް ވައުދުތަކެއް

އަންނަ ދައުރުގައި ވެރިކަން ކުރަން ލިބިއްޖެ ނަމަ، ރަށްރަށަށް ކޮށްދެއްވާނެ ކަންތައް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ. އެގޮތުން، މިލަދުއަށް ކޮށްދެއްވާނެ ކަމަށް މިއަދު ވައުދުވެވަޑައިގެންނެވި ކަންތައްތަކަކީ:

  • ދެކުނު ފަރާތުން ގިރާ ސަރަހައްދުގައި ރިވެޓުމެންޓު ޖަހައި ހިމާޔަތްކުރުން

  • ތާރު އަޅައިގެން ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުން

  • ފްލެޓު ނޫނީ ރޯހައުސް އެޅުން ހިމެނޭ ގޮތަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުން

  • ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުން

ކޮމެންޓް (1)

ތަކުރުއަލީ

13 އޯގަސްޓު 2023
ރައީސް ރައްޔިތުންނަށް ދޮގު ހަދާ އޮޅުވާލަމުން ދާއިރު ނޫހުން ބަލަން ޖެހޭ އެބަ އޭގެ ތެދު ދޮގު. ހަމަ އެކަނި ބުންޏޭ ބުންޏޭ ކިޔާފަ ހަބަރު ތައް މި ފެންނަނީ. ވަރަށް ދެރަ. މިސަރުކާރުން ކުޑަ ބޮޑު ރަށަކަށް ނުބަލާ ތަރައްގީ ގެންނަ ވާހަކަ ދައްކަމުން ދާއިރު، 2018 ގެ ޕީޕީއެމް މެނިފެސްޓޯ ބަލާލީމަ އިނގޭނެ މީގެން ގިނަ ޕްރޮޖެކްޓަކީ އޭރުގެ ޕްރޮޖެކްޓްސް ކަން. ދެން ވަރަށް ދެރަ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް