އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަދި އެޕާޓީގެ ރައިސް ފާރިސް މައުމޫން: މައޫމޫން މިއަދު ވަނީ، ފާރިސްއަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ (ފައިލް ފޮޓޯ/ ޕީއެސްއެމް)
ފާރިސްއަށް ތާއީދު ކުރަނީ ދަރިއަކަށްވީތީއެއް ނޫން، ގާބިލުވީމާ: މައުމޫން
އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ދަރިކަލުން ފާރިސް މައުމޫންއަށް ތާއީދު ކުރަނީ އަމިއްލަ ދަރިއަކަށް ވީތީ ނޫން ކަމަށާއި އެއީ ގައުމުގެ ރައީސަކަށް ގާބިލު ބޭފުޅަކަށް ވާތީ ކަމަށް އޭނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މައުމޫން އެގޮތަށް ވިދާޅުވީ ފާރިސްއަށް ކެމްޕޭން ޓީމުން މިއަދު ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯ މެސެޖެއް މެދުވެރިކުރައްވަ އެވެ.
ބުނީ ކީކޭ؟ - "ކެންޑިޑޭޓް ނަންބަރު 6، އަހުމަދު ފާރިސް މައުމޫނަށް އަޅުގަނޑު ތާއީދު ކުރަނީ، އޭނާއަކީ އަޅުގަނޑުގެ އުފަންދަރިއަކަށް ވީތީ އެއް ނޫން. އަހުމަދު ފާރިސް މައުމޫނަށް އަޅުގަނޑު ތާއީދު ކުރަނީ، އޭނާ އަޅުގަނޑު ގަބޫލު ކުރާ އުސޫލުތައް ގަބޫލު ކުރާތީ... އޭނާއަކީ، ރައިސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރުމުގެ ގާބިލުކަން ހުރި މީހެއް ކަމަށް ޔަގީން ކުރެވޭތީ،" ފާރިސް ރައީސްކަން ކުރައްވާ އެމްއާރުއެމްގެ ޒައީމްކަން ވެސް ކުރައްވާ މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ ވީޑިއޯ މެސެޖްގައި، މީގެ ކުރިން ދިއްގަރު ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިރު، މަޖިލީސް ތެރެއިން ފާރިސް ކުރެއްވި ސިޔާސީ މަސައްކަތްތައް ވެސް ފާހަގަ ކުރެއްވި އެވެ. ގައުމަށް ފައިދާ ހުރި އެ މަސައްކަތުގެ ސަބަބުން ފާރިސްއަށް އޭރު އަދަބުތަކެއް ވެސް ކުރިމަތިވި ކަމަށާއި ނަމަވެސް ހިތްވަރަކަށް ބަދަލު ނާންނަކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަމަށް ފާރިސް އިންތިހާބުވެއްޖެ ނަމަ، އެ ހިތްވަރާއި ސާބިތުކަން ފާރިސްގެ ފަރާތުން ފެންނާނެ ކަމުގެ ޔަގީންކަން މައުމޫން ދެއްވި އެވެ.
"ފާރިސް މައުމޫންއަކީ، އަމިއްލަ ފައިދާއަށްޓަކައި ގައުމު ވިއްކާލާނެ މީހެއް ނޫން. އޭނާއަކީ، ދޮގު ހަދައި މަކަރު ހަދައި އޯޅުވާލާނެ މީހެއް ނޫން،" ފާރިސްއާ ގުޅޭ ގޮތުން މައުމޫން ވިދާޅުވި އެވެ.
"އެހެންވީމަ، އަޅުގަނޑު އެދެނީ ދިވެހި ލޮބުވެތި ރައްޔިތުން، އަންނަ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓް ނަންބަރު 6، އަހްމަދު ފާރިސް މައުމޫނަށް ވޯޓުދެއްވުމަށް."