ގއ. ކޮނޑޭގައި ބޭއްވި ބަނދަރު ޖަލްސާގައި ރައީސް ސޯލިހު މިއަދު ވާހަކަ ދައްކަވަނީ (ފޮޓޯ/ކެމްޕޭން ޓީމު)

ހައުސިން ޔުނިޓާއި ފުޓްބޯޅަ ދަނޑާ އެކު ކޮނޑޭއަށް ވެސް ރައީސްގެ ވައުދުތަކެއް

ރައީސް ވިދާޅުވީ، އެ ރަށުން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި ރަށުން ބޭރު މީހުންނަށް ވެސް ކުރިމަތިލެވޭނެހެން އިއުލާނު ކުރުމަކީ އެ ރަށުގެ މުސްތަގުބަލާމެދު އަށް ކައުންސިލުން ނިންމި މުހިއްމު ނިންމުމެއް ކަމަށް

އިތުރު ދައުރަކަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، ގއ. ކޮނޑޭއަށް ވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކޮނޑޭއަށް ވަޑައިގެން އެ ރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގަައި ރައީސް ވިދާޅުވީ، އިތުރު ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، ކޮނޑޭގެ ބަނދަރު ބޮޑުކޮށްދެއްވައި ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން:

  • އެ ރަށުގެ ޒުވާނުން ބޭނުންވާ ފަދައިން ފުޓްބޯޅަ ދަނޑެއް އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި

  • ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް، ހައުސިން ޔުނިޓުގެ ވައުދުވެވަޑައިގެންނެވި

ތަފްސީލް - ކޮނޑޭ އަކީ އާބާދީ މަދު ނަމަވެސް ބޮޑު އަދި ތަރައްގީ ކުރެވިދާނެ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ރަށުން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި ރަށުން ބޭރު މީހުންނަށް ވެސް ކުރިމަތިލެވޭނެހެން އިއުލާނުކުރުމަކީ އެ ރަށުގެ މުސްތަގުބަލައަށް ކައުންސިލުން ނިންމި މުހިއްމު ނިންމުމެއް ކަމަށެވެ.

"ލޯކަލް ޓޫރިޒަމް ފެތުރިގެން އަންނައިރު، ވައިގެ މަގުންނާއި ކަނޑުގެ މަގުން މުޅި ރާއްޖެ ގުޅިގެން ދާއިރުގައި، ކޮނޑޭ އަކީ ލޯކަލް ޓޫރިޒަމަށް ހަމަ މުޅިން ފައްކާވެފައި އޮތް ރަށަކަށް ވެގެން މި ދަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިފަދަ މަސައްކަތް ކުރުމަށް ލުއި ލޯނު ފަދަ މާލީ އެހީތެރިކަން ބޭނުންވާ ކަމަށާއި ކުރިއަށް އޮތް ދައުރަށް އެކުލަވާލާ މެނިފެސްޓޯގައި އެކަން ހިމެނޭނެ ކަމަށެވެ.

ލޯކަލް ޓޫރިޒަމް ފަދަ ހިދުމަތްތައް ފެށުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް މިހާރު ކޮނޑޭގައި ގާއިމްކުރަމުން އަންނަަ ކަމަށާއި، މިއީ "ކުޑަ ރަށެއް، ބޮޑުރަށެއް ނުބަލާ މުޅި ރާއްޖެ ތަރައްގީ ކުރުމު"ގެ ސިޔާސަތުގެ ދަށުން ކުރާ މަސައްކަތްތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ ކަމެއް - އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ކޮނޑޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 275 އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް