ކެމްޕޭން ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދ. މަޑަވެލީގައި. (ފޮޓޯ/ އެމްޑީޕީ)

ހުޅުޖެހީ އިންތިހާބު ކާމިޔާބުވާ ތަން ފެންނާތީ؛ އެ ކަމަށް ރައްދެއް ނުދޭނަން: ރައީސް

މަޑަވެލީގައި ރައީސްގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތަނުގައި ރޭ ވަނީ ރޯކޮށްލާފައި

އެމްޑީޕީން ގދ. މަޑަވެލީގައި މިއަދު ޖަލްްސާ ބޭއްވުމަށް ތައްޔާރުކޮށްފައިވާ ތަނުގައި ބަޔަކު ރޯކޮށްލީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބުވާ ތަން ވާދަވެރިންނަށް ފެނިގެން ކަމަށާއި، އެކަމަކު އެ ހަމަނުޖެހުމަށް ރައްދުު ނުދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- ރައީސްގެ ކެމްޕޭން ޓީމް މިއަދު މަޑަވެއްޔަށް ދިޔުމަށް ހަމަޖެހުމާ އެކު، ޖަލްސާ ބޭއްވުމަށް ވަނީ ވަކި ތަނެއް ތައްޔާރުކޮށްފަ އެވެ. އެކަމަކު ރޭ ފަތިހު އެ ތަނުގައި ބަޔަކު ރޯކޮށްލީ، ތަން ބޭނުން ނުކުރެވޭ ވަރަށެވެ. އެގޮތުން، އެ ތަނުގައި ދަމާފައި ހުރި ބެނާތަކާއި ކަޅުމެޓާއި ޕޯޑިއަމް ވެސް ވަނީ އަނދާފަ އެވެ.

ބުނީ ކީކޭ؟ - މި ހާދިސާއާ ގުޅިގެން ރައީސްގެ ދަތުރުފުޅުގެ މަންޒިލް ބަދަލެއް ނުކުރައްވަ އެވެ. ހަމަޖެހިފައިވާ ގަޑިއަށް މަޑަވެއްޔަށް ވަޑައިގެން، ސަޕޯޓަރުންނާ ބައްދަލުކުރައްވައި ބަނދަރުމަތީ ސަރަހައްދުގައި ހުންނަވައިގެން ވާހަކަފުޅު ދެއްކެވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބުގެ ކެމްޕޭންތަކުގައި، ވާދަވެރި ކެންޑިޑޭޓު ކެމްޕޭން ކުރަމުން ދާއިރު، މީގެ ކުރިން ވެސް އެ ފަދަ ކަންކަން ވަނީ ހިންގާފަ އެވެެ. އޭގެ މަގްސަދަކަށް ވެފައި އޮންނަނީ، ރައީސް ވިދާޅުވި ގޮތުގައި، ހަމަނުޖެހުމަކާ ދިމާލަށް ގޮސް، ކެމްޕޭންގެ "ފޯކަސް ގެއްލުވާލު"މަށެވެ.

"މީގެން ދޭހަވާ އެއް ކަމަކީ ކެމްޕޭންތައް ކޮށް، ކުރިއަށް އޮތް އިންތިހާބު ބޮޑު ތަނުން އަޅުގަނޑުމެންނަށް ކާމިޔާބުވާ ތަން ފެނުނީމައި ވާދަވެރިން އެކަން ހުއްޓުވުން،" އިދިކޮޅު ވަކި ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްނުކުރައްވައި ރައީސް ވިދާޅުވި އެވެ.

މަޑަވެލީގައި ރައީސް ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވާ ތަނުގައި ރޯކޮށްލާފައި (ފޮޓޯ/ސޯޝަލް މީޑިއާ)

އެ މަނިކުފާނު ވަނީ، އެއަށް ރައްދު ދިނުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް އެމްޑީޕީގެ ސަޕޯޓަރުންނަށް އަދި މަޑަވެލީގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި:

  • މިހާރު މަސައްކަތް ކުރަންވީ އިންތިހާބު ކާމިޔާބު ކުރުމަށް، އެކަން ކުރެވޭނީ ވޯޓުން

  • އެއީ ހަމަނުޖެހުން ހިންގައި ތަޅާފޮޅައިގެން އަދި ސުލްހަވެރިކަން ނައްތާލައިގެން ކުރެވޭނެ ކަމެއް ނޫން

  • ތަންތަނުގައި ހުޅުޖަހައި ރޯކޮށް، ހަމަނުޖެހުންތައް ގިނަ 2014ގެ ކުރިއަށް ގެންދިޔުމަށް ބަޔަކު މަސައްކަތް އެބަކުރޭ؛ އެނބުރި އެ މާޒީއަށް ދާކަށް ގިނަ ދިވެހިން ބޭނުމެއް ނުވޭ

"އެ ހަމަނުޖެހުމުގެ ތެރެއަށް ދާކަށް ބޭނުމެއް ނޫން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެ ކަމުގައި ބައިވެރިވާކަށް ނެތިން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ، އެ މަނިކުފާނުގެ ކެމްޕެއިން ޝިއާރުގައިވާ ގޮތަށް، "އުފާވެރި އަމާން ރާއްޖެ"އެއް ހުރިހާ ދިވެހިންނަށް ވެސް ހޯދައިދިނުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް