މަޑަވެލީގައި ރައީސް ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވާ ތަނުގައި ރޯކޮށްލާފައި (ފޮޓޯ/ސޯޝަލް މީޑިއާ)

ހުޅުޖެހުން

މަޑަވެލީގައި ރައީސް ޖަލްސާ ބާއްވާ ތަނުގައި ރޯކޮށްލައިފި

މިއަދު ހެނދުނު ރައީސް އެ ރަށަށް ވަޑައިގަންނަވާނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި އެމްޑީޕީގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތަނުގައި ރޭ ރޯކޮށްލާފަ އެވެ.

ވީ ކިހިނެއް؟- ދ. ކުޑަހުވަދޫގައި މިހާރު ތިބި ރައީސްގެ ކެމްޕޭން ޓީމު، މަޑަވެއްޔަށް ދާ ގޮތަށް އޮތީ މިއަދު ހެނދުނެވެ. އެނގިފައިވާ ގޮތުގައި ޖަލްސާ ބާއްވާތަނުގައި ރޯކޮށްލާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

"އެތަނުގައި ދަމާފައި ހުރި ކަޅު މެޓާއި ބެނާތަކާއި ޕޯޑިއަމް ވެސް އަނދާ ހުލިވެފައި ހުރީ،" މަންޒަރު ދުށް މަޑަވެލީގެ މީހަކު ބުންޏެވެ.

"މުޅި ތަން އޮތީ ވަރަށް ބޮޑަށް އަނދާފައި. ދެން އެތަނުގައި ޖަލްސާއެއް ނުބޭއްވޭނެ."

މަޑަވެލީގައި ރައީސް ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވާ ތަނުގައި ރޯކޮށްލާފައި (ފޮޓޯ/ސޯޝަލް މީޑިއާ)
މަޑަވެލީގައި ރައީސް ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވާ ތަނުގައި ރޯކޮށްލާފައި (ފޮޓޯ/ސޯޝަލް މީޑިއާ)

ތަފްސީލް - ޖަލްސާ ބާއްވާ ތަނުގައި ރޯކޮށްލި ނަމަވެސް ރައީސްގެ ދަތުރު ކެންސަލެއް ނުކުރައްވަ އެވެ. ކުރިން ހަމަޖެހިފައިވާ ގޮތަށް ރައީސް މިއަދު ހެނދުނު 9:30ގެ ކުރިން އެ ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ރަށުގެ ބަނދަރު މަތީގައި ޖަލްސާ ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ޖަލްސާ ބާއްވާ ތަނުގައި ރޯކޮށްލި މައްސަލަ ފުލުހުން ތަހުގީގު ކުރި ނަމަވެސް އަދި އެކަމާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް