ޔާމީންގެ ކެންޑަޑަސީ މައްސަލައިގެ ޝަރީއަތުގައި ސްޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން
ކުށްވެރިއަކަށް ވެރިކަމަށް އާދެވޭ ގޮތަށް ގާނޫނު މާނައެއް ނުކުރެވޭނެ: ސުޕްރީމް ކޯޓު
ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނަށް ރައީސް ކަމުގެ މަގާމަށް ކުރިމަތިލެވޭނެ ފަދަ ގޮތަކަށް ގާނޫނުއަސާސީ މާނަ ނުކުރެވޭނެ ކަމަށާއި އެ މަގާމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ އެއްވެސް ޝަރުތަކަށް އުނިއިތުރު ގެނައުމުގެ ބާރު ކޯޓުތަކަށް ލިބިގެން ނުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ޓިކެޓުގައި ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވިއިރު، އެ މަނިކުފާނު ހުންނެވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަަހަރުގެ ޖަލު ހުކުމަކާ އެކު 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއްގެ ހުކުމުގަ އެވެ.
އެ ޖޫރިމަނާ ފައިސާ ދެއްކުމުގެ މުއްދަތު މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވިއިރު، އެ ފައިސާ ދައްކަވާފައި ނުވާތީ، ޔާމީންގެ ސާބިތު ދަރަންޏެއް އޮތުމާއި ޖިނާއީ ކުށެއްގައި ޖަލު ބަންދުގައި ހުންނެވުމުން ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނާ ދެ ޝަރުތު ޔާމީންގެ ފުރިހަމައެއް ނުވެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ، ރައީސް ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ދެ ޝަރުތު ފުރިހަމަ ނުވާތީ އެވެ. އެއީ:
-
ޔާމީނަކީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ ބޭފުޅަކަށް ވުމާ އެކު، އެ ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާތީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކޮށްފައިވާ ޝަރުތު ހަމަނުވާތީ
-
ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާ އެކު ކުރި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ފައިސާ މިހާތަނަށް ދައްކައި ހަލާސްކޮށްފައި ނުވާތީ، ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް އޮތްކަން އެނގެން އޮންނާތީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަނުވާތީ
އީސީން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމުން، އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން މިއަދު އެ ކޯޓުން ނިންމީ އީސީގެ ނިންމުން ރަނގަޅު ކަމަށެވެ.
ތަފްސީލް - މި މައްސަލާގައި ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ މައިގަނޑު އެއް ބަހުސަކީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އީސީން މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، ކެންޑިޑޭޓެއްގެ ޝަރުތު އުނިވާ ސަބަބުތަކުގެ ތެރޭގައި، ގާނޫނުގައި ބުނާ 'ހުކުމެއް ކުރެވިފައިވާ' ބަހުގެ މާނަ އަކީ އޭނާގެ މައްޗަށް ނިހާއީ ހުކުމެއް އޮތުން ކަމަށެވެ. ދަށު ކޯޓުގެ ހުކުމަކީ އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު އޮތް ހުކުމެއް ކަމުގައިވާ ނަމަ، އެ ހާލަތުގައި އެ މާއްދާ މާނަ ކުރަން ޖެހޭނީ އެ ހުކުމުގައި ހުންނަ މީހަކަށް ކުރިމަތިލެވޭނެ ގޮތަށް ކަމަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތުކުރައްވާފައިވެ އެވެ،
ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން އިއްތިފާގުވެވަޑައިގެންނެވި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި މި މާއްދާ މާނަކޮށްދީފައިވެ އެވެ. އެ ރައުޔުގައިވާ ގޮތުން، ގާނޫނުއަސާސީގެ ހައްގުތަކުގެ ބާބުގައި ބަޔާންކުރާ ހައްގުތަކަކީ މުތަލަގުކޮށް ލިބޭ ހައްގުތަކެއް ނޫނެވެ. އެ ހަައްގުތަައް ވެސް ގާނޫނުއަސާސީގައި ބަޔާންކުރާ ހަމަތަކުގެ މަތިން ހަނިކޮށް، ހިފެހެއްޓިދާނެ ކަމަށް އެ ރައުޔުގައިވެ އެވެ.
ސުއޫދު ވިދާޅުވީ:
-
ގާނޫނުއަސާސީގެ 109ވަނަ މާއްދާގެ (ޅ)ގެ އިބާރާތް އެ ގޮތަށް އެކުލަވާލައި ފާސްކުރީ އިސްތިއުނާފީ މަރުހަލާގައި ނުނިމި ހުރި މައްސަލަތަކާ ގުޅިގެން ދައުލަތުގެ މަގާމުތަކަށް ކުރިމަތިލާ މީހުންނަށް ޝަރުތު ހަމަނުވުމުން ނިހާއީ ހުކުމެއް ބޭނުން ނުވާ ކަމަށް ދެކިގެން
-
އެހެން ގައުމުތަކުގައި ގާނޫނުއަސާސީގައި ލިޔެގެން ޑިސްކޮލިފައި ނުކޮށް، އެ ހާލަތު އިސްތިސްނާކޮށްފައި ވާކަން، ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޑްރާފްޓިން ކޮމިޓީ އާއި މުޅި ހާއްސަ މަޖިލީހުގެ ސަމާލުކަމަށް އައިސްފައިވޭ
-
އެފަދަ އިސްތިސްނާނެއް ގާނޫނުއަސާސީގައި ހިމަނާފައި ނުވަނީ އެ މީހަކީ ތަންފީޒުކުރަމުންދާ ޖަލު ހުކުމެއްގެ މަތީގައި ހުރި މީހެއް ކަމުގައިވާ ނަމަ، އެ މީހަކު ޑިސްކޮލިފައި ކުރުމަކީ އެ މަޖިލީހުގެ މެމްބަރުންގެ ނިޔަތް ކަމުގައި ވާތީ
ސުއޫދު ވިދާޅުވީ، ގާނޫނުއަސާސީ އެކުލަވާލިއިރު، މުޅި މަޖިލީހުގެ ވިސްނުން އޮތީ، ދައުލަތުގެ މަގާމުތަކުގެ މަސައްކަތް ކުރާ މީހުންނަކީ ނަޒާހަތްތެރި އަދި އަބުރު ގެއްލިފައިވާ މީހެއް ކަމަށް ވެގެން ނުވާނެ ކަމުގެ ވިސްނުމުގައިކަން އެ މަޖިލީހުގެ ޔައުމިއްޔާތަކުން ސާފުކޮށް އެނގޭ ކަމަށެވެ.
ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓުގައި އެދިފައިވަނީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި އޮތް 'ހުކުމް' މި ލަފްޒުގެ ތަރަހަ އިއްވައި ތަންފީޒުކުރަމުން އަންނަ ހުކުމުގެ ތަރަހައިގެ ތެރެއިން ނެރެ، އިސްތިއުނާފީ މަރުހަލާތަކުގެ ދާއިރާގެ ތެރޭގައި، ގޮތެއް ނުނިމި ހުރި މައްސަލަތަކުގެ މައްޗަށް ފުޅާކޮށްދިނުން ކަމަށް ސުއޫދު ވިދާޅުވި އެވެ. އެކަމަކު އެއީ ކޯޓުތަކަށް ކުރެވިދާނެ ކަމެއް ކަމަކަށް އޭނާ ދެކެވަޑައެއްނުގަންނަވަ އެވެ.
"މި ވަރުގެ ބޮޑު ބަދަލެއް ގާނޫނުއަސާސީގެ މާއްދާއެއްގައިވާ މަފްހޫމަކަށް އަންނާނެ ގޮތަށް ގާނޫނުއަސާސީގައިވާ ލަފްޒެއް މާނަކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެން ނުވާ ކަމަށް މީގެ ކުރިން އަހުރެން ވާނީ ބަޔާންކޮށްފައި،" ސުއޫދު ވިދާޅުވި އެވެ.
"އެ އުސޫލު އެ ގޮތަށް ދެމެހައްޓުމަކީ ގާނޫނުއަސާސީގެ ކަރާމަތް ހިފަހައްޓައި އެ ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުގެ ވިސްނުން އެ ގޮތަށް ދެމެހެއްޓުމަށްޓަކައި އަހުރެންގެ މައްޗަށް ލާޒިމުވާ ކަމެއް."
ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި، ގާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިދަކު އުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އިންތިހާބުގެ އެކިއެކި މަގާމުތަކަށް ކުރިމަތިލުމަށް ހައްގު ލިބިގެންވާ ކަމަށް ބަޔާންކުރުމަށް ފަހު، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ރައީސްގެ މަގާމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތައް ބަޔާންކޮށްފައި އޮތުމުން، ގާނޫނުއަސާސީގެ ހައްގުތައް އެ މާއްދާ އިން ހިފެހެއްޓިފައިވާކަން އެނގޭ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި މަގާމަކަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ އެއްވެސް ޝަރުތަކަށް އުނިއިތުރު ގެނައުމުގެ ބާރު ކޯޓުތަކަށް ލިބިގެން ނުވާކަން އެ ކޯޓުން ކުރިން ނިންމާފައިވާ ގަޒިއްޔާތަކުން ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސަކަށް ހުންނަވާ ބޭފުޅެއްގެ ޝަރުތުތައް ގާނޫނުއަސާސީގައި ކަނޑައެޅިއިރު، ހާއްސަ މަޖިލީހުގެ ޖުމްލަ ވިސްނުމަކީ، "ސީރިއަސް ކުށެއްގެ ތުހުމަތު ކުރެވި، ކުށް ސާބިތު ކުރެވިއްޖެ މީހަކަށް ވެއްޖެ ނަމަ، ޕަބްލިކް އޮފީހަށް ވަދެވޭ ގޮތް ނުވުން" ކަމަށް، މި މައްސަލައިގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން، ހުކުމެއްގައި ހުންނެވިޔަސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީންއަށް ލިބެން ޖެހޭނެ ކަމަށް ޔާމީންގެ ފަރާތްޕުޅުން ފާހަގަކުރައްވާތީ، މި ހާލަތުގައި ޔާމީނަށް ފުރުސަތު ދީފި ނަމަ، ދެން ވާނީ ކިހިނެއްތޯ އެ ދުވަހުގެ އަޑުއެހުމުގައި ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު ސުވާލު ކުރައްވާފައިވެ އެވެ.
އެ ސުވާލުގެ ޖަވާބުގައި ޔާމީންގެ ވަކީލު ހަމްޒާ ލަތީފް ވިދާޅުވެފައިވަނީ، ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަަތު ލިބިވަޑައިގެން ކާމިޔާބުކުރައްވާ ހާލަތެއްގައި، އެ މަނިކުފާނު ޖަލުގައި ހުންނަވާ އިރު، ވެރިކަމުގެ ޒިންމާތައް އަދާކުރައްވާނީ ނައިބު ރައީސް ކަމަށެވެ.
'ގިސޯސް ކަނޑައަޅާފައިވާ ކުށެއްގައި ނޫނީ ހުކުމް ތަންފީޒުކުރުން ފަހެއް ނުކުރެވޭނެ'
ދަށު ކޯޓަކުން މީހެއްގެ މައްޗަށް އިއްވާފައިވާ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހެއްގެ ހުކުމުގެ އިސްތިއުނާފީ މަރުހަލާ ހިނގަހިނގާ އޮތް ނަމަ، އެއީ މައުސޫމް މީހެއް ކަމަށް މާނަކުރުމުގެ ފުރުސަތު އޮތްތޯ ނުވަތަ ނެތްތޯ ކަނޑައެޅުމާ ގުޅޭ ގޮތުން ސުއޫދުގެ ރައުޔުގައި ޖަވާބު ދެއްވާފައިވެ އެވެ.
މި ނުކުތާގައި ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި ބުނެފައިވަނީ އެ ހުކުމަށް ނިހާއީ ސިފައެއް ނާންނަ ނަމަ، އެއީ ހުކުމެއް ކަމަށް ބެލެވިގެން ނުވާނެ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ހުކުމުގެ މާނަ އަކީ ނިހާއީ ވެފައިވާ ހުކުމެއް ކަމަށް މީގެ ކުރީން ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް ވެސް ޔާމީންގެ ވަކީލުން ފާހަގަކުރެއްވި އެވެ.
މިސާލެއްގެ ގޮތުން ޔާމީންގެ ވަކީލުން ނަންގަވާފައިވަނީ މީގެ ކުރީން އެ ކޯޓުން ނިންމި:
-
ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް ހަމީދުގެ މައްޗަށް ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން އަށް އަހަރާއި ހަތް މަސްދުވަހުގެ މުއްދަތަކަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އޭނާގެ ގޮނޑި ގެއްލިއްޖެތޯ ނުވަތަ ނޫންތޯ ކަނޑައަޅައިދިނުމަށް ހުށަހެޅި މައްސަލަ؛ އެ ފަހަރު އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ކޯޓުން ނިންމި
-
އަބްދުﷲ ޖާމީންގެ މައްސަލަ؛ ފުލުހުންގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، ސުލޫކީ މައްސަލައަކާ ގުުޅިގެން އޭނާ މަގާމުން ވަކިކުރި؛ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އެ މައްސަަލަ ބަލައި މަގާމުން ވަގުތުން ވަކިކުރުމުގެ އިއުތިރާޒު އޮތަސް، އޭނާ މަގާމުން ވަކިކުރީ ޖިނާއީ ކުށެއް ސާބިތުވުމުން އެ ސަބަބަށް ބަލައިގެން ކަމަށް ވާތީ، އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން އޭނާއާ އެއްކޮޅަށް ނިންމި
-
ހަސަން ޝިޔާމް އަދި އިބްރާހިމް ޒަމީލުގެ މައްސަލަ: މިއީ 2019 ވަނަ އަަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވެގެން މަދަނީ ދަރަންޏެއް އޮތުމުން ކުރިމަތިނުލެވޭނެ ކަމަށް އީސީން ނިންމި މައްސަލައެއް؛ މި މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ އެ ދެ މީހުންނަށް ވެސް ކުރިމަތިލެވޭނެ ކަމަށް
ސުއޫދުގެ ރައުޔުގައި ވިދާޅުވީ، މި މައްސަލަތަކާއި ޔާމީންގެ މައްސަލައާ ނުގުޅުވޭނެ ކަމަށެވެ. އެގޮތުން:
-
ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރުގެ މައްސަލައިގެ އަސާސީ ވާގިޔާ އަކީ އެ މައްސަލަ އަކީ މަގާމުގައި ހުރި މެމްބަރެއްގެ ގޮނޑި ގެއްލުމުގެ މައްސަލައެއް؛ އެ މަގާމަށް އޭނާ އިންތިހާބުވީއިރު ޖިނާއީ މައްސަލައެއް ސާބިތުވެފައެއް ނުވޭ
-
ޖަލު ބަންދުގައި ހުރެމެ އިންތިހާބީ މަގާމަކަށް ކުރިމަތިލުމުގެ ސުވާލެއް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރުގެ މައްސަލާގައި ނުއުފެދޭ އަދި ޖަލު ބަންދުގައި ހުރެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ ނުކުންނާނެ ގާނޫނީ އައިބުތަކުގެ ވާހަކައެއް އެ މައްސަލައިގައި ނުދައްކާ
-
އެއާ ހިލާފަށް، ޔާމީން މިވަގުތު ގެންދަވަނީ ޖިނާއީ ކުށެއް ސާބިތުވެ، ހުކުމް ތަންފީޒު ކުރައްވަމުން
-
ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރުގެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ މިހާރު އަމަލުކުރަމުންދާ ގާނޫނުލްއުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދުވުމުގެ ކުރިން
-
މިހާރު އަމަލުކުރަމުން އަންނަ ގާނޫނުލްއުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޖިނާއީ ހުކުމް ތަންފީޒުކުރުމުގެ މަހްފޫމް ބަޔާންކޮށްފައެއް ނުވޭ
-
ހުކުމް ތަންފީޒުކުރުން ފަސްކުރެވޭނީ ހަމައެކަނި ގާނޫނުލްއުގޫބާތުގައި ހައްދު ނުވަތަ ގިސޯސް ކަނޑައަޅާފައިވާ ކުށެއްގެ މައްސަލައިގައި އެކަނި؛ އެހެން ކުށްތަކުގެ އަދަބު ތަންފީޒުކުރުމަށް އެންމެ ފަހުގެ މަރުހަލާއަށް ދިއުން ލާޒިމެއް ނޫން
-
ގާނޫނުއަސާސީގައި ސާފު އިބާރާތުން ވަކި އެއްޗެއް ލިޔެފައިވާ ނަމަ ރުޖޫއަވާންޖެހޭނީ އެ އިބާރާތުން ދޭހަވާ މާނައަށް؛ ގާނޫނުއަސާސީގެ މާއްދާއަކަށް އުނިއިތުރު ގެނައުމުގެ ބާރެއް ކޯޓަށް ލިބިގެންނެއް ނުވޭ
"މިހާ ހިސާބުން، ބަޔާންކުރި ގަޒިއްޔާތަކަކީ އަޅާ ކިޔޭނެ ދެ ގަޒިއްޔާއެއް ކަމަކަށް އަހުރެން ނުދެކެން. ކުރީގެ ގަޒިއްޔާ އަކީ މިހާރު ހުރި ހާލަތުތައް ތަތުބީގުކުރުމުން ދެކޮޅުޖެހޭ، އެއް ނަތީޖާއެއް ނެރެވިދާނެ އުސޫލުތަކެއް ކަމަށް ނުދެކެން،" ސުއޫދުގެ ރައުޔުގައިވެ އެވެ.
-
އިތުރަށް ކިޔާލަން - 'ޔާމީން ހުކުމުގައި ހުންނަވާ އިރު ޒިންމާ އަދާކުރާނީ ނާއިބު ރައީސް'