ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ކެންޑިޑެސީ މައްސަލައިގައި ސުޕްރީމް ކޯޓުން 4 އޮގަސްޓް 2023 ގައި ބޭއްވި އަޑުއެހުމެއްގައި ޔާމީންގެ ވަކީލު ހަމްޒާ ލަތީފު ވާހަކަދައްކަވަނީ (ސްކްރީންޝޮޓް)

ޔާމީން ޖަލު ހުކުމުގައި ހުންނަވާ އިރު ޒިންމާތައް އަދާކުރައްވާނީ ނާއިބު ރައީސް: ވަކީލު

ޔާމީނަށް ބޭނުންވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ހައްގު ކަމަށާއި، އެ ހައްގަކީ އެ މަނިކުފާނު ހުކުމެއްގައި ޖަލުގައި ހުންނެވި ނަމަވެސް، ޖަލުން މިންޖުވާނެ ހުއްޖަތަކަށް ނުވާނެ ކަމަށް ހަމްޒާ ވިދާޅުވި

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަަތު ލިބިވަޑައިގެން ކާމިޔާބުކުރައްވާ ހާލަތެއްގައި، އެމަނިކުފާނު ޖަލުގައި ހުންނަވާ އިރު، ވެރިކަމުގެ ޒިންމާތައް އަދާކުރައްވާނީ ނާއިބު ރައީސް ކަމަށް ޔާމީންގެ ވަކީލް ހަމްޒާ ލަތީފު ސުޕްރީމް ކޯޓުގައި މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕީޕިއެމްގެ ކެންޑިޑޭޓްގެ ގޮތުގައި، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މަސައްކަތްކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން، އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝަރުތު ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުން އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް މިއަދާއި މިރޭ ކުރިއަށް އެބަގެންދެ އެވެ.

ތަފްސީލް - އެ އަޑުއެހުމުގައި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވަނީ ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ގާނޫނުއަސާސީން ފުރުސަތު ލިބޭ ކަމަށް ޔާމީންގެ ފަރާތްޕުޅުން ހަމްޒާ ކުރައްވަމުން ގެންދަވާ ވަކާލާތުގެ މައްޗަށް ބިނާ ކުރައްވައި ސުވާލުތަކެއް ކުރިމަތިކުރައްވައިފަ އެވެ. އެގޮތުން ފަނޑިޔާރުގެ އެއް ސުވާލަކަށްވީ، މި ހާލަތުގައި ޔާމީނަށް ފުރުސަތު ދީފި ނަމަ ދެން ވާނީ ކިހިނެއްތޯ އެވެ.

ބުނީ ކީކޭ؟ - "ގާނޫނުއަސާސީ އިން އެންވިޝަން އެބަ ކުރޭ ސެންޓެންސެއް ސާވް ކުރަމުންދާ [ހުކުމެއްގައި ހުރި] ފަރާތެއް ހޮވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް. ހޮވުމުގެ ނަތީޖާ އަކީ އަޅުގަނޑުގެ މުވައްކިލް [ޔާމީން] އަދިވެސް ސާވް ކުރައްވާ ސެންޓެންސްގައި [ހުކުމުގައި ހުންނަވައިގެން] އަޅުގަނޑުގެ މުވައްކިލުގެ ނައިބު ރައީސް، އަޅުގަނޑުގެ މުވައްކިލުގެ ޒިންމާތައް އަދާ ކުރަމުން ގެންދެވުން،" ޔާމީންގެ ރަނިން މޭޓަކަށް ހަމަޖައްސާފައިވާ އެމަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް އިންނެވި އަޑުއެހުމުގައި، ފަނޑިޔާރު އަޒްމިރަލްދާ އަށް ޖަވާބު ދެއްވަމުން، ހަމްޒާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ކެންޑިޑެސީ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރިއަށްގެންދާ އަޑުއެހުމުގައި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ޔާމީންގެ ވަކީލު ހަމްޒާ ލަތީފާ ސުވާލެއް ކުރައްވަނީ (ސްކްރީންޝޮޓް)

ހަމްޒާ ވިދާޅުވީ ޔާމީން ބޭނުންފުޅުވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ހައްގު ކަމަށާއި އެ ހައްގަކީ އެމަނިކުފާނު ހުކުމެއްގައި ޖަލުގައި ހުންނެވި ނަމަވެސް، ޖަލުން މިންޖުވާނެ ހުއްޖަތަކަށް ނުވާނެ ކަމަށެވެ.

"ގުޅިގެން މި ދަނީ އިންތިހާބީ ހައްގެއް ހަނި ނުކުރެވޭނެ ކަމަށް. އަޅުގަނޑުމެން ނުދަންނަވަން ހުކުމެއް އެބޭފުޅާގެ މައްޗަށް، އަޅުގަނޑުގެ މުވައްކިލުގެ މައްޗަށް އައިސްފައި ވުމަކުންނެއް ޖަލުގައި ހުންނަން ނުޖެހޭނެ ކަމަކަށް. ނޫނީ އެ ހުކުމް އޭގެ ޒާތުގައި ފަސްވި ކަަމަކަށް،" އޭނާ ވިދާޅުވި އެވެ.

މިއާ އެކު ފަނޑިޔާރު އަޒްމިރަލްދާ ވަނީ، ޔާމީން ޖަލުގައި ހުންނަވާ އިރު އެމަނިކުފާނުގެ ޒިންމާތައް އަދާކުރައްވާނީ ނައިބު ރައީސް ކަމަށް ހަމްޒާ ވިދާޅުވި ވިދާޅުވުމާ ބެހޭގޮތުން ސުވާލު ކުރައްވައިފަ އެވެ.

"މިސާލަކަށް ކުރިމަތިލައްވައިގެން ހޮވިވަޑައިގަތީ. އެހެން ކަމަށް ވާ ނަމަ ތި ވިދާޅުވަނީ ޖަލުގައި ހުންނަވައިގެން އެކަމަކު ނައިބު ރައީސްއޭ މަަސްއޫލިއްޔަތުތައް އަދާ ކުރައްވާނީ؟"

ޖަވާބުގައި ހަމްޒާ އާނއެކޭ ވިދާޅުވުމުން އަޒްމިރަލްދާ ސުވާލުކުރެއްވީ "އަނެއްކާވެސް ގާނޫނުއަސާސީގެ ދަށުން ގާނޫނީ ހުސްކަމަކަށް ނުދާނެތޯ؟" އެވެ.

"ނުދާނެ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. އެއީ ނައިބު ރައީސް އަކީ ރައީސް އުޒުރުވެރިވާ ހާލަތުގައި އެ މަސްއޫލިއްޔަތުތައް އަދާ ކުރައްވަންޖެހޭ ފަރާތް ކަމުގައި އަޅުގަނޑަށް ފެންނާތީ،" ހަމްޒާ ޖަވާބުދެއްވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ކެންޑިޑެސީ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ބާއްވާ އަޑުއެހުމުގައި ޔާމީން ވާހަކަފުޅުދައްކަވަނީ (ސްކްރީންޝޮޓް)

އެއާއެކު ހަމްޒާ ވަނީ ޖަލު ހުކުމެއް އަދާކުރަމުންދާ އިރު އިންތިހާބުގައި ވާދަ ކުރުމުގެ ހައްގު ފޯރުކޮށްދޭ ބައެއް ޑިމޮކްރެޓިކް ގައުމުތަައް ވެސް ފާހަގަކުރައްވާފަ އެވެ. އޭގެ ތެރޭގައި ދެކުނު ކޮރެއާ، ސްޕެއިން، ރޮމޭނިއާ، މެސެޑޯނިއާ، މޮލްޑޯވާ، ބްރެޒިލް، ސްލޮވާކިއާ، ޖޯޖިއާ، ތުރުކީ އަދި އިޓަލީ އޭނާ ހިމެނުއްވި އެވެ.

އީސީގެ ރައްދު - އިލެކްޝަން ކޮމިޝަނުގެ ވަކީލު މަހުފޫޒު ސައީދު ހަމްޒާގެ ވާހަކައަށް ރައްދުދެއްވައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއެކޭ އެއްފަދައިން، ނައިބު ރައީސަކަށް ވަޑައިގަންނަވަނީ ވެސް ޖިނާއީ ހުކުމެއް ތަންފީޒުކުރައްވާ ބޭފުޅަކަށް ވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ.

އެހެން ކަމަށްވާ ނަމަ، އެ ދެ ބޭފުޅުން ވެސް ޖަލުގައި ތިއްބަވަން ޖެހި، ގާނޫނީ ހުސްކަމަކަށް ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ޕެއާ އަކީ ވެދާނެ އެކުގައި ޖިނާއީ ހުކުމެއްގައި އެއް ގޮޅިއެއްގައި ތަންފީޒު ކުރަމުންދާ ދެ ބޭފުޅަކަށް. އެހެންވެއްޖެ ހާލަތުގައި ކިހިނެއްތޯ ވާނީ؟ ގާނޫނީ ހުސްކަމަކަށް ނުދޭތޯ؟" ރައްދު ދެއްވަމުން މަހުފޫޒް ސުވާލު ކުރެއްވި އެވެ.

މަހުފޫޒް ވިދާޅުވީ ޔާމީންގެ ފާހަގަކުރައްވާ ނުކުތާ ރަނގަޅު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ނުދެކެނީ އެހެންވެގެން ކަމަށެވެ.

އެނގުން މުހިއްމު - މި މައްސަލައިގައި ޔާމީންގެ ފަރާތުން އެދޭ ގޮތް:

  • އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް

  • ޔާމީނަކީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވާ ފަރާތެއް ކަމަށް ކަނޑައަޅައިދިނުމަށް

  • ޔާމީންއާ އެއްކޮޅަށް މައްސަލަ ނިމިއްޖެ ނަމަ، ޔާމީންއަށް އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެންގުމަށް

  • ޔާމީންއަށް އަލުން ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު ދިނުމަށް

  • ޔާމީންގެ ކެންޑިޑެސީ ހުށަނޭޅޭ ހާލަތެއްގައި ޕީޕީއެމްއަށް ކެންޑިޑެސީ ހުށަހެޅުމަށް ފުރުސަތު ދިނުމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް