ގާސިމް އިބްރާހިމް 'ދައުރު'އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަނީ: މިއަދު އޭނާ ވަނީ ޖަޒްބާތުތައް ބަންޑުން ކޮށްލައްވާފައި. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

'ރައްޔިތުންގެ ހައްގުގައި' 39 އަހަރު؛ ގާސިމްގެ ޖަޒްބާތުތައް ކޮޅުންލައިފި

ގާސިމް ވަނީ 'ކުޑަ ޕާޓީ ބޮޑު ޕާޓީ'އަށް ނުބަލައި، ގައުމަށް އިހްލާސްތެރި ވެރިއަކު އިހްތިޔާރު ކުރެއްވުމަށް އެދިވަޑައިގެންފައި

"ރައްޔިތުންގެ ހައްގުގައި 1984 އިން ފެށިގެން މި ދަނީ ގުރުބާންވަމުން. މިއަދު އަޅުގަނޑުގެ ޖަޒުބާތުތައް ބަންޑުން ވެއްޖެ،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް، އަޑަށް ބާރު ލައްވަމުން ވިދާޅުވި އެވެ.

ކުރިމަތިވަމުން އަންނަ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ގާސިމަށް މިއަދަކީ "ހާއްސަ ދުވަހެ"ކެވެ. މ. ކުނޫޒުގައި ހުންނަ ޕާޓީގެ މައި އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި އޭނާގެ ކަނާތްފަރާތުގައި އިންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރުކަމުން މިދިޔަ މަހު އިސްތިއުފާ ދެއްވި މުހައްމަދު ޝިހާބެވެ. ވާތް ފަރާތުގައި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރިން ކުރެއްވި އަހުމަދު ނާޒިމެވެ.

ގާސިމް ގަބޫލު ކުރައްވާ ގޮތުގައި، ކުރިން އެމްޑީޕީ އާއި ޕީޕީއެމަށް ވަފާތެރި އެ ބޭފުޅުން، އަމިއްލަ ޕާޓީ ދޫކުރައްވައި މިއަދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވީ، އޭނާއަށް ކުރައްވާ އިތުބާރަކުންނެވެ. ގައުމު މިހާރު ވެއްޓިފައި އޮތް އަނދަވަޅުން، ޖުމްހޫރީ ޕާޓީގެ އެހީގައި އަރައިގަނެވޭނެ ކަމަށް ގަބޫލު ކުރައްވާތީ އެވެ. 

އެކަމަކު އެ ހަގީގަތް، ރައްޔިތުންނަށް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ވިސްނަންވީ ޖީބަށް ލިބޭ ލާރިކޮޅަކަށް ނޫން، ބޮޑު ޕާޓީ، ކުޑަ ޕާޓީއަކަށް ނޫން،" ގާސިމް ވިދާޅުވި އެވެ.

"[ރައްޔިތުން ބަލަންވީ] ގައުމު ދެކެ ލޯބިވާ، ގައުމުގެ މުސްތަގްބަލާއި މިނިވަންކަމަށް ވަފާތެރިވާނެ ބަޔަކަށް. ރައްޔިތުންނަށް ހަމްދަރުދީގެ ނަޒަރަކުން ބަލާލާނެ ވެރިއަކަށް."

ގާސިމް ވިދާޅުވި ގޮތުގައި މާޒީގައި، ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރި ކެންޑިޑޭޓުންގެ އަމަލުތަކަށް ވިސްނަން ޖެހެ އެވެ. އެ ބޭފުޅުންގެ ހުރީ ކޮން "އުރަތްޕެއްތޯ، ކޮން މިންވަރަކަށްތޯ" ބަލަން ޖެހެ އެވެ.

"ވޯޓު ދޭއިރު ބަލަންވާނީ އިހުލާސްތެރި ވާނީ ކާކުތޯ. ކާކުގެތޯ ވިޝަން ހުރީ. ކާކުގެތޯ ޑްރައިވް ހުރީ. ކާކުގެތޯ އެނާޖީ ހުރީ މި ހިސާބަށް އައި އިރު،" ގާސިމް ވިދާޅުވި އެވެ.

"މާޒީގައި ކޮށްދީފައި ހުރި ކަންކަމުން، ބަލަން ޖެހޭނީ މި ކަންކަމަށް." 

ގާސިމް ވިދާޅުވީ ކޮށްދެއްވާފައިވާ ކަންކަމުގެ ވާހަކަ އަމިއްލައަށް ދައްކަވަން އޭނާއަށް ވަރަށް އުނދަގޫ ކަމަށެވެ. އެކަމަކު ގައުމުގެ ވާހަކަ ދެއްކުންތެރިން، އެ ވާހަކަތައް ކިޔައި ނުދީ، ރައްޔިތުންނަށް އޮޅުންފިލުވައި ނުދިނުމަކީ ގައުމަށް ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ވާހަކަތައް ދައްކަން ޖެހެނީ އަނެއް މީހާ މަޝްހޫރު ކުރުމަށް ނޫން ކަމަށާއި އެކަމަކު ރައްޔިތުންނަށްޓަކައި ކަމަށް ވެސް ވިދާޅުވި އެވެ.

ކޮށި އަރާތީ، އެ ބައްދަލުވުމުގައި ވާހަކަދައްކަވަން ގާސިމްއަށް އުނދަގޫވި އެވެ. އެކަމަކު ފެންފޮދެއް ހިއްޕެވުމަށް ފަހު ވިދާޅުވީ، އެ "ޖަޒްބާތުތައް ރައްޔިތުންނާ ހިއްސާ ނުކޮށް ހުންނަތާ ލައްކަ ދުވަސް ވެއްޖެ" ކަމަށާއި، އެހެންވެ، "މިއަދުު އެ ފުރުސަތު ލިބުމުން ޖަޒްބާތުތައް އުތުރި އަރައިގެން ގޮސް ބަންޑުންވަނީ" ކަމަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް ކާމިޔާބު ލިބެނީ، އޭނާ ތާއީދު ކުރައްވާ މީހަކަށެވެ. އެހެންވެ، މި އިންތިހާބުގައި އޭނާ ތަޖުރިބާ ކޮށްލެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ކޮމެންޓް (5)

ކަށި

6 އޯގަސްޓު 2023
މި ފަހަރު ވެސް ކަށި ޖަހާނެ ޔަޤީން. ޤަޢުމެއްގެ ވެރިކަމަކީ ކުޅޭކުޅޭ އެއްޗެއް ނޫނޭ، ޓެސްޓް ކުރަންދޭން. ސްޓާރފުން ކޮވިޑް ގާ ޤާސިމް ޓެސްޓް ކުރިކަމަށްވޭ. މުއްދަތު ހަމަވެފަ ކަމަށް ހުރީ.
0 0

ބެއްޔާބެ

3 އޯގަސްޓު 2023
ރައްޔިތުން ވޯޓު ނުދޭނެކަން އެނގިހުރެ ކީއްކުރަންތަކުރިމަތިލަނީ
2 0

އަބޫނާ

3 އޯގަސްޓު 2023
ރައްޔިތުން ވިސްނަންވީ ގާސިމުހެން ކަލަގޮވައި ނޫޅޭނެ ވެރިއަކު ހޮވަން
4 0

ފާތިން

3 އޯގަސްޓު 2023
ރައްޔިތުންނަށްޓަކައި ގާސިމްވާ "ގުރުބާނީން"ނުންތޯ މުއްސަނދިވަމުން މުއްސަނދިކަން އިތުރުވަމުން އަނބިން ގިނަވަމުން ދަނީ. ރައްޔިތުންގެ މިލްކިއްޔާތުގެ ރަށްތަކާއި ބިންތައް ކުއްޔަކާ ނުލައި ބޭނުންކުރި ދުވަސްތަކުގެ އަގާއި ޤާސިމް އަތުން ރައްޔިތުންނަށް ދިންކަމަށް ބުނެ ތިޔަ ކަލަގޮވާ އަދަދުތަކާ އަޅާ ބަލާބަލަ. އެއީ ރައްޔިތުން ވިސްނަންވީ ކަމަކީ
3 0

ސަމިރާ

3 އޯގަސްޓު 2023
ޖޭ ނާޒިމް މެންގެ އިތުބާރު ލިބުނީމަ ރައްޔިތުން ނޫނެކޭ ބުނަން ހެޔޮނުވާނެ. މިފަހަރު ގާސިމް ހޮވުން ނޫން ގޮތެއް ނެތް.
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް