ތިނަދޫއާ އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު (ފޮޓޯ/ސްޓެލްކޯ)
ރައީސް، ތިނަދޫ އާ އިންޖީނުގެ ހުޅުވައިދެއްވައިފި
ވ. ތިނަދޫގައި ގާއިމްކުރި އާ އިންޖީނުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ހުޅުވައިދެއްވައިފި އެވެ.
ވީ ކިހިނެއް؟ - މިއީ ތިނަދޫގައި ކުރިން ހިދުމަތް ދެމުންދިޔަ އިންޖީނުގެ، އާންމުން ދިރިއުޅޭ ސަރަހައްދުގައި ހުންނާތީ، އޭގެ ސަބަބުން އިންޖީނުގެ ދުމާއި އަޑުގެ ސަބަބުން ރަށުގެ ރައްޔިތުންނަށާއި ރަށުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފަރާތްތަކަށް އަދި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެޅި އިންޖީނުގެ އެކެވެ.
ތަފްސީލް - ތިނަދޫގެ އާބާދީ އަށާއި އެ ރަށުގައި ކުރިއަރަމުންދާ ރަށު ފަތުރުވެރިކަމުގެ ސިނާއަތަށް ހިދުމަތް ދިނުމަށް އިންޖީނުގޭގެ ކެޕޭސިޓީ ކުޑަވުމުން އާ އިންޖީނުގެއެއް އެޅުމަށް ބިންގާ އެޅީ ބާ އިންޖީނުގެއަކީ ޑިމާންޑާއި އެއްވަރަށް ކޭޓާ ކުރުމުގައި ވެސް ދަތިތަކެއް ހުރި ތަނަކަށް ވުމުން، އާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ފެށީ 2020 ވަނަ އަހަރު އެވެ.
އިއްޔެ ހުޅުވި އިންޖީނުގެ އަކީ:
-
ޒަމާނީ، އަޑުމަޑު އިންޖީނުގެއެއް
-
1.3 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ލިބިފައިވޭ
-
ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ޖަނަރޭޓަރު ސެޓް ބެހެއްޓޭނެ
-
އިންޖީނުގޭގެ ފުރާޅުގައި 30 ކިލޯވޮޓްގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައި
ފާހަގަ ކުރެވޭ ކަމެއް - ތިނަދޫ އިންޖީނުގެ އަކީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާ އެކު، ސްޓްލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެ އެވެ.