ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމައަށް ރަސްމީކޮށް ރިޔާސި ޓިކެޓް އެރުވުމުގެ ރަސްމިއްޔާތުގައި އޭނާ ވާހަކަ ދައްކަވަނީ (ދައުރު ފައިލް ފޮޓޯ/ހުސައިން ސުނޭން)

ކޯލިޝަން އެއްބަސްވުން ތަންފީޒު ނުކުރި ކަމުގެ ޝަކުވާއާ އެކު ގާސިމް ވިދާޅުވީ 'މާ ސިންގާ' ކޮރަޕްޝަން ހިންގާ ކަމަށް

ކޯލީޝަން އެއްބަސްވުމަށް ގާނޫނީ ބާރު ދިނުމަށް އެ ކަމަށް ހާއްސަ ގާނޫނެއް ހަދާފައި ނުވާތީ އެކަމާ ވެސް ގާސިމް ކަންބޮޑުވުން ފާޅުކުރެއްވި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2018ގައި ވެރިކަމަށް ގެނައުމަށް ހެދި ކޯލިޝަން އެއްބަސްވުން ތަންފީޒު ނުވި ކަމުގެ ޝަކުވާއާ އެކު، މި ސަރުކާރުގައި ކޮރަޕްޝަން އިންތިހާއަށް އޮތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގާސިމް އެހެން ވިދާޅުވީ، އަމިއްލަ ޓީވީ ސްޓޭޝަން، ވީޓީވީއަށް ދެއްވި އިންޓަވިއުގަ އެވެ.

ތަފްސީލު - ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ރައީސް ސޯލިހް އަމަލުނުކުރެއްވި ކަމުގެ ކަންބަޑުވުން މީގެ ކުރިން ވެސް ފާޅުކުރައްވާފައިވާ ގާސިމް އެ އިންޓަވިއުގައި ވިދާޅުވީ، ޖޭޕީން ސަރުކާރުގައި މަޑުކޮށްގެން ތިބީ ގައުމުގެ މަސްލަހަތަށާއި ހަމަޖެހުމަށް ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ކޯލިޝަން އެއްބަސްވުމުގެ ދަށުން 2019ގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީއަށް ދޫކޮށްލަން ޖެހޭ ދާއިރާތައް ދޫކޮށްނުލައި ހުރިހާ ދާއިރާތަކަށް އެމްޑީޕީން ވާދަކުރި؛ ކުރީގެ ސަރުކާރާ ދެކޮޅަށް ނުކުތް 12 މެންބަރުންނަށް ވެސް ޓިކެޓެއް ނުދިން

  • މަޖިލީހުގެ ރައީސްކަން ވެސް ޖޭޕީއަކަށް ނުދިން

  • ސަރުކާރުގެ މަގާމުތަކުން ޖޭޕީއަށް ދޭން ޖެހޭ އިންސައްތަ ވެސް ދީފައެއް ނުވޭ

"މިއަދު ކަން ދިމާވި ގޮތް ފެނިވަޑައިގަންނަވާނެ، އަޅުގަނޑު ކޮންމެހެން އެއްޗެއް ކިޔާކަށް ނޫން. އެއީ، އަޅުގަނޑުމެންވީ ވައުދު އަހުދު، އަޅުގަނޑުމެން މަސައްކަތް ކުރި ގޮތްް،" ރައީސް ސޯލިހާ ވަކިވެވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީ ކޮބައިތޯ ވީޓީވީގެ ނޫސްވެރިޔާ އެހުމުން ދެއްވި 30 މިނެޓްގެ ޖަވާބުގައި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވީޓީވީއަށް ދެއްވި އިންޓަވިއުގައި ވާހަކަދައްކަވަނީ.

ގާސިމް ވިދާޅުވީ، އެ ޕާޓީގެ މެންބަރުން ސަރުކާރުގެ "ވަޒީފާ ނުލިބިގެން، އަނބިދަރިންނަށް ކާންދެވޭނެ ގޮތެއް ނެތިގެން، ވަރަށް ނިކަމެތިކޮށް" އުޅެން ޖެހުނު ކަމަށެވެ. އެކަމުގެ ޝަކުވާ ޖޭޕީގެ މެންބަރުންގެ ފަރާތުން އޭނާއަށް ވެސް ލިބުނު ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެހެން ނަމަވެސް، [ކޯލިޝަން އެއްބަސްވުމަށް އަމަލު ނުކުރިޔަސް] ކެތްކޮށްގެން ތިބީ، ގައުމު ހަމަނުޖެހުމަކަށް ނުގެންދަންވެގެން،" އޭނާ ވިދާޅުވި އެވެ.

ކޯލިޝަން އެއްބަސްވުމަަށް ގާނޫނީ ބާރުވެރިކަން ދިނުމަކީ ވެސް ރައީސް ސޯލިހްގެ ވައުދެކެވެ. އެމްޑީޕީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުނު އިރު ވެސް އެ ވައުދު ފުއްދާފައި ނުވާކަން ފާހަގަކުރައްވައި އެ ކަމުގެ ކަންބޮޑުވުން ވެސް ގާސިމް ފާޅުކުރެއްވި އެވެ.

އޭގެ އިތުރުން، މި ސަރުކާރުގައި ކޮރަޕްޝަން އިންތިހާއަށް ފެތުރިފައިވާ ކަމަށް ވެސް، އެ އިންޓަވިއުގައި ކުރި ހަމައެކަނި ސުވާލަށް ދެއްވި ޖަވާބުގައި ގާސިމް ވިދާޅުވި އެވެ.

"މި އަޑު އިވެނީ، ބޮޑެތި ސިންގާ ކޮރަޕްޝަންގެ ވާހަކަ، ދެއްތޯ؟ އަޅުގަނޑުމެންނަށް އޮބި ނޯންނަ ވަރަށް ކޮރަޕްޝަންގެ ވާހަކަ މިހާރު މި އަޑު އިވެނީ. އެއީ، ކަނޑައެޅިގެން ވަރަށް ބޮޑު ނުބައި ކަމެއް، ވަރަށް ބޮޑުު ފާފައެއް،" އޭނާ މި ވީހާ ތަނަށް ދައުލަތަށް ހިޔާނާތްތެރިވެފައި ނުވާނެކަން ފާހަަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.

"ރައްޔިތުން ވޯޓުލައިގެން [ވެރިކަމަށް] މީހަކު ހޮވަނީ، ރައްޔިތުންނާއި ދައުލަތަށް ހިޔާނާތްތެރިވާންތަ؟ އެ މީހުންގެ މުދާތައް ފުޅިއްސާލަން [ފޭރެން]ތަ؟ އެހެން އެކަން ކުރާކަށް ނޫންދޯ؟"

ވެރިޔަކު ހޮވަނީ، ގާސިމް ވިދާޅުވީި ގޮތުގައި، ގާނޫނުއަސާސީ އާއި ގާނުނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކޮށް، ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް އަމަލު ކުރުމަށެވެ. ނަމަވެސް، ރައީސް ސޯލިހް ކަންކަން ކުރައްވަނީ އެ ގޮތަށް ކަމާ މެދު ގާސިމް ސުވާލު އުފެއްދެވި އެވެ.

"އެންމެ ކުޑަ ހަރަދަކުން، އެންމެ ރަނގަޅު ކޮލިޓީގައި ކުރެވޭ ގޮތަކަށް މަސައްކަތްތައް ހިންގަން ވާނީ، ކުރަން ވާނީ، މީހުންނަށް ދޭން ވާނީ. އެއީ ކޮންމެ ޕްރޮޖެކްޓެއް ކަމަށް ވިޔަސް،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް