ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ރޭ ފޭދޫ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަނީ. (ޓްވިޓާ ފޮޓޯ/ ލޫކަސް ޖަލީލް)

ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓްސްގެ ވައުދު: ފުރަތަމަ 3 އަހަރު އުތުރާއި ދެކުނުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓީޖީއެސްޓީ ކަނޑާލުން

ތިން އަހަރު ހަމަވުމުން ދެން އޮތް ހަތް އަހަރު ދައްކަން ޖެހޭ ޓީޖީއެސްޓީގެ %50 ކަނޑާލަން ވެސް ވައުދުވި

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއަރުވަން ހުރި ހުރަސްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި، އެ ސަރަހައްދުތަކުގައި ރިސޯޓު އަދި ގެސްޓުހައުސް ތަރައްގީކޮށް ހިންގަން ފަށާ ފުރަތަމަ ތިން އަހަރުގެ ތެރޭގައި އެ ވިޔަފާރިތަކުން ނަގާ ޓީޖީއެސްޓީ އެއްކޮށް ކަނޑާލާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ރޭ ވައުދުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - އިލްޔާސް މިހެން ވިދާޅުވެފައިވަނީ ޑިމޮކްރެޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު އޭނާ މިވަގުތު އައްޑުއަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި ރޭ ފޭދޫގެ ޑިމޮކްރެޓްސް ހަރުގޭގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި، ދެކުނުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއެރުވުމަށް ޑިމޮކްރެޓްސް އިން ކުރާނެ ކަންކަން ފާހަގަކުރައްވަމުންނެވެ.

ބުނީ ކީކޭ؟ - "... އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރެއަށް އެބަ ލަން، ރާއްޖޭގެ ދެކުނާއި އުތުރުގައި އެބަ ޖެހޭ އިގްތިސޯދީ ހަރަކާތްތައް ހިންގަން. ރާއްޖޭގައި އެންމެ ފަސޭހައިން އެންމެ ފުޅާކޮށް ހިނގާ ކަމަކީ ޓޫރިޒަމްގެ ވިޔަފާރި،" އިލްޔާސް ވިދާޅުވި އެވެ.

ނަމަވެސް، ދެކުނުގެ އަތޮޅުތަކުގައި ޓޫރިޒަމްގެ ވިޔަފާރި ހިންގުމަށް އިންވެސްޓަރުންނަށް ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި ޑިމޮކްރެޓްްސްގެ ވެރިކަމެއްގައި އެފަދަ ވިޔަފާރިތަކަށް ހާއްސަ، ލުއި ގޮތްތަކެއް ހޯދައިދޭނެ ސިޔާސަތުތަކެއް ކަނޑައަޅަން އޭނާ ވައުދުވެވަޑައިގެންނެވި އެވެ. އެގޮތުން:

  • އައްޑޫގައި ރިސޯޓާއި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ފަށާތާ ފުރަތަމަ ތިން އަހަރުގެ ތެރޭގައި އެތަންތަނުން ނަގާ ޓީޖީއެސްޓީ އެއްކޮށް ކަނޑާލުން

  • އިތުރު ހަތް އަހަރު ދައްކަން ޖެހޭ ޓީޖީއެސްޓީގެ %50 ކަނޑާލާނުން

"އޭގެ ބޭނުމަކީ މި ސަރަހައްދުތަކުގައި ޓޫރިޒަމް ކުރިއެރުވުން. ޓޫރިޒަމްއާ އެކީ އިތުރު ވިޔަފާރީގެ ހަރަކާތްތައް ހިނގާނެ، މި ހުރިހާ ވިޔަފާރިތަކަށް ޖާގަ ދިނުން،" އިލްޔާސް ވިދާޅުވި އެވެ.

ތަފްސީލް - ޑިމޮކްރެޓްސް އިން އިފްތިތާހުކޮށްފައިވާ 'ލާމަރުކަޒީ ބަދަލު' ސިޔާސަތުގެ ދަށުން ޓޫރިޒަމަށާއި ވިޔަފާރިތަކަށް ކުރިއެރުން ލިބޭ ގޮތަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތައް ވެސް އިލްޔާސް ފާހަގަކުރެއްވި އެވެ. އެގޮތުން:

  • ޓެކްސްގެ ނިޒާމަށް ބަދަލު ގެނެސް، ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރާ ވިޔަފާރިތަކުން ނަގާ ޖީއެސްޓީގެ %50 އެ ރަށެއްގެ ކައުންސިލަށް ދޭ ގޮތަށް ހަމަޖެއްސުން

  • ބިމު ކުލީގެ ގޮތުގައި ކައުންސިލްތަކަށް ދޭ އާމްދަނީ %40 އިން %50އަށް ބޮޑު ކުރުން

  • ރަށުގައި ކުރާ ވިޔަފާރިތަކުން ލިބޭ ގްރީން ޓެކްސްގެ އާމްދަނީ ސީދާ ކައުންސިލްތަކަށް ލިބޭ ގޮތް ހެދުން

ފާހަގަކޮށްލެވޭ ކަމެއް - ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްވެފައިވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އެންޑް ސްޕާ ހުޅުވުމަކީ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ކުރާނެ ކަންތައް ކަމަށް ވެސް ރޭ އިލްޔާސް ވިދާޅުވި އެވެ. އެ ރިސޯޓު ހުޅުވުމަކީ ގިނަވެގެން ދެ ހަފްތާ ތެރޭގައި ކުރެވޭނެ ކަމެއް ކަމަށާއި، ރިސޯޓުގެ ހިއްސާދާރުންނާ އެކު ބައްދަލުވުމުގައި އިށީންނަ ގޮތަށް އެ މައްސަލަ ހައްލުކޮށްފައި ނޫނީ ބައްދަލުވުން ނިންމާ ނުލާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ޝަންގްރިއްލާއިން އައްޑޫގައި ހިންގާ ވިލިނގިލި ރިސޯޓު އެންޑް ސްޕާ. (ފޮޓޯ/ޝަންގްރިއްލާ)

ޝަންގްރިއްލާ ރިސޯޓް ކޮވިޑާ އެކު 2020 ވަނަ އަހަރުގެ ތެރޭ ބަންދުކުރި އެވެ. އައްޑޫގެ ވަރަށް ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން ދިޔަ އެ ރިސޯޓު ނުހުޅުވާ އޮންނާތާ ތިން އަހަރު ވެފައި ވާއިރު، އައްޑޫ ގިނަ ބައެއްގެ ވަޒީފާތައް ގެއްލި، ޓޫރިޒަމަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމުގެ ކަންބޮޑުވުންތައް އައްޑޫ ރައްޔިތުން ފާޅުކުރެ އެވެ.

އެނގުން މުހިންމު - ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގައި ހިމެނޭ ސަރުކާރުގެ %30 ހިއްސާ ދޫކޮށްލުމަށް ބޭނުންވާ ލިޔެކިއުންތައް އެ ރިސޯޓު ހިންގާ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ޖޫން މަހު ވިދާޅުވެފައިވެ އެވެ.

އެ ރިސޯޓް ހުޅުވުމަށް ކުރި މަސައްކަތުގެ ދަށުން:

  • ރިސޯޓްގައި އޮންނަ ސަރުކާރުގެ %30 ހިއްސާ ދޫކޮށްލުމަށް ގާނޫނަށް އިސްލާހުތަކެއް ގެންނަން ހުށަހެޅި؛ ސަރުކާރުން ބުނަނީ ހިއްސާ ދޫކޮށްލަން 80 މިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހޭ ކަމަށް

  • އައްޑޫ އިންވެސްޓްމަންޓްސް ކުންފުނީގައި ދެން ހިއްސާ އޮންނަނީ ޝަންގްރިއްލާ؛ އެ ކުންފުނިން ވެސް ހިއްސާ ވިއްކާލާނެ

  • އެ ރިސޯޓްގެ %70 ހިއްސާދާރު އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން ވަނީ ރިސޯޓް ވިއްކާލުމުގެ މަސައްކަތް އެމެރިކާގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ސީބީއާރުއީ ގްރޫޕާ ހަވާލުކޮށްފައި

  • އެގިފައިވާ ގޮތުގައި، އެ ރިސޯޓް ގަންނަން އެއްބަސްވެފައި ވަނީ މަންޓާ އެއާ އާއި ދ. ކުޑަހުވަދޫ އެއާޕޯޓް ހިންގަމުން އަންނަ ރިއޯލޯ ކުންފުނިން

އެމްޑީޕީގެ ޕްރައިމަރީއަށް މިދިޔަ ޖެނުއަރީ މަހު ރައީސް އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވާ ގޮތުން، މި އަހަރުގެ އޮގަސްޓް ނުވަތަ ސެޕްޓެމްބަރަށް އެ ރިސޯޓު ހުޅުވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް