ޑިމޮކްރެޓްސްގެ 'ލާމަރުކަޒީ ބަދަލު' ސިޔާސަތު އިފްތިތާހު ކުރުމަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ހަރަކާތުގެ ތެރެއިން. (ފޮޓޯ/ ޑިމޮކްރެޓްސް)

ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓްސްގެ 'ލާމަރުކަޒީ ބަދަލު': އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ގާއިމްކުރާނެ

ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއްދީ، ކައުންސިލަރުން ވަކިކުރަން ރިކޯލް ވޯޓު ނެގޭނެ ގޮތް ހެދުން ވެސް އެ ސިޔާސަތުގެ ތެރޭގައި ހިމެނޭ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ތަރައްގީކޮށް، މާލެ ސަރަހައްދު ތޮއްޖެއްސުން ކުޑަކުރުން ހިމެނޭ ގޮތަށް، ދަ ޑިމޮކްރެޓްސް އިން ފަރުމާކޮށްފައިވާ 'ލާމަރުކަޒީ ބަދަލު'ގެ ސިޔާސަތު އެ ޕާޓީން މިރޭ ލޯންޗުކޮށްފި އެވެ.

ވީ ކިހިނެއް؟ - ވަކިވަކި ރަށްރަށަށް އެރަށްރަށުގެ އިހުތިސާސް ކަށަވަރުކޮށްދީ، އަތޮޅުތަކަށް އެ އަތޮޅެއްގެ ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މި ސިޔާސަތު ލޯންޗު ކުރުމުގެ ހަރަކާތްތައް ޑިމޮކްރެޓްސްގެ ފަރާތުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާފައިވެ އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އިސްވެ ހުންނަވައި، ޕޮލިސީ އިފްތިތާހު ކުރުމުގެ މައި ޖަލްސާ ބާއްވާފައިވަނީ ހދ. ކުޅުދުއްފުށީގެ ޑިމޮކްރެޓްސް ހަރުގޭގަ އެވެ.

ތަފްސީލް - ޕްރެޒެންޓޭޝަނެއްގެ އެހީގައި މައުލޫމާތު ފޯރުކޮށްދެއްވަމުން އިލްޔާސް ފުރަތަމަ އަލިއަޅުވާލެއްވީ ރާއްޖޭގެ މިހާރުގެ ހާލަތަށާއި، ލާމަރުކަޒީ ނިޒާމުގައި ހުރި މައިގަނޑު މައްސަލަތަކަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ:

  • ގައުމީ ތަރައްގީގެ ދުރު ރާސްތާގެ އަމާޒެއް ނުވަތަ ޕްލޭނެއް ނެތުން

  • ވަސީލަތްތަކާއި ހިދުމަތްތައް މާލެއަށް މަރުކަޒީވެ، އާބާދީ އެކީ ތޮއްޖެހި، ދިރިއުޅެން އެކަށީގެންވާ ވަރު ތަނަކަށް ނުވުން

  • އަތޮޅުގެ އިހުތިސާސެއް ކަނޑަނޭޅި ގުދުރަތީ ވަސީލަތްތަކާއި ދިރުންތައް ހިމާޔަތްނުވެ، ނެތިދާން ދޫވެފައި އޮތުން

  • މަރުކަޒީ ތަރައްގީއަށްޓަކައި، އެހެން ސަރަހައްދުތަކުގެ ގުދުރަތީ ވަސީލަތްތައް އެ ސަރަހައްދުތަކަށް ފައިދާ ނުލިބޭގޮތަށް ނެގުން

  • ތަރައްގީގެ ޕްރޮގްރާމްތަކަށް ދަރަންޏަށް ޒިންމާވެ ފައިސާ ހޯދުމުގެ ފުރުސަތު ކައުންސިލްތަކަށް ބަންދުކޮށްފައި އޮތުން

  • ކައުންސިލްތަކުން ދޭން ގާނޫނުން ލާޒިމް ކޮށްފައިވާ ހިދުމަތްތައް ފޯރުކޮށްދޭން އެކަށޭނަ ބަޖެޓެއް ނުލިބުން

  • ޔުޓިލިޓީ އަދި މުއާސަލާތީ ކުންފުނިތަކުން ރަށްރަށުން ބައިވަރު ބިން ނަގާ، ރަށަށް އެކަށޭނަ ފައިދާއެއް ނުވުން

  • ކައުންސިލްތަކާއި އެތަންތަނުގެ އިދާރީ މުވައްޒަފުންނާ ދެމެދު އޮންނަ ގުޅުން ކުޑަވެ، ޒިންމާ އަދާކުރަން ދަތިވުން

  • ކައުންސިލްތަކުގެ މަސައްކަތް ލަސްވެ، ހިންގުން ބަލިކަށިވެ، ހިދުމަތް ހޯދުމުގައި ދަތިތައް ކުރިމަތިވުން

  • ރަށުގައި ދިރިނޫޅޭ މީހުންގެ ނުފޫޒު ބޮޑުވެ، ދާއިމީ ވަޒަންވެރިންނަށް ބަސްބުނެވޭނެ ޖާގަ ނެތުން

އެހެންކަމުން، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އަދި ފުރިހަމަ ނުވާ ކަމަށާއި، އެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ބޭނުންވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ރައްޔިތު މީހާއަށް ލިބެންޖެހޭ މަންފާ ލިބޭނެ ގޮތަކަށް އެ ނިޒާމު ބައްޓަން ކުރުމަށްޓަކައި، ކައުންސިލަރުންނާ ބައްދަލުވުން ބާއްވާ، ވޯކްޝޮޕް ބާއްވާ، ހަރުގޭގައި ހިޔާލުހޯދުމުގެ ސެޝަންތަކުން ލިބުނު މައުލޫމާތުގެ އަލީގައި ޑިމޮކްރެޓްސް އިން އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން ކުރަން ހުށަހަޅާފައިވާ ބައެއް ކަންކަމަކީ:

  • ކައުންސިލްތަކުގެ ބަހާއެކު ގައުމީ ތަރައްގީގެ ދުރުރާސްތާގެ ތަސައްވުރެއް އެކުލަވާލައި، ގާނޫނަކުން ހިމާޔަތްދިނުން

  • އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ގާއިމްކޮށް، އުމްރާނީ ތަރައްގީ ފަހިކޮށްދިނުން

  • މާލެއަށް ޖަމާވެފައި އޮތް އާބާދީ އާއި މަސައްކަތްތަކާއި ވަޒީފާތައް އާބަން ސެންޓަރުތަކަށް ބަހާލުން

  • މާލެއިން ބޭރަށް ހިޖުރަކުރަން ބާރުއެޅުމަށް ސެޓްލްމަންޓް އެލަވަންސާއި ބޯހިޔާވަހިކަން ލިބޭނެ ޕްރޮގްރާމެއް ތައާރަފު ކުރުން

  • ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން ކަށަވަރުވާނެހެން ރަށު އަދި އަތޮޅު އިހުތިސާސްގެ ހަމަތައް ގާނޫނުއަސާސީގައި ކަނޑައެޅުން

  • ދަރަނި ނެގުމުގެ ބާރު ކައުންސިލްތަކަށް ފަހިކޮށްދީ، ރަށުގެ ޖީޑީޕީގެ %60އާ ހަމައަށް ސޮވަރިން ޑެޓް ނެގޭނެ ފުރުސަތު ފަހިކޮށްދިނުން

  • ރަށްރަށުން ނެގޭ ގްރީން ޓެކްސް އެކީގައި އެރަށެއްގެ ގްރީން ފަންޑަށް ލިބުން

  • ރިސޯޓު އަދި ސިނާއީ ރަށްރަށުގެ ބިމުކުލިން ކައުންސިލްތަކަށް ދޭ %40 ބޮޑުކޮށް، %50 އަށް ބަދަލުކުރުން

  • ރަށެއްގެ ވިޔަފާރިތަކުން ދައުލަތަށް ލިބޭ ޖީއެސްޓީ އާމްދަނީގެ %50 އެރަށަކަށް ދިނުން

  • އޯޕަން އެކްސެސް ނެޓްވޯކްތަކެއް ގާއިމްކޮށް، ކައުންސިލްތަކުގެ ހިންގުމާއި ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، އޯޕަން ގަވަނަންސް ސިސްޓަމަކަށް ބަދަލުކުރުން

  • ކައުންސިލްގެ އާމްދަނީއާއި ހަރަދުތައް ވަގުތުން އާންމުވާނެ ނިޒާމެއް ގާއިމްކުރުން

  • ކައުންސިލްތައް ވަޒަންކުރެވޭނެ ލޯކަލް ކޮރަޕްޝަން އިންޑެކްސް އެއް ގާއިމްކުރުން

  • ދައުރުގެ ތެރެއިން އިންތިހާބުކުރެވޭ ކައުންސިލަރެއް ވަކިކުރަން، ރިކޯލް ވޯޓެއް ނެގޭނެ ގޮތް ގާނޫނުން ހޯދައިދީ، ދާއިމީ ގޮތެއްގައި ދިރިއުޅޭ ރަށެއްގެ ކައުންސިލަށް ވޯޓުލާ ގޮތް ގާނޫނު އިސްލާހު ކުރުން

  • ކައުންސިލްތަކަށް ލަފާދޭ ދާއިމީ ކޮމިޓީތަކެއް އުފެއްދުން

ފާހަގަކޮށްލެވޭ ކަމެއް - 'ލާމަރުކަޒީ' ބަދަލުގެ އިތުރުން ރައްޔިތުންގެ މަޖިލިސް ހިންގުމުގެ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކާއެކު ޑިމޮކްރެޓްސް އިން ވަނީ މިރޭ އެ ޕާޓީގެ 'ރާއްޖޭގެ މަޖިލިސް' ސިޔާސަތު ވެސް އިފްތިތާހު ކޮށްފަ އެވެ.

އެނގުން މުހިއްމު - ޑިމޮކްރެޓްސް އިން މީގެ ކުރިން އެ ޕާޓީގެ 'ފަސޭހަ ވިޔަފާރި' ސިޔާސަތު ލޯންޗުކޮށްފައިވެ އެވެ.

އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައި ދިރިއުޅުން ބިނާކުރުމުގެ މަގުފަހިކޮށްދޭން ކަމަށް ބުނެ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ ހައްލުތަކާ އެކު، އެ ސިޔާސަތު ލޯންޗުކުރުމަށް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރެއިން މައި ހަރަކާތް އޮތީ، އެ ޕާޓީގެ ބާނީ ނަޝީދު ބައިވެރިވެވަޑައިގެން ބ. ތުޅާދޫގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް